ޚަބަރު

ރަޝިޔާއަށް ހަތިޔާރު ވިއްކާކަމަށް އީރާނުން އިންކާރުކޮށްފި


ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައިގައި އީރާނުން އުފައްދާފައިވާ ހަތިޔާރު ބޭނުން ކުރާ ކަމުގައި ހުޅަނގުން ކުރާ ތުހުމަތުތައް އީރާނުން ދޮގު ކޮށްފިއެވެ. ހުސްވި ހަފުތާއިން ފެށިގެން ރަޝިޔާގެ ފައުޖުތަކުން ދަނީ ޔޫކްރެއިނުގެ ވެރިރަށް ކީވްގެ އިތުރުން ބޮޑެތި އެހެން ރަށްތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

މި ހަމަލާތަކުގައި ކްރޫޒް މިސައިލްގެ އިތުރުން ކަމިކާޒީ ޑްރޯން ފަދަ ނުރައްކާތެރި ހަތިޔާރު ބޭނުން ކުރަމުންދާ ކަމުގައި ޔޫކްރެއިނުގެ އިތުރުން އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ދަނީ ބުނެއެވެ. އަދި، ރަޝިޔާ ސިފައިން ބޭނުން ކުރަމުންދާ ޑްރޯންތަކަކީ އީރާނުގައި އުފައްދާފައިވާ، އީރާނުން ފޯރުކޮށްދީފައިވާ ޑްރޯންތަކެއް ކަމުގައި އެ ޤައުމުތަކުން ތުހުމަތު ކުރެއެވެ.

"ޔޫކްރެއިން ހަނގުރާމައިގައި ބޭނުން ކުރުމަށް ޑްރޯން ހަތިޔާރު ރަޝިޔާއަށް ފޯރުކޮށްދީފައިވާ ކަމަށް ކުރާ ތުހުމަތުތައް ދޮގު ކުރަން. ސިޔާސީ ފައިދާއަކަށް ޓަކައި އީރާނާ ދެކޮޅަށް މި ފަދަ ތުހުމަތުތަކެއް ކުރާތީ ހިތާމަ ކުރަން. މިއީ، އީރާނާ ދެކޮޅަށް ފަތުރަމުންދާ ދޮގު މަޢުލޫމާތެއް،" އީރާނުން އ.ދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަޢީދު އިރަވަނީ ވިދާޅުވިއެވެ.

ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާއިން ބޭނުން ކުރަމުން ދަނީ އީރާނުން އުފައްދާފައިވާ ޝާހިދު-136އެސް މަރުކާގެ ޑްރޯން ކަމުގައި އެމެރިކާއާއި ވިލާތުގެ އިއްތިހާދު (އީ.ޔޫ)އިން ތުހުމަތު ކުރެއެވެ. އަދި، އެ ކަމަށް ބާރުދޭ ހެކި ހޯދާފައިވާ ކަމަށް ވެސް އެ ޤައުމުތަކުން ބުނެއެވެ.

ޑްރޯން ބޭނުން ކޮށްގެން ކީވްއަށް ދިން ހަމަލާތަކުގައި ފަސް މީހުން މަރުވެފައިވާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅިގެން އެ ޤައުމާ ދެކޮޅަށް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން އިސްވެ އޮވެ، އ.ދ.އިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ހަތިޔާރު ވިއްކުމަކީ އެ ޤައުމަށް މަނާ ކަމެކެވެ.

"މި ހަނގުރާމައާ ގުޅޭ ގޮތުން އީރާނުން ގެންގުޅޭ ސިޔާސަތު ވަރަށް ސާފު. އެ ކަން ވާނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ހާމަކޮށްފައި. އެއީ، ހުރިހާ ޤައުމަކުން ވެސް އ.ދ.ގެ ޗާޓަރަށް ފުރިހަމައަށް ތަބަޢަވާން ޖެހޭނެ ކަން. ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އިޙުތިރާމު ކުރަން ޖެހޭނެ ކަން. އީރާނުން މިހާތަނަށް ކުރިއަށް ގޮސްފައި ވާނީ އެ މަގުން. ކުރިއަށް އޮތް ތަނުގައި ވެސް އަމަލު ކުރާނީ އެ ގޮތަށް،" އީރާނުގެ ސަފީރު އިރަވަނީ ވިދާޅުވިއެވެ.

މި ކަމުގައި ރަޝިޔާއިން ވެސް ވަނީ އީރާނުގެ ދިފާޢުގައި ވާހަކަ ދައްކާފައެވެ. އަދި، ޔޫކްރެއިނު ހަނގުރާމައިގައި އީރާނުން އުފައްދާފައިވާ ޑްރޯންތައް ރަޝިޔާ ސިފައިން ބޭނުން ކޮށްފައިވާ ކަން ސާބިތު ކުރުމަށް ތަހުޤީޤު ނުކުރުމަށް ވެސް ރަޝިޔާއިން ވަނީ އ.ދ.އަށް ގޮވައިލާފައެވެ. ޑްރޯންތަކުގެ މައްސަލަ ފެންމަތިވެފައި މި ވަނީ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން އީ.ޔޫ.އިން މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

"މިއީ އ.ދ.ގެ ސަލާމަތީ މަޖިލީހާއި ހުޅަނގުގެ ބާރުތަކުން ހިންގާ ދޮގު މަޢުލޫމާތު ފެތުރުމުގެ ކެމްޕޭނެއް. އެ މީހުން މަސައްކަތް ކުރަމުން އެ ދަނީ އެއް ގާގަނޑުން ޖަހައި ދެ ދޫނި މަރައިލާން. ރަޝިޔާއާއި އީރާނާ ދެކޮޅަށް ދޮގު މަޢުލޫމާތު ފަތުރަން. ހަނގުރާމައިގައި ރަޝިޔާއިން ބޭނުން ކުރާ ޑްރޯންތަކަކީ ރަޝިޔާގައި އުފައްދާފައިވާ ހަތިޔާރުތަކެއް. ރަޝިޔާގެ އަސްކަރީ ޤާބިލިއްޔަތުކަމާ މެދު ސުވާލު ނުއުފައްދަން ގޮވައިލަން،" ރަޝިޔާއިން އ.ދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ނައިބު ޑިމިޓްރީ ޕޮލްޔެންސްކީ ވިދާޅުވިއެވެ.