ޚަބަރު

ހުޅުމާލޭގައި ވެހިކަލް ޗާޖުކުރާ ސްޓޭޝަނެއް ހަދަނީ


ކަރަންޓުން ޗާޖުކޮށްގެން ދުއްވާ އެއްގަމު އުޅަނދު ޗާޖު ކުރާނެ ސްޓޭޝަންތަކެއް ހުޅުމާލޭގައި ހަދައިދޭނެ ބަޔަކު ހޯދަން އެޗްޑީސީން އިއުލާންކޮށްފިއެވެ.

އެޗްޑީސީން އިއުލާންކޮށްފައި ވަނީ އެފަދަ ސްޓޭޝަނެއް ގާއިމްކުރުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސް ސްޓޭޝަން ގާއިމުކޮށްދޭނެ ބަޔަކު ހޯދުމަށެވެ.

މިއީ ރާއްޖޭގައި އަދި އަލަށް ތައާރަފްކުރާ ކޮންސެޕްޓަކަށްވާތީ ފުރަތަމަ ހެދުމަށް ނިންމާފައިވަނީ ހަތަރު ޗާޖިން ސްޓޭޝަނެވެ. އެ ސްޓޭޝަންތަކުން އާންމުކޮށް ދުއްވާ ހުރިހާ ބާވަތްތަކެއްގެ އުޅަނދުތައް ވެސް ޗާޖުކުރެވެން ޖެހޭނެ ކަމަށް ބުނެއެވެ.

މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.

ހުޅުމާލޭގައި އިލެކްޓްރިކް ޗާޖިންގް ސްޓޭޝަނެއް ގާއިމްކުރުމަށް އިއުލާންކޮށްފައިވާއިރު، މާލޭގައި ވެސް މިފަދަތަނެއް ގާއިމްކުރުމަށް ސިޓީ ކައުންސިލުން ވަނީ ފާސްކޮށްފައެވެ. އެހެންނަމަވެސް އެއްވެސް އަމަލީ މަސައްކަތެއް އަދި ކޮށްފައެއް ނުވެއެވެ.