ޚަބަރު

"ހޯމް ބޭސްޑް" މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ބީސީސީން ޙާއްސަ ހަރަކާތެއް


ބައިނަލްއަގްވާމީ "ހޯމް ބޭސްޑް" މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ޙާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

މިހަރާކާތް ކުރިއަށް ގޮސްފައިވަނީ އާޓިފިޝަލް ބީޗްގައި އިއްޔެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ "ހޯމް ބޭސްޑް" މަސައްކަތްތެރިންގެ ދުވަހެވެ. ކޯވިޑް19ގެ ޙާލަތާއި ގުޅިގެން، ގޭގައި ތިބެގެން ކުރާ ކުދި ވިޔަފާރިތައް ވަނީ އިތުރުވެފައެވެ. އެގޮތުން އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކޮށްގެން ވިއްކުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވީ، އެ ކޯޕަރޭޝަނާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން ކޯވިޑް-19ގެ ހާލަތުގައި ކުދި އޮންލައިން ވިޔަފާރިތަކަށް އަމާޒުކޮށްގެން އެފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން، މިދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ގޭގައި މަސައްކަތްކުރާ ފަރާތްތަކުގެ ޚިދުމަތަށް ޢާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، އެފަރާތްތަކުގެ މަސައްކަތްތަކުގެ އަގު އިތުރަށް ވަޒަންކުރުންކަމަށް ބީސީސީން ވިދާޅުވެއެވެ.

ބައިނަލްއަޤްވާމީ "ހޯމް ބޭސްޑް" މަސައްކަތްތެރިންގެ ދުވަހުގެ މިހަރަކާތުގައި ގޭގައި މަސައްކަތްކުރާ 21 ފަރާތަކުން ބައިވެރިވެފައިވެއެވެ. އެކި އުމުރުފުރާތަކަށް ޙާއްސަ އަންނައުނު ވިއްކުމުގެ ވިޔަފާރިކުރާ ފާރަތްތަކާއި، ކާބޯތަކެތީގެ އެކި ބާވަތްތަކުގެ ވިޔަފާރި ކުރާފަރާތްތަކުގެ އިތުރުން، ތަފާތު އެކި އަމިއްލަ އުފެއްދުންތައް އުފައްދާ ވިޔަފާވެރިން މި ހަރަކާތުގައި ބައިވެރިވެފައވެއެވެ.

އެގޮތުން އެންމެ ގިނައިން މިހަރަކާތުގައި ބައިވެރިވެފައިވަނީ ކާބޯތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުންނެވެ. އޭގެތެރޭގައި، އައްޑޫ ބޮނޑި، ކުޅި ކަޖާ ފަދަ ދިވެހިވަންތަ ބާވަތްތައް ތައްޔާރުކުރާ ވިޔަފާރިވެރިން ހިމެނެއެވެ. އަދި މީގެއިތުރުން، ކޭކު އަދި ޕޭސްޓްރީޒް ފަދަ ތަކެތި ތައްޔާރުކުރާ ފަރާތްތަކުންވެސް މިހަރަކާތުގައި ބައިވެރިވެފައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން މި ހަރަކާތުގައި ބައިވެރިވި ބައެއް ބައިވެރިން ބުނީ މިހަރަކާތުގެ ތެރެއިން އެމީހުންގެ އުފެއްދުންތެރިކަން ދައްކާލުމަށް ފަހި ފުރުސަތުތަކެއް ލިބުނުކަމަށެވެ. އަދި ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކޮށްފައިވާކަމަށާއި، މިފަދަ ފުރުސަތުތައް އިތުރަށް ލިބުމަކީ އެމީހުން އުންމީދުކުރާކަމެއްކަމަށް މިހަރަކާތުގެ ބައިވެރިން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހުޅުވި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނަކީ ރާއްޖޭގެ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި މި ވިޔަފާރިތައް ފަށައި ކުރިއަރަން ބޭނުންވާ އެކިއެކި އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެވެ. ބީސީސީގެ ދަށުން އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ހުޅުވައި މި ފިހާރަތަކުންވެސް އަންނަނީ ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް ވިއްކަމުންނެވެ.