ޚަބަރު

ރައީސްގެ ސިޓީފުޅު، އޮމާންގެ ސުލްތާން ހައިޠަމް ބިން ޠާރިޤަށް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްގެ ސިޓީފުޅު އޮމާންގެ ސުލްތާން ހައިޠަމް ބިން ޠާރިޤް އަށް އަރުވައިފިއެވެ. އެމަނިކުފާނަށް މިސިޓީފުޅު އެރުވީ މިހާރު އޮމާނަށް ވަޑައިގެން ހުނެނެވި، ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ.

ސިޓީފުޅާ ޙަވާލުވެވަޑައިގަތީ އެ ޤައުމުގެ ފޮރިން މިނިސްޓަރ ސައްޔިދު ބަދުރު އަލްބުސައިދީއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އޮމާންއަށް ކުރައްވާ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޚާއްސަ މަންދޫބުގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅުގައެވެ.

މި ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ފޮރިން މިނިސްޓަރ ސައްޔިދު ބަދުރު އަލްބުސައިދީއާ ބައްދަލުކުރައްވައި މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ ދެގައުމުގެ ޝައުގުވެރިކަންހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމާމެދު މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖެއާއި އޮމާންއާ، ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމާމެދުވެސް މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ އޮމާންގެ މިނިސްޓަރ އޮފް ހެރިޓޭޖް އެންޑް ޓޫރިޒަމް ސާލިމް ބިން މުޙައްމަދު އަލްމަޙްރޫގީއާވެސް ބައްދަލުކުރައްވާފައެވެ. އަދި އެޤައުމުގެ އިންވެސްޓްމަންޓް އޮތޯރިޓީއާއެކު މަޝްވަރާތައް ކުރައްވައި ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ އިތުރު ގޮތްތަކާ ގުޅޭގޮތުންވެސް މިދަތުރުފުޅުގައި މަޝްވަރާކުރައްވާނެކަމަށްވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ރާއްޖެއިން އޮމާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލާއި ފޮރިން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.