ޚަބަރު

ކޮންގްރެސް ޕާޓީގެ ރައީސްކަން ފުރަތަމަ ފަހަރަށް ގާންދީ ޢާއިލާއިން ބޭރު މީހަކަށް


އިންޑިޔާގެ އިދިކޮޅު ޕާޓީ ކަމުގައިވާ ކޮންގްރެސް ޕާޓީގެ ރައީސްގެ މަޤާމަށް ފުރަތަމަ ފަހަރަށް ގާންދީ ޢާއިލާއިން ބޭރު މީހަކު ޢައްޔަން ކޮށްފިއެވެ. ކޮންގްރެސް ޕާޓީއަކީ މީގެ 75 އަހަރު ކުރިން އިންޑިޔާއަށް އިނގިރޭސިންގެ އަތްދަށުން މިނިވަން ކަން ހޯދައިދިނުމުގައި އެންމެ ބުރަ މަސައްކަތެއް ކުރި ޕާޓީއެވެ.

ޕާޓީގެ ރައީސްގެ މަޤާމަށް ޢައްޔަން ކޮށްފައި ވަނީ އުމުރުން 80 އަހަރުގެ މައްލިކަރްޖުން ކަރްގޭއެވެ. އޭނާގެ ކުރިން ޕާޓީގެ ރައީސްގެ މަޤާމު ފުރުއްވާފައި ވަނީ ސޯނިޔާ ގާންދީއެވެ. އިންޑިޔަން ނޭޝަނަލް ކޮންގްރެސް ޕާޓީން އެތަކެއް އަހަރެއް ވަންދެން އެ ޤައުމުގައި ވެރިކަން ކުރިއެވެ. ނަމަވެސް، މިހާރު ވެރިކަން ކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ)އާ އަޅައިބަލާއިރު، ފަހަކަށް އައިސް ކޮންގްރެސް ޕާޓީގެ ބާރާއި ނުފޫޒު ވަނީ ކެނޑިފައެވެ.

"އިންޑިޔާ މި ވަގުތު އޮތީ ދަތި ހާލަތެއްގައި. ތަކެތީގެ އަގުތައް ދަނީ އުފުލެމުން. ވަޒީފާ ނެތް މީހުންގެ އަދަދު ވަނީ އިންތިހާއަށް އުފުލިފައި. މުއްސަނދިންނާއި ފަގީރުންނާ ދެމެދު އޮތް ފަރަގު ވަނީ ބޮޑުވެފައި. ވެރިކަން ކުރާ ޕާޓީގެ އެޖެންޑާއަކީ ޤައުމު ބައިބައި ކޮށްލުން. އިންޑިޔާގެ ޤާނޫނު އަސާސީ އަޅުގަނޑުމެން ހިމާޔަތް ކުރަން ޖެހޭ. ޑޮމިކުރަސީ ނަގަހައްޓަން ޖެހޭ،" ކަރްގޭ ވިދާޅުވިއެވެ.

ކޮންގްރެސް ޕާޓީގެ އިސް މަޤާމުތައް ފުރުއްވާ ގާންދީ ޢާއިލާއަށް ނިސްބަތްވާ ބޭފުޅުންނަކީ، އިންޑިޔާއަށް މިނިވަން ކަން ހޯއްދަވައިދެއްވި ބާނީ މަހާތުމާ ގާންދީގެ ޢާއިލާއަށް ނިސްބަތްވާ ބައެއް ނޫނެވެ. ނަމަވެސް، އެއީ އިންޑިޔާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރުލާލް ނެހުރޫގެ ޢާއިލާއަށް ނިސްބަތްވާ ޢާއިލާއެކެވެ.

ނެހުރޫއަކީ އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދާގެ ބައްޕާފުޅެވެ. އިންޑިޔާގެ ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވާފައިވާ ހަމައެކަނި އަންހެން ބޭފުޅާ ކަމުގައި އިންދިރާ ގާންދީ އަވަހާރަ ކޮށްލާފައި ވަނީ 1984ވަނަ އަހަރުއެވެ. އޭނާގެ ދަރިކަލުން ރަޖީވް ގާންދީ ވެސް ވަނީ ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވާފައެވެ.

1991ވަނަ އަހަރު ދިން ބޮމުގެ ހަމަލާއެއްގައި ރަޖީވް ގާންދީ ވެސް ވަނީ އަވަހާރަ ކޮށްލާފައެވެ. އޭނާގެ އަނބިކަނބަލުން ސޯނިޔާ ގާންދީއާއި ދަރިކަލުން ރާހުލް ގާންދީއަކީ ވެސް ސިޔާސީ އިސް މަޤާމުތައް ފުރުއްވާފައިވާ ބޭބޭފުޅުންނެވެ. ރާހުލް ގާންދީ ވަނީ، ކޮންގްރެސް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން، ބޮޑުވަޒީރު ކަމުގެ މަޤާމަށް ވާދަ ކުރައްވާފައެވެ.

ނަމަވެސް، ބީ.ޖޭ.ޕީ.އިން ވަނީ އެންމެ ފަހުން ބޭއްވި ދެ އިންތިޚާބުގައި ވެސް ރާހުލް ގާންދީގެ މައްޗަށް ކުރި ހޯދައި ވެރިކަން ހޯދާފައެވެ. 2019 ވަނަ އަހަރުގެ އިންތިޚާބުގައި ލިބުނު ނާކާމިޔާބީއާ ގުޅިގެން ރާހުލް ގާންދީ ވަނީ ޕާޓީގެ ރައީސްގެ މަޤާމު މަންމާފުޅު ސޯނިޔާ ގާންދީއާ ހަވާލު ކުރައްވާފައެވެ. އެ މަޤާމާ ސޯނިޔާ އެންމެ ފުރަތަމަ ހަވާލު ވެޑައިގަތީ 1998ވަނަ އަހަރުއެވެ.

ކޮންގްރެސް ޕާޓީން އިންޑިޔާގައި އެންމެ ފަހުން ވެރިކަން ކޮށްފައި ވަނީ 2004ވަނަ އަހަރުން ފެށިގެން 2014ވަނަ އަހަރާ ހިސާބަށެވެ. އެއިރު، ބޮޑުވަޒީރުގެ މަޤާމު ފުރުއްވާފައި ވަނީ މަންމޯހަން ސިންހެއެވެ.

ޕާޓީގެ ރައީސްގެ މަޤާމާ އަލަށް ހަވާލުވި ކަރްގޭއަކީ ކުރީގައި ރޭލު ދަތުރުފަތުރާއި މަސައްކަތްތެރިންނާ ބެހޭ ވަޒީރުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި، ސޯނިޔާއާއި ރާހުލްގެ އަރިސް ބޭފުޅެކެވެ. އޭނާގެ މައިގަނޑު އަމާޒަކަށް ވާނީ 2024ވަނަ އަހަރު ބާއްވާ ޢާންމު އިންތިޚާބު ކާމިޔާބުކޮށް، ކޮންގްރެސް ޕާޓީއަށް އަނެއްކާ ވެސް ވެރިކަން ހޯދައިދިނުމެވެ.