ޚަބަރު

އާއްމުންނަށް ޓްރެޜަރީ ބިލަށް އިންވެސްޓުކުރުމުގެ ފުރުސަތު ހުޅުވާލަަން ތައްޔާރުވަނީ


މި އަހަރު ނިމުމުގެ ކުރިން އާއްމުންނަށް ޓްރެޜަރީ ބިލަށް އިންވެސްޓުކުރުމުގެ ފުރުސަތު ހުޅުވާލެވޭނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާޙިމް އާމީރު ވިދާޅުވެއްޖެއެވެ.

ޓީ ބިލަކީ ބަޖެޓްގެ ޑެފިސިޓް ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެކެވެ. ޓީ- ބިލް ވިއްކަނީ އޭގެ އަސްލު އަގަށްވުރެ ހެޔޮކޮށް، އަދި ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން، އޭގެ ފައިސާ އަބުރައި ދައުލަތުން އެފަރާތަކަށް ދައްކަނީ އޭގެ އަސްލު އަގުގައެވެ. މީގެ ސަބަބުން ޓީ ބިލަށް އިންވެސްޓްކުރާ ފަރާތްތަކަށް ފައިދާ ލިބެއެވެ.

ރައްޔިތުންގެ މަޖްލީހުުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ މާލީ ސެކިއުރިޓީސް މާރކެޓު ތަރައްޤީކުރުމުގެ މަސައްކަތްތަކެއް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ ކަމަށެވެ. އަދި މިހާރު އެ މަސައްކަތް ގޮސްފައިވާ ހިސާބުން މިއަހަރު ނިމުމުގެ ކުރިން ޕްރޮޖެކްޓުގެ މަސައްކަތް ނިންމާ އާއްމު ރައްޔިތުންނަށްވެސް ޓްރެޜަރީ ބިލަށް އިންވެސްޓުކުރުމުގެ ފުރުސަތު ހުޅުވާލެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސެކަންޑްރީ މަރކެޓު، ސީއެސްޑީގެ ޕްރޮޖެކްޓުގެ މަސައްކަތް މަސައްކަތްކުރިއަށް ގެންދަނީ އެމްއެމްއޭ އިން ލީޑު ނަގައިގެން، އަޅުގަނޑަށް އެނގިފައިން ގޮތުން މިއަހަރު ނިމުމުގެ ކުރިން ސީއެސްޑީ ޕްރޮޖެކްޓު ނިންމާލެވޭނެ، އަދި ސެކަންޑްރީ މާރކެޓަށް ހަމަ އާއްމު ރައްޔިތުންނަށްވެސް އަދި ކުޑަކުޑަ ޑިނޯމިނޭޝަންސްތަކުންވެސް ޓްރެޜަރީ ބިލަށް އިންވެސްޓުކުރުމުގެ ފުރުސަތުތައް ހުޅުވާލެވޭނެ،" މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ޓީ ބިލްގައި އިންވެސްޓްކުރަނީ ބޭންކްތަކާއި ޕަބްލިކް ކުންފުނިތަކާއި ޕެންޝަން އޮފީހުގެ އިތުރުން އަމިއްލަ ކުންފުނިތަކުންނެވެ.

ރާއްޖޭގެ މާލީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޤާނޫންތަކާއި ގަވާއިދުތަކަށް ބަދަލުތަކެއް ގެނެސްފައިވާއިރު، މިއާއެކު މާލީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ދަނީ އަންނަމުންނެވެ.