ސޮކާ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި ގްރޭޑް ތިނެއް އަދި ހަތަރެއްގެ ނެެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ދެ ގްރޭޑުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މީގެއިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް އާއި ތައުލީމާ ބެހޭ ވަޒީރު ޑރ. އައިޝަތު އަލީގެ އިތުރުން މުބާރާތުގެ ސްޕޮންސަރުންނާ ސްކޫލްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މާލެ ސަރަހައްދުގެ 20 ސްކޫލަކާއެކު މި ފިއެސްޓާ ކުރިޔަށްދިޔައީ މި މަހުގެ 19 އިން 22 ގެ ނިޔަލަށެވެ. ޖުމްލަ 720 ދަރިވަރުން މި ފިއެސްޓާގައި ބައިވެރިވިއިރު، ޖުމްލަ 200 އޮފިޝަލުން މުބާރާތުގައި ބައިވެރިވިއެވެ.
ދެ ގްރޭޑުގެ ފައިނަލް މެޗު ކުޅުނުއިރު ގްރޭޑް ތިނެއްގެ ބައިން ޗެމްޕިއަންކަން ހޯދާފައިވަނީ އިސްކަންދަރު ސްކޫލެވެ. އިސްކަންދަރު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ރެހެނދި ސްކޫލު ބަލިކޮށްގެންނެވެ. މުބާރާތުގެ ގްރޭޑް ހަތަރެއްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޖަމާލުއްދީން ސްކޫލެވެ. ޖަމާލުއްދީން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކާމިލް ދީދީ ސްކޫލް ބަލިކޮށްގެންނެވެ.
ފައިނަލް މެޗަށްފަހު ފިއެސްޓާގެ ލޯގޯ ރައީސުލްޖުމްހޫރިއްޔާ އަށް ވަނީ އަރުވާފައެވެ. މި ލޯގޯ ރައީސް އާއި ހަވާލުކޮށްދެއްވީ މުބާރާތް އިންތިޒާމުކުރި ސޮކާ ވެޓަރަންސް އެސޯސިއޭޝަންގެ ޗެއާމަން އަލީ ޝަމީމެވެ. މީގެއިތުރުން ފިއެސްޓާގެ ކޮންމެ ގްރޭޑަކުން ދެވަނަ އަދި ތިންވަނަ ޓީމަށް މެޑަލް ހަވާލުކުރި އިރު، ފިއެސްޓާގައި ބައިވެރިވި ކޮންމެ ދަރިވަރަކަށް ވެސް މެޑަލް ހަވާލުކޮށްފައިވެއެވެ.
މުބާރާތުގެ ތިންވަނައަށް ދިޔަ ޓީމުތަކާއި ކުޅުންތެރިންނަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ ވަޒީރު އަހުމަދު މަހުލޫފެވެ. ދެވަނަ ހޯދި ޓީމުތަކަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ ވަޒީރު އައިޝަތު އަލީ އެވެ. އަދި ޗެމްޕިއަންކަން ހޯދި ސްކޫލުތަކަށް މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ފައިނަލް މެޗަށްފަހު ބޭއްވި އިނާމުދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުބާރާތް އިންތިޒާމުކުރި ސޮކާ ވެޓަރަންސްގެ ޗެއާމަން އަލީ ޝަމީމް ވިދާޅުވީ މުބާރާތުގެ މަގުސަދު ވަރަށް ރަނގަޅަށް ވެސް ހާސިލުވެފައިވާ ކަމަށާއި ސަރުކާރާއި މުއައްސަސާތަކުން ދޭ ތަރުހީބާއި އެއްބާރުލުމަކީ މުބާރާތް ކާމިޔާބުވުމުގެ ސިއްރު ކަމަށެވެ. އަދި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުން އެއީ މުޅި މުބާރާތަށް ވެސް ލިބުނު ބޮޑު ޝަރަފެއް ކަމަށް ވިދާޅުވިއެވެ.
ސޮކާ ވެޓަރަންސް އިން ވަނީ މިއަހަރު ގްރޭޑް އެކެއް އަދި ދޭއްގެ ދަރިވަރުންނަށް ހުޅުވާލައިގެން މާލޭގައި ފިއެސްޓާއެއް ބާއްވާފައެވެ.