ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ކުރިއަށްދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2022 ގެ ރ. އަތޮޅު މުބާރާތުގެ ގުރު ނަގައިފިއެވެ.
މުބާރާތުގެ ރ. އަތޮޅު ޒޯނުގެ ކުޅުން ކުރިޔަށްދާނީ އެ އަތޮޅު މީދޫ ގައެވެ. މި މުބާރާތުގެ ކުޅުން ކުރިޔަށްދާނީ މި މަހުގެ 25 އިން ނޮވެމްބަރު 3 ގެ ނިޔަލަށެވެ. މިއީ ރ. އަތޮޅުގައި ރިސޯޓު ލީގު ބާއްވާ ފުރަތަމަ ފަހަރެވެ.
ޖުމްލަ ހަތް ޓީމު ބައިވެރިވި މި ޒޯނުގެ ކުޅުން ކުރިޔަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އޭ ގައި ހިމެނޭ ޓީމުތަކަކީ ޖޯލި، އަލީލާ ކޮތައިފަރު، އެމެރަލްޑް މޯލްޑިވްސްގެ އިތުރުން ކުޑަފުށި ރިސޯޓެވެ. ގްރޫޕް ބީ ގައި ހިމެނުނީ ޖޯލި ބީން އާއި ކޯރާ ކޯރާ ގެ އިތުރުން ދިގަލި މޯލްޑިވްސް އެވެ.
މުބާރާތުގެ ގްރޫޕް އޭ އިން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީފައިނަލުން ޖާގަ ލިބޭއިރު ގްރޫޕް ބީ އިން ސެމީފައިނަލަށް ދާނީ އެއްވަނައަށް ދާ ޓީމުގެ އިތުރުން ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައި ކުޅޭ ނޮކައުޓް މެޗުން މޮޅުވާ ޓީމެކެވެ. މުބާރާތް ހުޅުވާ މެޗުގައި މި މަހުގެ 25 ވަނަ ދުވަހުގެ ހަވީރު ބައްދަލުކުރާނީ ގްރޫޕް އޭ ގެ އަލީލިއާ ކޮތައިފަރާއި ޖޯލި އެވެ. އަދި ދެވަނަ މެޗުގައި ގްރޫޕް ބީ ގެ ޖޯލި ބީން އާއި ކޯރާ ކޯރާ އެވެ.
މި ޒޯނުގެ ސެމީފައިނަލް މެޗުތައް އޮކްޓޯބަރު 31 ގައި ކުޅޭއިރު، ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައި ވަނީ ނޮވެމްބަރ 2 ގައެވެ.
މުޅި ރާއްޖެ އެކި ޒޯނުތަކަށް ބަހާލައިގެން ކުރިޔަށްދާ ރިސޯޓު ލީގުގައި މިހާތަނަށް ދާލު ޒޯނުގެ ޗެމްޕިއަންކަން ކަނޑިންމަ މޯލްޑިވްސް ހޯދިއިރު ސައުތު އަރި ޒޯނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލޭންޑެވެ. ސައުތު މާލޭ ޒޯނުގެ ޗެމްޕިއަންކަން އޮޒެން ރިޒާވް ބޮލިފުށި ހޯދިއިރު ނޯތު މާލޭ ޒޯނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބަރޮސް މޯލްޑިވްސް އެވެ. މީގެއިތުރުން ނޫނު އަތޮޅަށް ހާއްސަކޮށް ބޭއްވި ނޫނު ޒޯނުގެ ޗެމްޕިއަންކަން ސޮނޭވާ ޖާނީ ހޯދިއިރު ބާ ޒޯނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ނޮޓިލަސް މޯލްޑިވްސް އެވެ.