ޚަބަރު

އޯ.އާރް.އެސް.ގެ ބާނީ ޑރ. ދިލިޕް މަހަލަނަބިސް މަރުވެއްޖެ


ބޭރަށް ހިންގުމަށް ދޭ ފަރުވާއެއް ކަމުގައިވާ އޯރަލް ރީހައިޑްރޭޝަން ސޮލޫޝާން ނުވަތަ އޯ.އާރް.އެސް. ބޭނުން ކުރުމުގެ ޚިޔާލު ވުޖޫދަށް ގެނައި ބާނީ ޑރ ދިލިޕް މަހަލަނަބިސް މަރުވެއްޖެއެވެ. ޑރ މަހަލަނަބިސް މަރުވީ އުމުރުން 87 އަހަރުގައި ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމުގައި އިންޑިޔާގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވެއެވެ. އޭނާ މަރުވީ ކަލްކަތާގެ ހޮސްޕިޓަލެއްގައެވެ.

ބޭރަށް ހިންގުމާއި އެހެން ސަބަބުތަކާ ގުޅިގެން ހަށިގަނޑުން ފެން މަދުވުމުން، އެ ކަމަށް ފަރުވާއެއްގައި ގޮތުގައި އޯ.އާރް.އެސް. ބޭނުން ކުރުމަކީ މުޅި ދުނިޔެ ވެސް ދަންނަ ކަމެކެވެ. ހަށިގަނޑުން ބޭރުވާ ފެން އިޔާދަ ކުރުމަށް ދެވޭ އޯ.އާރް.އެސް.އަކީ މަޝްހޫރު ފަރުވާއެއް ނަމަވެސް، އެ ފަރުވާ ހޯދި ޑޮކްޓަރަށް މާ ބޮޑު މަޝްހޫރު ކަމެއް ލިބިފައެއް ނެތެވެ.

އޭގެ ކުރިން މި ކަމަށް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރަނީ އިންޓްރާވީނަސް ފްލުއިޑް ނުވަތަ އައި.ވީ.އެވެ. އެއީ، ޚަރަދު ބޮޑު، އަދި ފަސޭހައިން ދެވޭ ފަރުވާއެއް ނޫން ކަމުގައި ޞިއްޙީ ދާއިރާގެ މާހިރުން ޤަބޫލު ކުރެއެވެ. ނަމަވެސް، ޑރ މަހަލަނަބިސްގެ އައު އީޖާދާ އެކު ހަށިގަނޑުން ފެން މަދުވުމުގެ މައްސަލައަށް ފަސޭހަ، އަދި ޚަރަދު ކުޑަ ފަރުވާއެއް ވަނީ ހޯދިފައެވެ.

ބޭރަށް ހިންގުމުގެ ރޯގާއާއި ކޮލެރާއަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި އެންމެ ގިނަ އަދަދެއްގެ ކުޑަކުދިން މަރުވާން މެދުވެރިވާ އެއް ސަބަބު ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ބުނެއެވެ. މި ބަލިތަކުގައި ކުޑަކުދިން މަރުވާން މެދުވެރިވާ މައިގަނޑު ސަބަބަކީ ހަށިގަނޑުން ފެން މަދުވުމެވެ. އެ ކަން ހައްލު ކުރުމަށް އޮތް އެންމެ ފަސޭހަ، އަދި އެންމެ ޚަރަދު ކުޑަ ފަރުވާއަކީ އޯ.އާރް.އެސް.އެވެ.

ޑރ މަހަލަނަބިސްއަށް އޯ.އާރް.އެސް.ގެ ޚިޔާލު އީޖާދު ކުރެވުނީ 1971ވަނަ އަހަރު އޭނާ ރެފިޔުޖީ ކޭމްޕެއްގައި މަސައްކަތް ކުރި ދުވަސްވަރެވެ. އެއީ، އިންޑިޔާއިން ބަންގްލަދޭޝް މިނިވަން ކަން ހޯދުމަށް ކުރި ހަނގުރާމައަށް ފަހުއެވެ. ޞިއްޙީ ދާއިރާގެ ލިޔެކިޔުންތައް ޝާއިޢު ކުރާ މަޝްހޫރު ޖަރނަލް ކަމުގައިވާ "ދަ ލާންސެޓް"ގައި ބުނެފައި ވަނީ އޯ.އާރް.އެސް.އަކީ 20ވަނަ ޤަރުނުގައި ޞިއްޙީ ދާއިރާއިން ހޯދިފައިވާ އެންމެ މުހިންމު ހޯދުން ކަމުގައެވެ.

ޑރ މަހަލަނަބިސްއަކީ ޞިއްޙީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ޑޮކްޓަރެވެ. 1975އިން 1979 އަށް އޭނާ ވަނީ ޑަބްލިޔު.އެޗް.އޯ.އާ އެކު ކޮލެރާ ފެތުރުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކޮށްފައެވެ. އެއިރު އޭނާ މަސައްކަތް ކޮށްފައި ވަނީ އަފްޣާނިސްތާނާއި، މިޞްރު އަދި ޔަމަނުގައެވެ. އަދި، 1980ގެ އަހަރުތަކުގެ ތެރޭގައި ޑރ މަހަލަނަބިސް ވަނީ ބެކްޓީރިޔާގެ ޒަރީޢާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމުގައި ޑަބްލިޔު.އެޗް.އޯ.އަށް ކޮންސަލްޓެންޓްއެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

1934ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 12ވަނަ ދުވަހު އުފަންވި ޑރ މަހަލަނަބިސްއަށް ވަނީ ކޮލަމްބިޔާ ޔުނިވަރސިޓީގެ ފަރާތުން ޕޮލިން ޕްރައިޒް އަރުވާފައެވެ. އެއީ، ކުޑަކުދިންނަށް ފަރުވާ ދިނުމުގެ ދާއިރާއިން ނެވޭ ނޮބެލް އިނާމާ އެއް ފެންވަރުގެ އިނާމެކެވެ.

މިއަދު އޯ.އާރް.އެސް.އަކީ ކޮންމެ ގޭބީސީއެއްގައި ފަސޭހައިން އަތުޖެހޭ ހިސާބުގައި ހުންނަން ޖެހޭ ފަރުވާއެކެވެ. ފަސޭހައިން ތައްޔާރު ކޮށްލެވޭ، ހަށިގަނޑަށް ފައިދާ ހުރި ފަރުވާއެކެވެ. އިންޑިޔާގައި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 29ވަނަ ދުވަސް ފާހަގަ ކުރަނީ އޯ.އާރް.އެސް. ދުވަހުގެ ގޮތުގައެވެ.