ޚަބަރު

ޗޭޑްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 50 މީހުން މަރުވެއްޖެ


އެފްރިކާ ބައްރުގެ ޤައުމެއް ކަމުގައިވާ ޗޭޑްގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ހިނގި ހަމަނުޖެހުންތަކެއްގައި 50 މީހުން މަރުވެއްޖެއެވެ. ސަރުކާރާ ދެކޮޅަށް ޗޭޑްގެ ޢާންމު ރައްޔިތުން ނިކުމެ މުޒާހަރާ ކުރަން ފަށާފައި ވަނީ، ވެރިކަމަށް ނުފޫޒު ފޯރުވަން އެ ޤައުމުގެ އަސްކަރިއްޔާއިން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުންނެވެ.

މުޒާހަރާތައް ބާއްވާފައި ވަނީ ވެރިރަށް އެންޖަމީނާގައެވެ. މި މުޒާހަރާތަކުގައި އެތަކެއް ހާސް ރައްޔިތުންނެއް ބައިވެރިވި ކަމަށް ބެލެވޭއިރު، އެ މީހުންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 300އަށްވުރެ ގިނަ މީހުން ޒަޚަމުވި ކަމުގައި ޗޭޑްގެ ބޮޑުވަޒީރު ޞާލިޙް ކެބްޒަބޯ ވިދާޅުވިއެވެ. އެންޖަމީނާގެ އިތުރުން މޫންޑޫއާއި ކޫމްރާގައި ވެސް ބޮޑެތި މުޒާހަރާތަކެއް ކުރިއަށް ދިޔައެވެ.

ޗޭޑްގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައި ވަނީ، އަސްކަރީ ވެރިކަން ނިމުމަކަށް ގެނެސް، މަދަނީ ސަރުކާރެއް ޤާއިމު ކުރުމުގެ މަސައްކަތް ފެށުމަށް އަސްކަރިއްޔާއިން ވަޢުދުވެފައިވާ ތާރީޚު ފަހަނައަލައި ދިޔުމާ ގުޅިގެންނެވެ. އެ ތާރީޚު އޮކްޓޫބަރު މަހުގެ 20ވަނަ ދުވަހު ހަމަވެފައި ވީ ނަމަވެސް، ޗޭޑްގެ އަސްކަރިއްޔާއިން ވަނީ އިންތިޚާބެއް ބާއްވާނީ އަދި އިތުރު 24 މަސް ފަހުން ކަމުގައި އިޢުލާނު ކޮށްފައެވެ.

މުޒާހަރާ ކުރާ މީހުން ސަރުކާރުގެ ޢިމާރާތްތަކާއި މުދަލަށް ގެއްލުން ދެމުންދާ ކަމަށާއި، މީގެ ތެރޭގައި ގަވަރުނަރުގެ އޮފީހާއި، ބޮޑުވަޒީރުގެ ގެކޮޅާއި، ޤާނޫނު ހަދާ މަޖިލީހުގެ އިދާރާ ހިމެނޭ ކަމުގައި ސަރުކާރުގެ ތަރުޖަމާނު ބުންޏެވެ. މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން ކުރި މަސައްކަތްތަކުގައި ހަތިޔާރު ބޭނުންކޮށް، ޢާންމުންނަށް އަމާޒުކޮށް ބަޑި ޖަހާފައިވެއެވެ.

މުޒާހަރާތައް ކޮންޓްރޯލް ކުރުމުގެ ގޮތުން ޗޭޑްގެ ސަރުކާރުން މިހާރު ވަނީ ކަރފިޔުއެއް އިޢުލާނު ކޮށްފައެވެ. އަދި، އެންޖަމީނާގައި ޢާންމު ހާލަތެއް ޤާއިމު ކުރެވެންދެން ކަރފިޔު ދަމަހައްޓާނެ ކަމުގައި ސަރުކާރުން ބުނެއެވެ. މީގެ އިތުރުން، ސަރުކާރާ ދެކޮޅު ޕާޓީތަކުގެ އެންމެހައި ހަރަކާތްތަކަށް ހުރަސް އެޅުމަށް ވެސް ޗޭޑްގެ ސަރުކާރުން ވަނީ ނިންމާފައެވެ.

ޗޭޑްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އ.ދއިން ވަނީ ޗޭޑްގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ހަތިޔާރު ބޭނުން ކޮށްފައިވާތީ އެ ކަން ކުށްވެރި ކޮށްފައެވެ. އަދި، އިންސާނީ ހައްޤުތަކަށް އަރައިގަނެފައިވާ މައްސަލަ ތަހުޤީޤު ކުރުމަށް އ.ދ.އިން ވަނީ ގޮވައިލާފައެވެ. ވިލާތުގެ އިއްތިހާދު (އީ.ޔޫ)އިން ވެސް ވަނީ ހަމަނުޖެހުންތައް ކުށްވެރި ކޮށްފައެވެ.