ކުޅިވަރު

ދެވަނަ ބުރުގައި އެންމެ ފަހުގެ ފައިނަލުގައި ވާދަކުރި އާރްއާރްސީ އާއި އެފްއެސްއެމްގެ ކުރިމަތިލުމެއް


ކުލަބު މޯލްޑިވްސް ކަޕް 2022 ގެ ދެވަނަ ބުރުގައި އެންމެ ފަހުން ބޭއްވި މުބާރާތުގެ ފައިނަލުގައި ވާދަކުރި ދެ ޓީމު ކަމަށްވާ ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އާއި ޓީމު އެފްއެސްއެމް ބައްދަލުކުރަން ޖެހިއްޖެއެވެ.

މުބާރާތުގެ ދެވަނަ ބުރުގެ ގުރުނެގުން ބާއްވާފައިވަނީ ހުކުރު ދުވަހުގެ ހަވީރު އެޗްޑީސީ ހޯލުގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ. މި ހަފުލާގައި ގުރުނަގާފައި ވަނީ ޓީމުތަކުގެ އޮފިޝަލުންގެ ހާޒިރުގައެވެ.

މުބާރާތުގެ ދެވަނަ ބުރު ނުވަތަ ގަދަ 16 ގައި ވާދަކުރާ ޓިީމުތައް ކަނޑައަޅާފައި ވަނީ ހަތަރު ޕޮޓަށް ބަހާލައިގެންނެވެ. ގުރުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ އެންމެ ފަހުގެ ފައިނަލުގައި ބައްދަލުކުރި ދެ ޓީމުގެ ކުރިމަތިލުމަށެވެ. އެންމެ ފަހުން މި ދެ ޓީމު ކުޅުނު މިދިޔަ އަހަރުގެ ކުލަބު މޯލްޑިވްސް ކަޕުގެ ފައިނަލް މެޗު އާރްއާރްސީން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގެ ދެވަނަ ބުރުގައި އާރްއާރްސީ ވާދަކުރަނީ ސައްތައިން ސައްތަ މޮޅުވުމުގެ ރިކޯޑަކާއެކު ގްރޫޕް ބީގެ އެއްވަނަ ހޯދައިގެންނެވެ. އެފްއެސްއެމް ދެވަނަ ބުރަށް ދިޔައީ އެ ޓީމު ވާދަކުރި ގްރޫޕް އީގެ ދެވަނަ މަގާމާއެކުއެވެ.

ބައިކޮޅަށް ލަނޑެއް ނުވަދެ ދެވަނަ ބުރަށް ދަތުރުކުރި އެމްޕީއެލް ނުކުންނާނީ މޯލްޑިވިއަންއާ ދެކޮޅަށެވެ. އަދި އެމްޕީއެލްއާ އެއްގޮތަށް ބައިކޮޅަށް ލަނޑެއް ނުވަދެ ދެވަނަ ބުރާ ކުރިމަތިލި ވެމްކޯ ނުކުންނާނީ ޓީމު އެލައިޑާ ދެކޮޅަށެވެ.

ދެވަނަ ބުރުގެ އެހެން މެޗުތަކަށް ބަލާއިރު ކަސްޓަމްސް އާއި ފެނަކަ ބައްދަލުކުރާއިރު، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އެސްޓީއޯ ބައްދަލުކުރާނީ މީގެ ކުރިން ޗެމްޕިއަންކަން ހޯދި ކުލަބު އެއާޕޯޓްސްއާއެވެ. އަދި ސްޓެލްކޯ އާއި ދެކޮޅަށް ފެން ކުލަބު ނުކުންނައިރު، މުބާރާތުގެ އެއް ފެވަރިޓް ކަމަށްވާ ކުލަބު އެޗްޑީސީން ދެވަނަ ބުރުގައި ބައްދަލުކުރާނީ ކުލަބު އެވްސެކްއާއެވެ. އަދި އެމްއޭސީއެލް ނުކުންނާނީ ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށެވެ.

ކުލަބު މޯލްޑިވްސް ކަޕުގެ ގަދަ 16 ބުރުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގައެވެ.