ޚަބަރު

ދަތުރުފަތުރުގެ ޙަރަކާތްތައް މިހާރަށްވުރެ ހަރުދަނާ ކުރުމަށް އެމްއޭސީއެލްއިން ތައްޔާރު: ޠާހާ


ކުރިއަށްއޮތީ ފަތުރުވެރިންގެ ޕީކް ސީޒަންކަމުން، މިއާއިއެކު އިތުރުވާނެ ދަތުރުތަކާއި ކުރިމަތިލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވައިގެ ދަތުރުފަތުރުގެ ޙަރަކާތްތައް މިހާރަށްވުރެ ހަރުދަނާގޮތެއްގައި ކުރިއަށްގެންދިއުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމް.އޭ.ސީ.އެލްއިން ތިބީ ތައްޔާރަށް ކަމަށް އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޠާހާ ވިދާޅުވެއްޖެއެވެ.

ޠާހާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ "އެއަރ ޓްރެފިކް ކޮންޓްރޯލަރުން"ގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމަވުންނެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރުމަހުގެ 20 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ އެއަރ ޓްރެފިކް ކޮންޓްރޯލަރުންގެ ދުވަހުގެ ގޮތުގައެވެ. އެއަރޕޯޓެއްގެ އެންމެ މުހިއްމު އެއް ދައުރު އަދާ ކުރާ ބަޔަކީ އެއަރ ޓްރެފިކް ކޮންޓްރޯލަރުންނެވެ. މަތިންދާ ބޯޓުތައް އެއަރޕޯޓުގައި ޖައްސާ، އެއަރޕޯޓުން މަތިންދާ ބޯޓުން ނައްޓާލުމާއި ވައިގެ ތެރޭގައި އުދުހޭ އިރު އެއް ބޯޓު އަނެއް ބޯޓާއި ނުޖެހި އުދުހުމުގެ ހުރިހާ ޒިންމާއެއް ނަގަނީ އެއަރ ޓްރެފިކް ކޮންޓްރޯލަރުންނެވެ.

"އެއަރ ޓްރެފިކް ކޮންޓްރޯލަރުން"ގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެމް.އޭ.ސީ.އެލް.ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޠާހާވަނީ އެތައް ހާސް މަތިންދާ ބޯޓެއްގެ ހަރަކާތްތައް ކޯޑިނޭޓްކޮށް، އެއުޅަނދުތައް ރައްކާތެރި ދުރުމިނެއްގައި ބަހައްޓާ، އުދުހުމާއި ޖެއްސުމުގައްޔާއި އުޅަނދުތައް ޑައިރެކްޓްކުރުމުގައި އެއަރ ޓްރެފިކް ކޮންޓްރޯލަރުން ކުރާ މަސްއަކަތްތަކުގެ އަގުވަޒަންކޮށް އެބޭފުޅުންނަށް ތަޢުރީފްކޮށްފައެވެ.

ކޮންމެ އަހަރެއްގެވެސް ފަހުކޮޅަކީ ގިނަ އަދަދެއްގެ ދިވެހިންނާއި ފަތުރުވެރިން ޗުއްޓީ ހޭދަކުރަން ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރާ ދުވަސްވަރުކަން ފާހަގަކުރައްވަމުން، ޠާހާ ވިދާޅުވީ މިއާއެކު އެއަރޕޯޓްތަކަށް ބާރުބޮޑުވެ އެއަރ ޓްރެފިކް ކޮންޓްރޯލަރުންގެ ޒިންމާ އިތުރަށް ބޮޑުވެގެންދާކަމަށެވެ.

ރާއްޖޭގެ ވައިގެ ސަރަޙައްދުގައި ދުވާލެއްގެ މައްޗަށް 1200 ފްލައިޓް އޮޕަރޭޓް ކުރެވޭއިރު، އޭގެ ތެރެއިން 800 އަކީ ރާއްޖޭގެ މައި އެއަރޕޯޓުގެ ގޮތުގައި އޮތް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭއިން އޮޕަަރޭޓް ކުރެވޭ ފްލައިޓްތަކެވެ. މިކަމާއި ބެހޭގޮތުން ވާހަކަދައްކަވަމުން ޠާހާ ވިދާޅުވީ ދާދި ފަހުން އޮޕަރޭޓްކުރަން ފެށުނު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ރަންވޭގެ އޮޕަރޭޝަންތައް ފެށުމުގެ ކުރިން އެއަރ ޓްރެފިކް ކޮންޓްރޯލަރުންނަށް ޚާއްސަކޮށްގެން އެތައް ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

އެއަރ ޓްރެފިކް ކޮންޓްރޯލުގެ ޚިދުމަތް ރާއްޖޭގައި އެންމެ ފުރަތަމަ ފެށިގެން ދިޔައީ 1970ގެ އަހަރުތަކުގެ ތެރޭގައެވެ. ފުރަތަމަ ޚިދްމަތް ދޭން ފަަށާފައިވަނީ ޖާގައިގެ ގޮތުން ކުޑަ ތަންކޮޅެއްގައެވެ. އެ ޚިދުމަތް ތަރައްގީވަމުން އައިސް ރާއްޖޭގައި ފުރަތަމަ އެއަރ ޓްރެފިކް ޓަވަރެއް ހުޅުވިގެން ދިޔައީ 1983ގައި، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު ހުޅުވިގެން ދިޔުމާއި އެކުއެވެ.