ޚަބަރު

ފަންނުވެރި ކުދިންތަކެއްގެ ކުރެހުން: ދައްކައިދިނީ ފުލުހުންގެ މަސައްކަތްތައް


އަދުގެ ކުޑަކުދިންނަކީ މާދަމާ މިޤައުމު ހިންގަންތިބި މި ޤައުމުގެ މުސްތަޤްބަލެވެ. އެކުދިން ބިނާ ކުރަން ޖެހޭނީ ރަނގަޅު ތަރުބިއްޔަތެއް ދީގެން މިޤައުމުގެ ހުންގާނުގައި ހިފައިގެން ކުރިއަށް ދެވޭނެ ދަރިންގެ ގޮތުގައެވެ. މާދަމާގެ މުސްތަޤްބަލަށް ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމުގެ އިތުރަށް އެކުދިން ދާން ބޭނުންވާ ދާއިރާއިން އުނގަންނައިދީ އެކުދިންނަކީ މޮޅެތި ބައެއްގެ ގޮތުގައި ބޮޑުކުރުމަށް ބެލެނިވެރިންގެ އިތުރަށް އެކި އިދާރާތަކުންވެސް މަސައްކަތް ކުރެއެވެ. ޚާއްސަގޮތެއްގައި ޅަދަރިންގެ ހުނަރު ދައްކާލުމަށްޓަކައި ވަނަތައް ހޮވާ އެކިކަހަލަ މުބާރާތްތަކާއި ތަފާތު ހަރަކާތްތަކުގެ ތެރެއިންވެސް އެ ފުރުޞަތުތައް ފަހިކޮށްދެއެވެ.

މިހާރު ބޮޑެތިވަމުން އަންނަ ކުދިންނަކީ އެކިކަހަލަ ރޮނގުރޮނގުން ކުރިއަރަމުން އަންނަ ކުދިންނެވެ. އެގޮތުން ބައެއް ދަރިވަރުން ސާނަވީ އިމްތިހާން ތަކާއި މަތީ ސާނަވީ އިމްތިހާންތަކުގެ އިތުރަށް ދުނިޔޭގެ ފެންވަރުގައި ކުރިއަށްގެންދާ އެކި ހަރަކާތްތަކުން ވަނަތައް ހޯދަމުން އަންނައިރު އަނެއް ބައި ދަރިވަރުން އަންނަނީ ތަފާތު ކުޅިވަރުތަކުން ވަނަތައް ހޯދާ ޤައުމުގެ ނަން ދުނިޔޭގައި ވިދުވަމުންނެވެ.

ތަފާތު ފަންނުތަކުގައި ދަރިވަރުން ކުރިއަރަމުން އަންނައިރު މީގެ ތެރެއިން އެއް ފަންނުގެ ގޮތުގައި ކުރެހުމުގެ ފަންނުވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ބައެއް ކުދިންނަކީ އެންމެ ތުއްތު އިރުއްސުރެ އެކަމަށް ޝައުގުވެރިކަން އުފެދި ހޮބީއެއްގެ ގޮތުގައި މިހުނަރު ތަރައްޤީކުރަމުން އަންނަ ކުދިންނެވެ. މިފަންނުގައި ވަރަށް ހުނަރުވެރި ކުދިން މިހާރު ރާއްޖޭގައިވެސް ތިބިކަން ފާހަގަވެގެންދިޔަ އެއް ހަރަކާތަކީ ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުވި ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތެވެ.

"ގުޅިގެން، ގާތުން، ރައްޔިތުންގެ ޚިދުމަތުގައި އަވައްޓެރި ފުލުހުން'' ތީމުގެ ދަށުން އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތަށް ހުށައެޅި ކުރެހުންތަކުން މިކުދިންގެ ހުނަރުވަނީ ފެނިގެންގޮސްފައެވެ. މިކުރެހުންތަކުން ފެނިގެންދިޔައީ މުޖުތަމަޢަކީ އަމާން ތަނެއްގެ ގޮތުގައާއި ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށްޓަކައި ފުލުހުން ކުރާ މަސައްކަތެވެ. އެގޮތުން މިކުރެހުންތަކުގައި މަގު ހުރަސްކުރާއިރު ފުލުހުން ރައްޔިތުންނަށް އެހިތެރިވާ މަންޒަރުތަކާއި ވައްކަން ކުރާ މީހުން އަތުލައިގަތުމުގައި ފުލުހުން ކުރާ މަސައްކަތް ދައްކުވައިދެއެވެ. މީގެ އިތުރަށް މޫދުގައި ދިމާވާ ހާދިސާތަކުން މީހުން ސަލާމަތް ކުރުމަށްޓަކައި ހަރަކާތްތެރިވާ މަންޒަރާއި އެކި މަޢުލޫމާތުތައް ހިއްސާކުރުމުގެ ފުލުހުންގެ އަދާކުރާ ދައުރުވެސް މިކުރެހުންތަކުން ފެނިގެންދެއެވެ.

ވަނަތަކަށް އިނާމް ދޭ ގޮތަށް ކުރިއަށް ގެންދިޔަ މިމުބާރާތުން 1 ވަނަ އަށް ހޮވިފައިވަނީ ނީރަޖާ ސަސިކުމާރުއެވެ. 2 ވަނަ އަށް ޔޫސުފް އަކްޔަލް ޙުސައިން ހޮވުނުއިރު، 3 ވަނަ އަށް ހޮވިފައިވަނީ އަޙްމަދު އާހިލް ޚަލީލްއެވެ. މި މުބާރާތުގެ 1 ވަނަ އަށް 5000 ރުފިޔާ، 2 ވަނަ އަށް 3000 ރުފިޔާ އަދި 3 ވަނަ އަށް 2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިމުބާރާތުގައި ބައިވެރިކޮށްފައިވާ ކުރެހުންތަކުގެ ތެރެއިން ގަދަ 10 ކުރެހުންވެސްވަނީ ހޮވާފައިވެއެވެ.
އެގޮތުން، ގަދަ 10 އަކަށް ހޮވިފައިވަނީ މުޙައްމަދު އާއިދު، އާއިޝަތު ޝައިހާ އަޙްމަދު، މަރިޔަމް އީޝާ ވަލީދު، ޒެއިނާ އަޒްމަދު އަޙްމަދު، މުޙައްމަދު ރަފްޙާން ފާއިޒު، ޔޫދު ޢަލީ ޢަބްދުﷲ، ރާއިޔާ ރަޝީދު، ހިންދު ބިންތި ޢަލީ ނަސީމް، މަރިޔަމް ޝައިހާ ހާމިދު އަދި ޒައިނަބް ޔުނާލް އިބްރާހީމްއެވެ.

މިކުރެހުންތަކުންވެސް އަޅުގަނޑުމެންނަށް ޅަދަރިންގެ ކުރެހުމުގެ ހުނަރު ފެނިގެން އެބަދެއެވެ. ޚާއްސަގޮތެއްގައި މިއަދު މި ފެނިލާ ކުޑަ ކުރެހުމުގެ އަޞްލު މާދަމާގެ މި ޤައުމުން ފެނިގެންދާނެކަން ކަށަވަރެވެ. މިހާރުވެސް ރާއްޖޭގައި މިތިބި މޮޅު ކުރެހުންތެރިގެން ކުރެހުމުގެ މައްޗަށް ބިނާ ކުރާ އިމާރާތްތަކާއި ފަރުމާ ކުރާ ތަކެއްޗާ އެއްގޮތަށް މުސްތަޤުބަލުގައި މިދަރިންގެ ކުރެހުމުގެ މައްޗަށް ބިނާކުރާނެކަމީ ޝައްކެތްވެސް އޮތް ކަމެއް ނޫނެވެ.