ކުޅިވަރު

ޓީ20 ވޯލްޑް ކަޕް: ސުޕަ 12 ބައިން އަޔަލަންޑް ޖާގަ ހޯދައިފި


އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ސުޕަ 12 ބައިން އަޔަލަންޑް ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ސުޕަރ ޓުވެލް ބައިން އަޔަލަންޑް ޖާގަހޯދީ ފުރަތަމަ ބުރުގެ ގްރޫޕް ބީގައި މިމުބާރާތް ދެފަހަށް ކާމިޔާބުކޮށްފައިވާ ވެސްޓް އިންޑީޒް އާއި ބައްދަލުކުރިމެޗް 9 ވިކެޓުން ކާމިޔާބުކޮށްގެންނެވެ.

މެޗުން މޮޅުވާ ޓީމެއް ސުޕަރ ޓުވެލްއަށް ކޮލިފައިވާ ގޮތަށް އޮތް މިމެޗްގައި ޓޮސް ދިމާވެގެން ވެސްޓް އިންޑީޒް ގަސްދުކުރީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ. މިގޮތުން އެޓީމުން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ފަސް ކުޅުން ތެރިން ނުބައިވެގެން ހެދުނީ 146 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 62 ލަނޑު ހަދާދިން ބްރެންޑަން ކިންގްއެވެ. އަދި ޖޯންސަން ޗާލްސް ވަނީ 23 ލަނޑު ހަދާދީފައެވެ. މިއީނިންގްސްގައި އަޔަލަންޑަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 16 ލަނޑަށް ތިން ވިކެތް ނަގާދިން ގެރެތު ޑެލާނީއެވެ.

ޖަވާބުގައި އަޔަލަންޑް ކުޅެން އަރާ 17 އޯވަރު ތިން ބޯޅައިން އެއް ކުޅުންތެރިޔަކު ނުބައިވެގެންވަނީ 150 ލަނޑު ހަދާ މެޗް ކާމިޔާބުކޮށްފައެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 66 ލަނޑު ހަދާދިން ޕޯލް ސްޓަރލިންގއެވެ. އަދި ލޯކަން ޓަކަރ ނުބައިނުވެ 45 ލަނޑު ހަދާދިންއިރު ކެޕްޓަން އެންޑްރޫ ބަލްބަރނީ ވަނީ 37 ލަނޑު ހަދާދީފައެވެ. މި އިނިންގްސްގައި ވެސްޓް އިންޑީޒްއިން ނެގި ހަމައެކަނި ވިކެޓް އެޓީމަށް ނަގާދިނީ ހަތަރު އޯވަރު 38 ލަނޑަށް އަކެއާލް ހޮސެއިންއެވެ.

މި ކާމިޔާބީއާއެކު އަޔަލަންޑް މިވަނީ ސުޕަރ ޓުވެލްގެ ގްރޫޕް ވަންގައި ހިމެނިފައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ މުބާރާތް ބާއްވާ ޤައުމު އޮސްޓްރޭލިއާ އާއި އިންގްލަންޑް، ނިއުޒީލަންޑް، ސްރީ ލަންކާ އަދި އަފްޣާނިސްތާނެވެ.