ޚަބަރު

"ދަ ކްރައުން" ގެ 5 ވަނަ ސީޒަން އަންނަމަހުގެ 9 ގައި


އިނގިރޭސި ޝާހީ އާއިލާއަށް ބިނާކޮށް ނެޓްފްލިކްސް އިން ގެނެސްދޭ މަޤުބޫލު ސީރީޒް "ދަ ކްރައުން" ގެ 5 ވަނަ ސީޒަންގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި ސީޒަން ޕްރީމިއާކުރަން ނިންމާފައި ވަނީ އަންނަ މަހުގެ 9 ގައެވެ. ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާކުރަމުން އަންނަ "ދަ ކްރައުން 5" އިން ވެސް ޝާހީ އާއިލާގެ ތެރޭގެ ކަންތައްތަކެއް ފެނިގެން ދާނެއެވެ. އެގޮތުން މިދިޔަމަހު އަވަހާރަވި ރާނީ އެލިޒަބަތު ދޭކާއި ޕްރިންސެސް ޑަޔާނާގެ ދުވަސްވަރުގެ އެތައް ކަމެއް އާ ސީޒަނުން ފެނިގެން ދާނެ އެވެ.

"ދަ ކްރައުން 5" ގައި ރާނީގެ ރޯލުން ފެންނާނީ "ހެރީ ޕޮޓާ" ގެ ފިލްމުތަކުން ފެނިފައިވާ އިލެމްޑާ ސްޓޯންޓަން އެވެ. ޕްރިންސް ފިލިޕްގެ ރޯލު "ދަ ޓޫ ޕޯޕްސް" ގެ އެކްޓަރު ޖޮނަތަން ޕްރައިސް ކުޅެފައިވާ އިރު ޕްރިންސް ޗާލްސް އަކީ "ދި އެފެއާ" ގެ ބަތަލު ޑޮމިނިކް ވެސްޓެވެ.


އިތުރު ކާސްޓުންނަށް ބަލާ އިރު ޑަނާޔާގެ ރޯލު "ޓެނެޓް" ގެ ބަތަލާ އެލިޒަބަތު ޑެބީކީ ކުޅެފައިވާ އިރު، މީގެ އިތުރުން ޝާހީ އާއިލާގެ މުހިއްމު ޝަހުސިއްޔަތުން "ދަ ކްރައުން 5" އިން ފެންނާނެއެވެ.

އާ ސީޒަނަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނައިރު، މިދިޔަ މަހުގެ 8 ވަނަ ދުވަހު ރާނީ އެލިޒަބަތު ދޭއް އަވަހާރަވުމާ ގުޅިގެން ކުރިން ހަދަން ނިންމާފައި އޮތް މީގެ ހަ ވަނަ ސީޒަން ނަހަދަން ނިންމިކަން ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް މިވާހަކަތައް ދެކެވޭއިރުވެސް އަދިވެސް މިކަމާ ބެހޭ ގޮތުން ރަސްމީކޮށް ނެޓްފްލިކްސް އިން ވަކި އެއްޗެއް ބުނެފައެއްނުވެއެވެ.

"ދަ ކްރައުން" އެންމެ ފުރަތަމަ ގެނެސްދިނީ 2016 ގަ އެވެ. އެގޮތުން މިހާތަނަށް ގެނެސްދިން ހަތަރު ސީޒަނާ އެކީ 40 އެޕިސޯޑް ދައްކާފައިވެ އެވެ. ދެން އެންމެ އަވަހަށް ދައްކަންފަށާ ފަސް ވަނަ ސީޒަން ޕްރީމިއާކުރާ އިރު، އޭގައި 10 އެޕިސޯޑް ހިމެނޭނެއެވެ.