ޚަބަރު

ފަސް އަހަރުދުވަހަށް އިންތިޚާބުތަކުގައި ވާދަކުރުން އިމްރާން ޚާނަށް މަނާކޮށްފި


ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ޕާކިސްތާނުގައި ބާއްވާ އެއްވެސް އިންތިޚާބެއްގައި ވާދަ ކުރުމުގެ ފުރުޞަތު އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް އިންތިޚާބާ ބެހޭ ކޮމިޝަނުން ބަންދު ކޮށްފިއެވެ. އެ ކޮމިޝަނުން މި ގޮތަށް ނިންމާފައި ވަނީ، ވެރިކަމުގައި ހުންނެވިއިރު ހަދިޔާގެ ގޮތުގައި ލިބުނު މުދަލާ ގުޅޭ ގޮތުން އިތުރުފުޅު ހެއްދުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުއެވެ.

އިންތިޚާބުތަކާ ބެހޭ ކޮމިޝަނުގެ ނިންމުން އިޢުލާނު ކުރުމާ އެކު ވެރިރަށް އިސްލާމްއާބާދުގެ އިތުރުން ބޮޑެތި އެހެން ރަށްތަކުގައި އިމްރާން ޚާނަށް ތާޢީދު ކުރާ މީހުން ވަނީ މުޒާހަރާ ކުރަން ފަށާފައެވެ. އިސްލާމްއާބާދުގައި އޭނާއަށް ތާޢީދު ކުރާ މީހުން ވަނީ ހަމަނުޖެހުން ހިންގައި، ފުލުހުންގެ އުޅަނދުފަހަރަށް ގެއްލުން ދީފައެވެ.

ހަމަނުޖެހުންތަކުގެ ތެރެއިން ޚާންގެ ހަށިފާރަވެރިއެއް ހައްޔަރު ކޮށްފައިވާ ކަމުގައި ފުލުހުން ބުނެއެވެ. ލާހޯރުގައި ވެސް އޭނާއަށް ތާޢީދު ކުރާ މީހުން ވަނީ މަގުތައް ބަންދު ކޮށްފައެވެ. ފައިސަލްއާބާދުގައި ވެސް އޭނާއަށް ތާޢީދު ކުރާ މީހުން ވަނީ ދަތުރުފަތުރު ކުރުމަށް ހުރަސް އަޅާފައެވެ.

"އިމްރާން ޚާން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން މި ވަނީ ނިންމާފައި. އެ ނިންމުން ހައިކޯޓުގައި އިސްތިޢުނާފު ކުރާނަން،" ޚާންގެ ޤާނޫނީ ވަކީލެއް ކަމުގައިވާ ގޯހާރް ޚާން ވިދާޅުވިއެވެ. އިލެކްޝަން ކޮމިޝަނުގެ ނިންމުމާ އެކު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބާއްވާ އެއްވެސް އިންތިޚާބެއްގައި ވާދަ ކުރުމުގެ ފުރުޞަތު ޚާނަށް ގެއްލިފައިވާ ކަމުގައި ވެސް އޭނާގެ ޤާނޫނީ ވަކީލުން ބުނެއެވެ.

ޕާކިސްތާނުގެ ޤާނޫނުތައް ބުނާ ގޮތުން، ވެރިކަމުގައި ހުންނަވާ ފަރާތަކަށް ބޭރު ޤައުމުތަކުން ލިބޭ ވަކި އަގަކަށް ވުރެ އަގުހުރި ހަދިޔާތައް ދަޢުލަތާ ހަވާލު ކުރަން ޖެހޭނެއެވެ. އަދި، އެ ތަކެތި ބެހެއްޓޭނީ އެ ކަމަށް ޚާއްޞަ ކޮށްފައިވާ އިދާރާއެއްގައެވެ.

50 އިންސައްތަ ޑިސްކައުންޓެއްގައި އެ ފަދަ ހަދިޔާތައް ބައްލަވައިގަނެ، އަމިއްލަ ކުރުމުގެ ފުރުޞަތު އެ ތަކެތި ލިބިވަޑައިގެންނެވި ވެރިއަކަށް އޮވެއެވެ. ނަމަވެސް، އިމްރާން ޚާނާއި އޭނާގެ އަނބިކަނބަލުން މި ގޮތަށް ލިބިވަޑައިގެންނެވި ގިނަ ހަދިޔާތަކެއް އަމިއްލަފުޅަށް ބޭނުންފުޅު ކުރައްވާފައިވާ ކަމުގައި ޕާކިސްތާނުގެ ނޫސްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. ބައެއް ތަކެތީގެ ތެރޭގައި އަގުބޮޑެތި ގަޑިތަކާއި، ގަހަނާއާއި، އަތްދަބަހާއި ސެންޓު ފަދަ ތަކެތި ހިމެނެއެވެ.

މި ކަމާ ގުޅޭ ގޮތުން ޚާން ވިދާޅުވީ، ބައެއް ތަކެތި ލިބިވަޑައިގެންނެވި ކަން ދަޢުލަތަށް އަންގަވާފައި ނުވަނީ ޤައުމީ ސަލާމަތާ ގުޅުން ހުރި ސަބަބުތަކެއްގެ ސަބަބުން ކަމުގައެވެ. އަދި، ބައެއް ތަކެއްޗަކީ 100,000 އެމެރިކާ ޑޮލަރު ދެއްކެވުމަށް ފަހު އޭނާ ބައްލަވައިގެންނެވި ތަކެތި ކަމަށާއި، އެ ތަކެތި ދެގުނަ އަގުގައި ވިއްކާލާފައިވާ ކަމުގައި ވެސް ޚާން ވިދާޅުވިއެވެ.

ޚާންއާ ދެކޮޅު ފަރާތްތަކުން ވަނީ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުގެ ނިންމުމަށް މަރުޙަބާ ކިޔާފައެވެ. "ޚާނަކީ ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ ކަމަށް ބުނެ އިތުރުފުޅު ހައްދަވަމުން ގެންދިޔަ ބޭފުޅެއް. ނަމަވެސް، މިއަދު ހާމަވެގެން އެ ދިޔައީ ކޮރަޕްޝަންގެ އަމަލުތަކުގެ ފަހަތުގައި ވަނީ އޭނާ ކަން،" ޚާރިޖީ ވަޒީރު ބިލާވާލް ބުއްޓޫ ޒަރުދާރީ ވިދާޅުވިއެވެ.

2018ވަނަ އަހަރު ބޭއްވި އިންތިޚާބު ކާމިޔާބު ކުރައްވައި ޚާން ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގެންނެވީ ގިނަ ވަޢުދުތަކަކާ އެކުގައެވެ. އޭގެ ތެރޭގައި އިޖުތިމާޢީ ދާއިރާގެ ކަންކަން އިސްލާހު ކުރުމާއި، ދީނީ މިނިވަންކަން ހަނިކުރުމާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުން ހިމެނެއެވެ.