ޚަބަރު

އިންސްޓަގްރާމުގައި ޕޯސްޓްތައް ޝެޑިއުލް ކުރެވޭގޮތް ހަދަނީ


މަޝްހޫރު ފޮޓޯގްރަފީ ސޯޝަލް މީޑިއާ ޕްލެޓްފޯމު، އިންސްޓްގްރާމްގައި ޕޯސްޓު ކުރާ ފޮޓޯތަކާއި ވީޑިއޯތައް ޝެޑިއުލްކޮށް ވަކި ވަގުތެއްގައި ޕޯސްޓު ކުރެވޭ ގޮތަށް ހެދުމަށް އިންސްޓަގްރާމުން މަސައްކަތްކުރަމުން އެބަދެއެވެ.

އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި "މެޓާ" ގެ ސްޕޯކްސްޕާސަނެއް ފާހަގަކުރިގޮތުގައި އެކުންފުނިން އަންނަނީ އިންސްޓަގްރާމަށް އައު ފީޗަރއެއް އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން އިންސްޓަގްރާމްގައި ޕޯސްޓުތައް ޝެޑިއުލް ކުރެވޭ ފީޗަރއެއް ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ސްޕޯކްސްޕާސަން ވިދާޅުވިއެވެ. މި ފީޗާަރމިހާރު އޮތީ ބީޓާ މަރުހަލާގައެވެ. އަދި ބައެއް ޑިވެލޮޕަރުންނަށް ދީގެން ޓެސްޓު ކުރަން ފަށާފައިވާއިރު އާންމުންގެ ބައެއް މީހުންނަށް ވެސް މި ފީޗަރ ފެންނަ ގޮތް މެޓާއިން ވަނީ ހަދާފައެވެ.

މި ފީޗަރއިން އިންސްޓަގްރާމަށް ޕޯސްޓެއް ލުމުގެ ކުރިން އެ ޕޯސްޓު ލާން ބޭނުންވާ ވަގުތެއް ކަނޑައެޅޭނެއެވެ. އެއާއެކު އެ ވަގުތަކަށް ޕޯސްޓު އަމިއްލައަށް ޓައިމްލައިނަށް އަޕްލޯޑް ވާނެއެވެ. މި ފީޗަރއާއެކު ޕޯސްޓުކުރާ ދުވަހުގެ އިތުރުން ވަގުތުވެސް ސެޓުކޮށްލެވޭނެއެވެ.

އިންސްޓަގްރާމް އިން މީގެކުރީން ވަނީ ލައިވް ވީޑިއޯ ޝެޑިއުލް ކުރެވޭ ފީޗަރއެއް ތަޢާރަފުކޮށްފައެވެ. އެ ފީޗަރއިން 90 ދުވަސް ކުރީންވެސް ލައިވް ވީޑިއޯއެއް ޝެޑިއުލް ކޮށްލެވޭނެއެވެ.

އިންސްޓަގްރާމް އިން އަލަށް ޓެސްޓް ކުރާ ފީޗަރ ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ވަރަށް އަވަހަށް އެ ފީޗަރ އާންމުންނަށް ލިބެން ފަށާނެ ކަމަށް ވަނީ އިންސްޓަގްރާމުން ބުނެއެވެ.