ކުޅިވަރު

އެވަޓަން ބަލިކޮށް ނިއުކާސަލް ކުރިއަށް


އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު ނިއުކާސަލް ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ދެ ޓީމުންވެސް ހަމަހަމަކޮށް ބޯޅަ ގެންގުޅުނު ނަމަވެސް، ގިނަ ހަމަލާ އުފައްދާފައިވަނީ ނިއުކާސަލުންނެވެ. މިމެޗްގައި ނިއުކާސަލްއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 30 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މިގުއެލް އަލްމިރޮންއެވެ. މިއީ އޭނާ މިސީޒަންގައި ކާމިޔާބުކުރި ހަވަނަ ލަނޑެވެ.

މިމެޗްގެ ފުރަތަމަ ހާފްގައި ނިއުކާސަލްއިން މޮޅު ކުޅުމެއް ދެއްކިއިރު، ދެވަނަ ހާފްގައި އެ ޓީމުން ވަނީ ލިބުނު އެއް ލަނޑުގެ ލީޑު ދިފާއުކުރުމުގައި ކާމިޔާބީ ހޯދާފައެވެ. އަދި މި މެޗްގައި އެވަޓަންއަށް ނިއުކާސަލްގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މި ކާމިޔާބީއާއެކު ނިއުކާސަލް ވަނީ އެންމެ ފަހުން ކުޅުނު ހަ މެޗުވެސް ކާމިޔާބުކޮށްފައެވެ. އަދި ލީގުގައި އެ ޓީމް މިހާރު އުޅެނީ ކުޅުނު 11 މެޗުން ލިބިފައިވާ 18 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ. އަދި އެވަޓަން ވަނީ 11 މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައަށް ވެއްޓިފައެވެ.