ޚަބަރު

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަޤާމުން ލިޒް ޓްރަސް އިސްތިޢުފާދެއްވައިފި


ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިތާ އެންމެ ހަ ހަފުތާ ފަހުން އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކަމުގެ މަޤާމުން ލިޒް ޓްރަސް އިސްތިޢުފާ ދެއްވައިފިއެވެ. ޓްރަސް އިސްތިޢުފާ ދެއްވާ ކަން އިޢުލާނު ކުރައްވާފައި ވަނީ ނަމްބަރ ޓެން ޑައުނިންގ ސްޓްރީޓް ކުރިމަތީގައި ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޓްރަސް އިސްތިޢުފާ ދެއްވަން ނިންމަވާފައި މި ވަނީ، އިޤްތިޞާދަށް ގެންނަވަން އޭނާ މަސައްކަތް ކުރެއްވި ބަދަލުތަކަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އޭނާގެ އިޤްތިޞާދީ ބަދަލުތަކުގެ ހުށަހެޅުންތަކުގެ ސަބަބުން އިނގިރޭސި ވިލާތުގެ މާލީ ބާޒާރަށް ލޮޅުންތައް އެރިއެވެ. އަދި، އޭނާގެ ކޮންޒަރވެޓިވް ޕާޓީ ބައިބައިވިއެވެ.

"ކޮންޒަރވެޓިވް ޕާޓީން އަޅުގަނޑަށް މަތިކުރި ކަންކަން ފުރިހަމަ ކުރުމުގައި އަޅުގަނޑަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެފައި. އެހެންވުމާ އެކު، ކޮންޒަރވެޓިވް ޕާޓީގެ އިސް ލީޑަރުގެ މަޤާމުން އިސްތިޢުފާ ދޭން ނިންމާފައިވާ ކަން މިހާރު ވާނީ ރަސްގެފާނަށް އަންގާފައި،" ޓްރަސް ވިދާޅުވިއެވެ.

ޓްރަސް ވިދާޅުވީ، ކެމްޕޭންގައި އޭނާ ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވަން ނުކުޅެދިފައިވާ ކަން ޤަބޫލުފުޅު ކުރައްވާ ކަމުގައެވެ. އަދި، ކޮންޒަރވެޓިވް ޕާޓީގެ އިތުބާރު ގެއްލިފައިވާ ކަން ވެސް ޤަބޫލުފުޅު ކުރައްވާ ކަމުގައެވެ. އިސްތިޢުފާ ދެއްވުމާ ގުޅިގެން ޓްރަސް ވެވަޑައިގެންފައި މި ވަނީ އެންމެ ކުރު މުއްދަތަކަށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވި ބޭފުޅާއަށެވެ.

އިސްތިޢުފާ ދެއްވަން ޓްރަސް ނިންމަވާފައި ވަނީ ކޮންޒަރވެޓިވް ޕާޓީގެ އިސް މެންބަރުންނާ އެކު ނަމްބަރ ޓެން ޑައުނިންގ ސްޓްރީޓްގައި ބޭއްވި ބައްދަލުވުމަކަށް ފަހުއެވެ. އޭނާ އިސްތިޢުފާ ދެއްވާފައި މި ވަނީ އެ ކަމަށް އެދި ޤާނޫނު ހަދާ މަޖިލީހުގައި ކޮންޒަރވެޓިވް ޕާޓީ ތަމްސީލު ކުރައްވާ ބައެއް މެންބަރުން ގޮވައިލަމުންދާ ދަނޑިވަޅެއްގައެވެ.

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ޓްރަސް ހަވާލުވެ ވަޑައިގަތީ ސެޕްޓެންބަރު މަހުގެ 6ވަނަ ދުވަހުއެވެ. އޭނާގެ ވެރިކަމުގެ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އިނގިރޭސި ވިލާތުގެ އިޤްތިޞާދަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. އެއް ސަބަބަކީ، ބައެއް ޓެކުސްތައް ކަނޑައިލަން އޭނާ ނިންމެވި ނިންމެވުމެވެ. އެއާއެކު، އޭނާގެ މާލީ ވަޒީރު ކްވާސީ ކްވާރޓެންގ މަޤާމުން ދުރުކުރަން ވެސް އޭނާއަށް ޖެހިވަޑައިގެންނެވިއެވެ.

ޓްރަސް ނެންގެވި އިޤްތިޞާދީ ފިޔަވަޅުތަކާ ގުޅިގެން ކޮންޒަރވެޓިވް ޕާޓީއަށް އޮތް ތާޢީދު ވެސް ވަނީ ގެއްލެން ފަށާފައެވެ. މާލީ ވުޒާރާއާ އަލަށް ހަވާލުވެ ވަޑައިގެންނެވި ޖެރެމީ ހަންޓް މިހާރު ގެންދަވަނީ، އިޤްތިޞާދަށް އެރި ލޮޅުންތަކުގެ އަސަރު ކުޑަ ކުރަން، ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރައްވަމުންނެވެ.