ޚަބަރު

އުރަމަތީގެ ކެންސަރަށް ޙާއްސަކޮށްގެން ހާޑްރޮކް މޯލްޑިވްސްއިން ޗެރިޓީ ކެމްޕޭނެއް


އުރަމަތީގެ ކެންސަރަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ހާޑްރޮކް މޯލްޑިވްސް އިން އިސްނަގައިގެން ކުރިއަށްގެންދާ "ޕިންކްޓޯބަރ"ގެ 23 ވަނަ އަހަރީ ކެމްޕޭންގެ ތެރެއިން "ޕިންކް ފަން ރަން"ގެ ނަމުގައި ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

މި ޗެރިޓީ ރަން އިވެންޓު އިއްޔެ ހަވީރު ބާއްވާފައި ވަނީ ކްރޮސްރޯޑްސްގެ ދަ މެރީނާ އާއި ހާޑް ރޮކް ހޮޓެލް މޯލްޑިވްސްގައެވެ.

ކޮންމެ އަހަރެއްގެވެސް އޮކޮޓޯބަރު މަހަކީ އުރަމަތީގެ ކެންސަރަށް ހޭކުންތެރިކަން އިތުރުކުރުކޮށް އުރަމަތީގެ ކެންސަރުގެ ހަޤީޤަތްތައް ދަސްކޮށްދިނުމަށް ވަކާލާތުކޮށް ބާރުއެޅުމުގެ މަހެވެ. މިމަހު އާންމުންނާއި މުއައްސަސާތަކާއި ޖަމިއްޔާޖަމާއަތްތަކާއި ކުންފުނިތަކުން ފިޔާތޮށި ކުލަ ބޭނުންކޮށްގެން އުރަމަތީގެ ކެންސަރަށް އަންހެނުން އަހުލުވެރިކުރުވުމަށް ވަކާލުތުކުރަމުންދެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢޫލޫމާތުދެއްވަމުން ހޮޓެލް ބްރޭންޑް "ހާޑް ރޮކް" އިންޓަނޭޝަނަލްގެ މެނޭޖަރ ޢަބްދުﷲ މުފީދު ވިދާޅުވީ، "ޕިންކްޓޯބަރ" ކެމްޕޭންގެ މަޤްޞަދަކީ އުރަމަތީގެ ކެންސަރުން ދިރިއުޅުން ސަލާމަތްކުރުމުގެ ދިރާސާތަކާއި ދިރިއުޅުން ބަދަލުކޮށްލާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ފަންޑު ހޯދުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކުރުމެވެ.

ކޮންމެ އަހަރެއްގެވެސް "ޕިންޓޯބަރ" ކެމްޕޭނަށް ލިބޭ ބޮޑު ތަރުހީބު ފާހަގަކުރައްވަމުން މުފީދު ވިދާޅުވީ މި "ޕިންކް ފަން ރަން" އިވެންޓުގައި ހާޑްރޮކް ހޮޓެލް މޯލްޑިވްސްގެ 38 މުވައްޒަފުން ބައިވެރިވެފައިވާކަމަށެވެ. މީގެ ތެރެއިން 43 މީހުންނަކީ އާންމުންކަމަށްވެސް މުފީދު ފާހަގަކުރެއްވިއެވެ.

"މިއަހަރުގެ "ޕިންކްޓޯބަރ" ކެންޕޭނުން ޓާގެޓަކީ 3000 ޑޮލަރު ހޯދުން. މިދިޔަ އަހަރުގެ މިކެންޕޭނުން 2000 ޑޮލަރު ހޯދާފައިވާނެ. އަދި މިދިޔަ އަހަރު ޖުމުލަ 700000 ޑޮލަރު ދުނިޔޭގެ އެކި ހިސާބުތަކުގެ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމަށް ހިންގާ ސޮސައިޓީތަކަށް ދީފައިވާނެ" މުފީދު ވިދާޅުވިއެވެ.

މި ކެމްޕޭންގެ ތެރެއިން ކުރިއަށް އިތުރު ހަރަކާތްތަކެއް ރޭވިފަވާކަމަށް މުފީދު ވިދާޅުވިއެވެ. އެގޮތުން އިއްޔެ "ރޮކްސިޓީ ކިޑްސް ކްލަބް" އާއި ގުޅިގެން "ޓައިޑައި ޓީޝާޓް" ގެ ނަމުގައި އިވެންޓެއް ބާއްވާފައިވެއެވެ. އަދި މީގެ އިތުރަށްވެސް "ޕިންކް ލެޓިން ބުފޭ" ގެ ނަމުގައި ކެއުމެއް ބޭއްވުމަށްވެސް ހަމަޖެހިފައިވާކަމަށްވެސް މުފީދު ވިދާޅުވިއެވެ.