ޚަބަރު

ގޭންގު ލީޑަރުން ފިލާ ތިބެ، ކުޑަކުދިން ކުށުގެ ވެއްޓަށް!


ރާއްޖޭގައި މި ފަހުން އައިސް ބޮޑެތި ކުށްތަކުގައި ތުހުމަތުވާ މީހުންނާއި، އެކަންކަމުގެ ޝިކާރައަކަށްވާ މީހުންގެ ތަފްސީލްތައް ކަމާ ބެހޭ އިދާރާތަކުން ބަލާއިރު އޭގައި ފާހަގަވާ އެންމެ ބޮޑު އެއް ކަމަކީ ކުށުގެ ވެށީގައި ބިރުވެރި ވަރަކަށް ކުޑަކުދިންގެ ބައިވެރިވުން ބޮޑުކަމެވެ. ކުޑަކުދިން މި ކުށުގެ ވެއްޓަށް ދެމިގެންދާ ގޮތާއި، އެ ކުދިން މީގެ ތެރޭގައި ހަލަކުވެދާ ގޮތާއި މެދު އެތައް ބައެއް ސުވާލު އުފައްދަމުން ދަނިކޮށް، މިކަމުގެ ދެކޮޅު ފުލުހުން މި ވަނީ ކޮންމެވެސް ވަރަކަށް ތިލަކޮށްދީފައެވެ.

އައްޑޫ ސިޓީ ފޭދޫގައި މި އަހަރު ޖޫން މަހު އުމުރުން 21 އަހަރުގެ މުހައްމަދު ޒަޔާން މަރާލި މައްސަލާގެ ތަފްސީލްތައް ހާމަކުރުމަށް ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ފުލުހުން ހާމަކުރީ މި މައްސަލާގައިވެސް 18 އަހަރު ނުފުރޭ 4 ކުދިން ހިމެނޭކަމެވެ. އޭގެތެރޭގައި 15 އަހަރުގެ ކުއްޖަކާއި 16 އަހަރުގެ ދެ ކުދިންނާއި 17 އަހަރުގެ ކުއްޖެއް ހިމެނެއެވެ.

ފުލުހުން އިއްޔެ މިކަމުގެ ތަފްސީލްތައް ހާމަކުރިއިރު މި މައްސަލާގައި މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ އައްޑޫ ފޭދޫގައި ހަރަކާތްތެރިވާ "މަގުއްދޫ" ގްރޫޕަށް ނިސްބަތްވާ މީހުންނެވެ. މި 11 މީހުންގެ ތެރޭގައި ކުޑަކުދިންތައް ހިމެނޭއިރު، އެ ކުދިންނަކީ ވެސް އެ ގްރޫޕުން ރެކްރޫޓްކޮށްގެން ގެންގުޅޭ ކުދިންތަކެއްކަން ފުލުހުން ހާމަކުރިއެވެ.

ފުލުހުންގެ ސައުތު ރީޖަންގެ ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝަމީމް ވިދާޅުވިގޮތުގައި އެ ކުދިން ކުށުގެ ތެރެއަށް ވައްދާފައި ވަނީ އެ ކުދިންނާ ބައްދަލު ކުރެވިގެން ވަކި ކަހަލަ މާހައުލުތަކެއް އުފައްދައިގެން ކަމަށެވެ. މި މައްސަލާގައި ޝާމިލްވާ ކަމަށް ތުހުމަތުވާ ގްރޫޕަކީ އައްޑޫގައި ވަރަށް "ބާރު ގަދަ" ބައެކެވެ. އެގޮތުން ގްރޫޕު މީހުން ހަރަކާތްތެރިވާ ވަކި ތަނެއް ހަދައި އެތަނުގައި ކޮފީ ބޮވޭ ގޮތާއި، ޝީޝާ ބޮވޭ ގޮތާއި މިހާރުގެ ޒުވާނުން ޝައުގުވެރިވާ ހުރިހާ ކަމެއް ހުންނަ ކަމަށްވެއެވެ.

ޝަމީމް ވިދާޅުވިގޮތުގައި އެ ކުދިން މީގެ ތެރެއަށް ވައްދާފައި ވަނީ އޮންލައިން ގޭމެއްގެ ތެރެއިން އެ ކުދިންނާ މުއާމަލާތް ކުރެވި އެ މީހުންގެ "އައްޑާ"ގައި ގޭމު ކުޅުމުގެ ފުރުސަތު ދީގެންނެވެ.

"މި ހަމަލާގައި ބައިވެރިވި ބައެއް ކުދިން ރެކްރޫޓުކުރެވިފައި ހުރި ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ އޮންލައިން ގޭމިންގެ ތެރެއިން. ކުޑަކުދިން ގްރޫމްކޮށް، އެކްސްޕްލޮއިޓް ކުރާ ފަރާތްތަކުން އެ ކުދިންނަށް ބައިސްކަލު ގަނެދީ، ބައެއް ފަހަރު ސައިކަލު ދީ، ބައެއް ހާލަތްތަކުގައި ކޮފީ ބޯ ތަންތަން ހަދައިދީ، ކޮފީ ބޯން ރެސްޓޯރެންޓްތަކަށް ގެންގޮސްދީ. އަދި ބައެއް ހާލަތްތަކުގައި 16 އަހަރާ 18 އަހަރާ ދެމެދުގެ ބައެއް ކުދިން ވަކި ތަންތަން ކުއްޔަށް ހިފައި ބައިތިއްބާ. މިކަންކަން ކުރަމުންދާކަން ވެސް އަޅުގަނޑުމެންނަށް ފާހަގަވި،" ފުލުހުންގެ ސައުތު ރީޖަންގެ ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝަމީމް ވިދާޅުވިއެވެ.

ބޮޑުން ފިލާ ތިބެ، ކުޑަކުދިން މައިދާނަށް

ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ދިން ތަފްސީލަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ މި މައްސަލާގައި މިހާތަނަށް ތުހުމަތުކޮށްފައިވާ 11 މީހުންގެ ތެރެއިން ހަމަލާގައި އަމަލީ ގޮތުން ބައިވެރިވީ 6 މީހުން ކަމެވެ. އޭގެ ތެރޭގައި ވެސް ހަމަލާ ދިނުމާއި، ހެކި ނައްތާލުމުގައި އަމަލީގޮތުން ބޮޑަށް ބައިވެރިވެފައި ވަނީ ކުޑަކުދިންކަމަށް ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވިއެވެ.

"މިހާތަނަށް ކުރެވުނު ތަހުގީގުން އަޅުގަނޑުމެންނަށް ކަށަވަރު ކުރެވުނު އެއް ކަމަކީ، މި ހަމަލާ ދިނުމުގައި އަދި ހެކި ނައްތާލުމުގައި ހަރަކާތްތެރިވެފައިވަނީ ހަ މީހެއްކަން. އެ ފަރާތްތަކުގެ އުމުރުފުރާ އަކީ 15 އަހަރާއި 19 އަހަރު [ދެމެދު]" ސާމިހު ވިދާޅުވިއެވެ.

ޒަޔާންގެ މަރާ ގުޅިގެން ހައްޔަރުކުރި ބޮޑެތި މީހުން:
އައިލިޝް އަލީ (19އ)، ފުފޫމާގެ/ސ. ފޭދޫ
ޔައިޝް އަންވަރު (19އ)، ކަދުރުމާގެ، ސ. ހިތަދޫ
އަބްދުﷲ ޝިއާއު ރަޝީދު (22އ)، ދިރިމާގެ/ސ. ފޭދޫ
އަހްމަދު ޝުއާއު (24އ)، ދިރިމާގެ/ސ. ފޭދޫ
އަހްމަދު އަބްދުﷲ (25އ)، ކަރަންފޫގެ، ސ. ފޭދޫ
އަބްދުﷲ ނިޒާރު (28އ)، ކާމަރަގަގެ، ސ. ފޭދޫ
އަހްމަދު ނަބީލް (34އ)، ސަންޝައިން، ސ. ފޭދޫ

ސާމިހް ވިދާޅުވިގޮތުގައި މި ހަމަލާ ދިން މީހުން ސޮލިޑްގޭގައި ތިބިއިރު، ރޭވުމުގައި އިސްކޮށް އުޅުނު މީހުން ސ. ފޭދޫގައި ހުރި ކެފޭއެއްގެ ތެރޭގައި، މެންދަމު 12 އިން 1 އާ ދެމެދުގެ ވަގުތެއްގައި ހަމަލާ ދިނުމާ ހަމައަށް، ހަމަލާގެ އިންތިޒާރުގައި ތިބިކަން ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ. އަދި ހަމަލާއަށް ފަހު ހަމަލާދޭން ދިޔަ މީހުންގެ ތެރެއިން އެކަކު، ކެފޭގައި ހަމަލާގެ އިންތިޒާރުގައި ތިބި މީހުންގެ ތެރެއިން މީހަކަށް ގުޅާފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި ހަމަލާގައި ސިލްސިލާ މާރާމާރީ އާއި، ބަދަލު ހިފުމުގެ އިތުރަށް ވެސް އެހެން މޯޓިވް ވެސް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ އިތުރަށް މޖި ހަމަލާގައި ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ބޮޑެތިކަންކަން ވެސް ހިނގާފައިވާތީ އެ ނަޒަރިއްޔާއިން ވެސް މައްސަލަ ބަލައި ތަހުގީގުކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.