އާސެނަލަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ގެބްރިއެލް، އެ ކުލަބުގައި 2027 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ނިންމައި އެއްބަސްވުން އާކޮށްފިއެވެ.
ގެބްރިއެލް އާސެނަލްއަށް ސޮއިކޮށްފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފްރެންޗް ލީގް އާންގެ ލީލްއިން ތޭވީސް ޕޮއިންޓް އެކެއް ހަތަރެއް މިލިއަން ޕައުންޑްގެ އަގަކަށެވެ.
ގެބްރިއެލް އާސެނަލް އާއެކު ސޮއިކުރި އާ އެގްރިމަންޓްގެ ދަށުން ފުރަތަމަ އެގްރިމަންޓަށް އިތުރު ވެގެން މިދިޔައީ ދެ އަހަރެވެ. އުމުރުން 24 އަހަރުގެ މިކުޅުންތެރިޔާ ވަނީ މިހާތަނަށް އާސެނަލްއަށް 81 މެޗް ކުޅެދީ ނުވަ ލަނޑު ޖަހާދީފައެވެ. އާސެނަލްގެ ކޯޗް މިކޭލް އާޓޭޓާ ހާމަކުރިގޮތުގައި ގެބްރިއެލް އަކީ ޒުވާން އަދި ކުޅުމުގެ އަހްލާގް ހުރި މޮޅު ކުޅުންތެރިއެއް ކަމަށެވެ. އަދި ކޮންމެ ދުވަހަކު އޭނާ އާއެކު މަސައްކަތް ކުރުމަކީ އާޓެޓާއަށްވެސް ލިބިގެންދާ އުފަލެއް ކަމަށް އޭނާ ހާމަކުރިއެވެ.
އާސެނަލްއިން ސެންޓްރަލް ޑިފެންޑަރުންނަށް ބަލާއިރު ބަލަނީ ޕާރޓްނަރޝިޕަށް ކަމަށާއި މިގޮތުން ގެބްރިއެލްގެ އެހިތެރިކަމާއެކު ވިލިއަމް ސަލީބާގެ ކުޅުން ރަނގަޅު ވެފައިވާއިރު ސަލީބާގެ ސަބަބުން ގެބްރިއެލްގެ ކުޅުންވެސް ރަނގަޅު ވެފައިވާކަމަށެވެ. އަދި މޮޅު ޓީމެއްގައި އެންމެ މަތީ ފެންވަރުގައި ކުޅެ ބައިކޮޅަށް ލަނޑު ވަނަ ނުދިނުމަށްޓަކައި ރަނގަޅު މައިބަދައެއް އޮންނަންޖެހޭ ކަމަށެވެ. އަދި އާސެނަލްއިން ފަހަކަށް އައިސް މިކަންކަން ވަރަށް ގިނައިން ހާސިލް ކުރެވެމުން އަންނަ ކަމަށް އާޓޭޓާ ހާމަކުރިއެވެ.
އާސެނަލް މިސީޒަންގައި އަންނަނީ މޮޅު ކުޅުމެއް ދައްކާ އިންގްލިޝް ޕްރިމިއަރ ލީގާއި ޔޫރޮޕާ ލީގްގައި އެންމެ ކުރީގައި ފައިތިލަ ސާބިތު ކުރަމުންނެވެ.