ޚަބަރު

އެންޑީއޭގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ގާނޫނަށް އިޞްލާހުތަކެއް


ނެޝެނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޚިދުމަތްތައް ރަނގަޅުކުރުމަށް، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް އިސްލާހެއް ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެންޑީއޭއިން ބުނެފިއެވެ.

އެންޑީއޭގެ ޗެއާމަން އަދި ހެލްތު މިނިސްޓަރުގެ ނާއިބު، ޝަމާއު ޝަރީފް ވިދާޅުވީ އެންޑީއޭއިން ދޭ ޚިދުމަތްތައް އެކަށީގެންވާގޮތެއްގައި ދިނުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ފާހަގަވާ އެންމެ ބޮޑު އެއް ކަމަކަށް ޝަމާއު ވިދާޅުވީ ގާނޫނީގޮތުން އެކަމުގައި ހުރި ހުރަސްތަކެވެ. އޭނާ ވިދާޅުވިގޮތުގައި މިހާރު ޤާނޫނު އޮތް ގޮތުން އަމިއްލައަށް އެދިގެން އަންނަ މީހުންނާއި، އިތުރު ކުށެއްގެ ރެކޯޑު އޮންނަ މީހުންނަށް އެންޑީއޭއިން ފަރުވާ ދެވޭނެ ނިޒާމެއް ނޯންނަކަމަށެވެ.

ޝަމާޢު ވިދާޅުވީ މިހާރު ނިޒާމުގައި އެންމެ ގިނައީ މައްސަލައެއްގައި ކޯޓު މަރުހަލާއަށް ދިއުމުން އެކަމުން ސަލާމަތްވުމުގެ މަގަކަށް ފަރުވާއަށް ދާ މީހުން ކަމަށާއި، އެ ކަމަކީ ބަދަލުކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ފަރުވާއަށް އެންމެ ހައްގުކަން ބޮޑީ އަމިއްލައަށް އެކަން ބޭނުންވެގެން އަންނަ މީހުން ކަމަށް ޝަމާޢު ވިދާޅުވިއެވެ.

"ފަރުވާއަށް އަންނަ މީހާގެ އޮވެދާނެ ވައްކަމުގެ ކުޑަ މައްސަލައެއް. ނޫނީ އެހެން މައްސަލައެއް ވެސް އޮވެދާނެ. އެއީ މިކަމަކީ މިކަމުގެ ގޮތުން އެކަހަލަ ކަންކަން ހުންނަ ކަމެއް. އެކަމަކު އޭނަ ފަރުވާއަށް އައިމަ ފަރުވާ އޭނަ އަށް ލިބެން ޖެހޭނެ." ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވިދަޅުވީ މިކަމުގައި ދިމާވާ ގާނޫނީ މައްސަލަތަކުގެ ތެރެއިން މިއީ އެއް ކަންތައް ކަމަށެވެ. އަދި މި ނޫނަސް ޤާނޫނީ މައްސަލަތައް އެބަހުރި ކަމަށާއި، އެ ހުރިހާ ކަމެއް ހައްލުކުރުމަށް ޤާނޫނަށް ބަދަލެއް ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މި އަންނަނީ ސްކޭޓްހޯލްޑަރުންނާއި އެކު މަޝްވަރާ ފަށައިގެން. މިހާރު ވެސް ޑްރާފްޓެއް އެބައޮތް އެކަމަކު އަދިވެސް އިތުރުކުރަން ޖެހޭ ކަމެއް އޮވެދާނެތީ އަޅުގަނޑުމެން މި އަންނަނީ މިކަމުގަ އުޅޭ ބޭފުޅުންނާއި އިދާރާތަކާ ވެސް މަޝްވަރާކުރަމުން. އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި މަސައްކަތް ނިންމާނަން." ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ އަމާޒަކީ އެންޑީއޭގެ ޚިދުމަތަކީ އެއީ ބައްޔެއް ވެގެން އަންނަ މީހަކަށް ފަރުވާއެއް ހޯދައިދިނުމުގެ ނިޒާމަކަށް ހެދުން ކަމަށެވެ. އަދި އެންމެން ވެސް މިކަމާމެދު ސިއްހީ ނަޒަރަކުން ދެކޭނެ މަގެއް ފެނުން ކަމަށް ޝަމާޢު ވިދާޅުވިއެވެ.

އެންޑީއޭގެ މަސައްކަތްތައް ހަރުދަނާކޮށް އެ އިދާރާ ކޮޅަށް ޖެހުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އެންޑީއޭއަށް އައު ސީއޯއޯއެއް ވަނީ އައްޔަންކޮށްފައެވެ. އެ އެޖެންސީގޭ ސީއޯއޯގެ މަގާމަށް އައްޔަންކޮށްފައި ވަނީ އިމާދު ޞާލިިހެވެ. ޢިމާދު މީގެ ކުރިން ވަނީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރު ކަމާއި، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ.