ޚަބަރު

ޗައިނާ-ރާއްޖެ ގުޅުމަކީ ކުދި އަދި ބޮޑެތި ޤައުމުތަކަށް އޮތް ނަމޫނާ ގުޅުމެއް


ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގުޅުމުން ދޭހަކޮށްދެނީ ކުޑަ އަދި ބޮޑު ޤައުމެއްގެ ދެމެދުގައިވެސް ވަރުގަދަ ގުޅުމެއް ޤާއިމުކޮށް ދެމެހެއްޓިދާނެކަމުގެ ރިވެތި މިސާލުކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިންގ ވިދާޅުވެއްޖެއެވެ.

ވަން ވިދާޅުވީ ޗައިނާއިން އަބަދުވެސް ރާއްޖޭގެ ތަރައްޤީގައި ހިއްސާދާރެއްގެ ގޮތުގައި ދެމިއޮންނާނެކަމަށެވެ.

ރާއްޖެއާއި ޗައިނާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުވިތާ 50 އަހަރުފުރުމާއި ޗައިނާގެ 73 ވަނަ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިންގވަނީ ދެޤައުމުގެ ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ޗައިނާއިން ދެޤައުމުގެ ގުޅުން ހަރުދަނާކުރުމަށް އެކި ރޮނގުތަކުން މަސައްކަތް ކުރެއްވިކަން ސަފީރުވަނީ ފާހަގަކުރައްވާފައެވެ. ޗައިނާ ފާހަގަކުރެވެނީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެންމެ ބާރަށް ކުރިއެރި އިޤްތިޞާދަށްވާއިރު ޗައިނާއިން އަބަދުވެސް ޤައުމުތަކުގެ ތަރައްޤީއަށް ޚާއްސަ އިސްކަމެއް ދޭކަން ސަފީރުވަނީ ފާހަގަކުރައްވާފައެވެ.

ޗައިނާއާއި ރާއްޖެއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވަނީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ހަނދާނީ ފިލައެއް އަރުވާފައެވެ. އަދި ދުވަހުގެ މުނާސަބާއާއި ގުޅުވާ ވަނީ ޚާއްސަ ކޭކެއްވެސް ފަޅާފައެވެ. އަދި ދެޤައުމުގެ ތާރީޚީ ގުޅުން ރަމްޒުކޮށްދޭ ވީޑިއޯތަކެއް މިރަސްމިއްޔާތުގައިވަނީ ދައްކާލާފައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމްއާއި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުއާއި ވަޒީރުންނާއި ކުރީގެ ބައެއް ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދެޤައުމުގެ ސަރުކާރުތަކުގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖެއާއި ޗައިނާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 14 އޮކްޓޯބަރު 1972 ވަނަ އަހަރުއެވެ. ވޭތުވެދިޔަ 50 އަހަރުގެ ތާރީޚުގައި ޗައިނާއިންވަނީ ރާއްޖޭގެ ތަރައްޤީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތަކާއި، ސިނަމާލޭ ބްރިޖާއި ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު އެއް މަޝްރޫޢުކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢު ހިމެނެއެވެ. މީގެއިތުރުން އަސްކަރީގޮތުންނާއި ސިއްޙީ ދާއިރާއިންނާއި ހަކަތައާއި ތިމާވެށީގެ ދާއިރާއިންނާއި، އިންސާނީ ވަޞީލަތް ތަރައްޤީކުރުމުގެ ދާއިރާއިންވެސް ޗައިނާއިން އަންނަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.