ޚަބަރު

މިދިޔަ އަހަރު އިމްޕޯޓްކުރި މުދަލުގެ އަދަދު %40 އިތުރު


މިދިޔަ އަހަރު ރާއްޖެއަށް 39.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ ކަމަށާއި، މިއީ 40 އިންސައްތަ އިތުރު އަދަދެއް ކަމަށް ކަސްޓަމްސްއިން ހާމަކޮށްފިއެވެ.

ކަސްޓަމްސްއިން ނެރެފައިވާ އެނުއަލް ސްޓެޓިސްޓިކަލް ރިވިއުގައިވާ ގޮތުުން 2020ވަނަ އަހަރު ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 28.2 ބިލިއަން ރުފިޔާގެ މުދަލެވެ. މިއަދަދު މިދިޔަ އަހަރުވަނީ 39.4 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 40 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ މިންވަރު އިތުރުވެފައިވަނީ، 2020ވަނަ އަހަރު ކޯވިޑާއެކު ރާއްޖޭގައި އެޅި ފިޔަވަޅުތަކާއި ގުޅިގެން ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ. އެގޮތުން ޓޫރިޒަމް ސިނާއަތަށް ކުރި އަސަރާއި، ކޮންސްޓްރަކްޝަން ސިނާއަތް މަޑުޖެހުންފަދަ ސަބަބުތަކާއެކު ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ އަދަދު 2020ވަނަ އަހަރު ދަށްވިއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުތެރޭ ރާއްޖެއަށް 131 ޤައުމަކުން މުދާ އެތެރެކޮށްފައިވެއެވެ. އަދި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކޮށްފައިވަނީ، އޮމާން، ޔޫ.އޭ.އީ، ޗައިނާ އަދި އިންޑިއާއިންނެވެ. ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ ދެބައިކުޅަ އެއްބައި މުދާ އެެތެރެކޮށްފައިވަނީ މި 4 ޤައުމުންނެވެ.

ވަކި ވަކި ސިނާއަތްތަކުން ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރަށް ބަލާއިރު، މިދިޔަ އަހަރުތެރޭ ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ 74 އިންސައްތައަކީ އަމިއްލަ ކުންފުނިތަކުން ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލެވެ. އަދި ބާކީ 26 އިންސައްތަ އަކީ ސަރުކާރާއި، ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކުން އެތެރެކޮށްފައިވާ މުދަލެވެ.

ރާއްޖެއިން ބޭރުން ގެންނަ މުދާ ކްލިއާ ކުރުމުގެ މަސައްކަތް ރާއްޖޭގެ 9 ޕޯޓެއްގައި ކުރިއަށްދާއިރު، މީގެތެރެއިން 5 ޕޯޓު ހިމެނެނީ މާލެ ސަރަހައްދުގައެވެ.

ކަސްޓަމްސްއިން ހާމަކުރާގޮތުގައި ރާއްޖެއަށް މިދިޔަ އަހަރުތެރޭ 39.4 ބިލިއަން ރުފިޔާގެ މުދާ އެތެެރެކޮށްފައިވާއިރު، މީގެތެރެއިން 71 އިންސައްތަ މުދާ ކުލިއަރކޮށްފައިވަނީ މާލެ ކޮމަޝިއަލް ހާބަރއިންނެވެ. އަދި ރީޖަނަލް ޕޯޓްސްތައް ކަމުގައިވާ، ހދ. ކުޅުއްދުފުށި، ހދ. ހަނިމާދޫ، ސ. ގަން، ސ. ހިތަދޫ ޕޯޓުން ކުލިއަަރކޮފައިވަނީ 2.32 އިންސައްތަ މުދަލެވެ.

މިދިޔަ އަހަރު ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ އަދަދު އިތުރުވި ނަމަވެސް އެކްސްޕޯޓުވަނީ ދަށްވެފައެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން 2020ވަނަ އަހަރު ރާއްޖެއިން 2.5 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެއެވެ. މިއަދަދު މިދިޔަ އަހަރު ހުރީ 2.3 ބިލިއަން ރުފިޔާގައެވެ. މިއީ 7 އިންސައްތަ ދަށް އަދަދެކެވެ.

ރާއްޖެއިން އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓުކުރަނީ ކަނޑުމަހުގެ ބާވަތްތަކެވެ. އޭގެތެރެއިންވެސް ބޮޑުބައެއް ހިސާކުރަނީ ކަޅުބިލަމަހާއި ކަންނެލި މަހުގެ ބާވަތްތަކެެވެ. އެހެންކަމުން މިދެ ބާވަތުގެ މަސްވެރިކަމަށް ކުރާ އަސަރުތައް ރާއްޖޭގެ އެކްސްޕޯޓަށްވެސް ކުރާ ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުތެރޭ ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށެވެ.

އިމްޕޯޓަށް ލިބުނު ކުރިއެރުމާއި އެކު މިދިޔަ އަހަރު ރާއްޖެއަށް އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާގެ އާމްދަނީއެއްވަނީ ލިބިފައެވެ. މިއީ 2020ވަނަ އަހަރު ލިބުނު 861.3 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު، 35 އިންސައްތަ އިތުރު އަދަދެކެވެ.