ޚަބަރު

ކެޓްރީނާ ފުރަތަމަ ފަހަރަށް ޑަބަލް ރޯލަކުން ފެނިދާނެކަމުގެ އިޝާރާތެއް


ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ކެޓްރީނާ ކައިފް ލީޑް ރޯލުން ފެންނަ ފިލްމު "ފޯންބޫތު" ގެ ޓްރެއިލާ ދާދި ފަހުން ދައްކާލާފައިވާއިރު، ޓްރެއިލާ އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

އަންނަ މަހު 4 ގައި ރިލީޒްކުރަން ނިންމާފައިވާ މި ފިލްމުގައި ކެޓްރީނާގެ ޑަބަލް ރޯލު ފެންނާނެ ކަމަށް މުނިފޫހިފިލުވައިދޭ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން މިހާރު އަންނަނީ ރިޕޯޓުކުރަމުންނެވެ. މިއާއިއެކު މިއީ ކެޓްރީނާ ޑަބަލް ރޯލެއް ކުޅޭ ފުރަތަމަ ފަހަރެވެ. ނަމަވެސް އޭނާ ކުޅެނީ ޑަބަލް ރޯލެއް ކަމެއް ޕްރޮޑަކްޝަން ޓީމުން އަދި ކަށަވަރެއް ނުކޮށްދެއެވެ. އަދި ކުރިން ދޫކޮށްލާފައިވާ ދެ މިނިޓެއްހާ ދިގުމިނުގެ ޓްރެއިލާގައިވެސް އެ ކަހަލަ އިޝާރާތެއްވެފައި ނެތެވެ.


މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ކެޓްރީނާ ޑަބަލް ރޯލުން ފެންނައިރު އެއް ރޯލުން ފެންނާނީ ޖިންނިއެއް ގޮތަށެވެ. އަނެއް ރޯލުން ހަމަ އާދައިގެ ކެރެކްޓާއެއް ފެންނައިރު، ދެ ރޯލުގެ ލުކްވެސް ވަރަށް ތަފާތުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފަރުހާން އަޙްތަރާއި ރިތޭޝް ސިދުވާނީގެ އެކްސަލް އެންޓަޓައިންމަންޓަށް ގުރުމީތު ސިންގް ޑައިރެކްޓްކޮށްފައިވާ ފިލްމުން ކެޓްރީނާއާއިއެކު ދެން ފެންނާނީ ސިދާންތު ޗަތުރަވެދީ އާއި އިޝާން ކައްތަރެވެ.

ކެޓްރީނާގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އެގޮތުން ދެކުނު އެކްޓަރު ވިޖޭ ސެތޫޕަތީއާއެކު ކެޓްރީނާ ލީޑް ރޯލުން ފެންނަ "މެރީ ކްރިސްމަސް" އަދި ސަލްމާން ޚަނާއިއެކު ފެންނަ "ޓައިގާ 3" ހިމެނެއެވެ.