ޚަބަރު

ޔަމަނުގެ ދެކުނުގައިވާ ބަނދަރަކަށް ހޫޘީން ހަމަލާދީފި


ޔަމަނުގެ ދެކުނުގައިވާ ހަޛްރަމައުތު ޕުރޮވިންސުގައި އޮންނަ އަލްދަބާ ބަންދަރަށް ހޫޘީން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތައް ދީފައި ވަނީ، ޔަމަނުގެ ސަރުކާރު ފައުޖުތަކާއި ހޫޘީންނާ ދެމެދު ހަދާފައިވާ ހަމަލާތައް ބަދަލު ކުރުން ހުއްޓައިލުމުގެ އެއްބަސްވުމުގެ މުއްދަތު މި މަހުގެ ކުރީކޮޅު ހަމަވުމާ ގުޅިގެންނެވެ.

ހަމަލާތައް ދީފައި ވަނީ ޑްރޯން ބޭނުންކޮށްގެން ކަމަށާއި، ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމުގައި ޔަމަނުގެ ސަރުކާރުން ބުނެއެވެ. އަދި، ހަމަލާތަކަށް ރައްދު ދިނުމަށް ފަސް ނުޖެހޭނެ ކަމަށް ބުނެ ޔަމަނުގެ ސަރުކާރުން ވަނީ ހޫޘީންނަށް އިންޒާރު ދީފައެވެ.

ދެ ފަރާތުގެ މެދުގައި ހަމަލާ ބަދަލު ކުރުން ހުއްޓައިލުމަށް ހަ މަސް ދުވަހުގެ މުއްދަތަކަށް ހެދި އެއްބަސްވުމުގެ މުއްދަތު ވަނީ އޮކްޓޫބަރު 2ގައި ހަމަވެފައެވެ. ޔަމަނުގެ އިތުރުގެ ސަރަޙައްދުތައް އޮތީ ހޫޘީންގެ ބާރުގެ ދަށުގައެވެ. އެއީ، އީރާނުން ވާގިވެރިވެދޭ ޖަމުޢިއްޔާއެކެވެ.

ޔަމަނުގެ ދާޚިލީ މަސްރަޙަށް ކޮންމެ ވެސް ވަރެއްގެ ހަމަޖެހުންތަކެއް އައިސްފައި ވީ ނަމަވެސް، ހޫޘީން މިހާރު ދަނީ ގިނަ ކަންކަމެއް ކުރުމަށް ސަރުކާރަށް ބާރު އަޅަމުންނެވެ. މީގެ ތެރޭގައި، ހޫޘީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކުގައި ދިރިއުޅޭ މަސައްކަތްތެރިންނާއި، ރިޓަޔަރ ކޮށްފައިވާ ސިފައިންނަށް މުސާރަ ދިނުން ހިމެނެއެވެ. މި ކަންކަމާ މެދު އެއްބަސްވުމަކަށް ނާދެވި، ހަމަލާތައް ބަދަލު ކުރުން ހުއްޓައިލުމުގެ މުއްދަތު އިތުރު ކުރުމަށް ކުރަމުންދާ މަޝްވަރާތަކަށް ވަނީ ހިޔަނި އެޅިފައެވެ.

ހޫޘީން ބުނެފައި ވަނީ، އަލްދަބާ ބަނދަރަށް ހަމަލާ ދީފައި ވަނީ އިންޒާރު ދިނުމުގެ ގޮތުން ކަމުގައެވެ. އަދި، ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައި ދިރިއުޅޭ މީހުންނަށް ހައްޤުވާ މުސާރަ ނުދޭ ނަމަ، ބަނދަރުތަކުގެ މަސައްކަތްތައް ހުއްޓުވާނެ ކަމަށް އެ ޖަމާޢަތުން ވަނީ އިންޒާރު ދީފައެވެ.

ޔަމަނުގައި ދާޚިލީ ހަނގުރާމައެއް ފެށުނީ 2014ވަނަ އަހަރު ވެރިރަށް ސަނާއަށް އަރައި، ހޫޘީން އެ ރަށް ހިފުމާ ގުޅިގެންނެވެ. އެއާ އެކު، ސަޢޫދީ ޢަރަބިއްޔާއިން ވަނީ ގުޅިފައިވާ ފައުޖެއް އެކުލަވައިލާ، ސަނާ އަލުން މިނިވަން ކުރުމަށް ޔަމަނުގެ ސަރުކާރާ އެކު ގުޅިގެން މަސައްކަތް ފަށާފައެވެ.

މި ހަނގުރާމައިގައި އެތަކެއް ހާސް ބަޔަކު މަރުވެފައި ވީ ނަމަވެސް، އެ އަދަދު ސާފުކޮށް އެނގޭކަށް ނެތެވެ. މި ހަނގުރާމައާ ގުޅިގެން ޢަރަބި ދުނިޔޭގެ އެންމެ ފަގީރު ޤައުމު ކަމުގައިވާ ޔަމަނުގެ ރައްޔިތުންނަށް އިންސާނީ މުސީބާތެއް ކުރިމަތިވެފައިވާ ކަމުގައި އ.ދ.އިން ބުނެއެވެ.