ޚަބަރު

"ޒަޔާން މަރާލާފައިވަނީ ބަދަލު ހިފުމުގެ ރޫޙެއްގައި"


މިދިޔަ ޖޫން މަހު މާރާމާރީ ހިންގައި ބަޔަކު މަރާލާފައިވާ ސ. ފޭދޫ، ސޮލިޑް، އުމުރުން 21 އަހަރުގެ މުޙައްމަދު ޒަޔާން މޫސާ މަރާލާފައިވަނީ ބަދަލުހިފުމުގެ ގޮތުންކަމަށާ، އިތުރު މަގުސަދެއްވެސް އެކަމުގައި އޮތްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޒަޔާންގެ މަރުގެ މައްސަލައިގެ މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސާމިހް ވިދާޅުވީ ޒަޔާނަށް ހަމަލާދިންވަގުތު އޭނާ ހުރީ، އޭނާގެ ގޭގައިކަމަށާ، އެގެއަށް ފުލުހުން ދިޔައިރު ޒަހަމްތަކާއެކު ޒަޔާން އޮތް ކަމަށެވެ. އެވަގުތު ވާހަކަ ދެކެވޭތީ ބައެއް ވާހަކަތައް އޭނާ ފުލުހުންނަށް ކިޔައިދިން ކަމަށްވެސް ސާމިހް ވިދާޅުވިއެވެ. މިގޮތުން ޒަޔާންއާ ސުވާލު ކުރުމުން ހަމަލާދިން ގޮތާއި ހަމަލާދިން މީހުންނާ ގުޅޭ ވާހަކަތައް އެވަގުތު ކިޔާދީފައިވާކަމަށް ސާމިހް ވިދާޅުވިއެވެ.

ސާމިހް ވިދާޅުވީ މި މާރާމާރީއަކީ އައްޑޫ ސިޓީގެ ފޭދޫގައި ޖަމާއަތް ހަދައިގެން ކުށް ކުރަމުން އަންނަ ދެ ބައެއްގެ ތެރޭގައި ހިންގި ސިލްސިލާ މާރާމާރީއެއް ކަމަށެވެ. އަދި ޒަޔާން މަރާލީ ބަދަލު ހިފުމުގެ މާރާމާރީއެއްގެ ތެރެއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޒަޔާންއަށް ހަމަލާދިނުމަށް ދުރާލައި ރޭވި.، ޒަޔާން ދިރިއުޅޭ ގެއަށް މެންދަމުގެ ވަގުތު ހަމަލާދިނުމުގެ ބޭނުމުގައި ބަޔަކު ވަގަށް ވަދެ، ޒަޔާނަށް ފާރަވެރިވެ ތިބުމަށް ފަހު، ތޫނު ހަތިޔާރު ބޭނުންކޮށްގެން ޒަޔާނަށް ހަމަލާދީފައިވާކަން ފާހަގަ ކުރެވޭ.،" ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސާމިހް ވިދާޅުވިއެވެ.

ހަމަލާދިނުމަށް ބޭނުންކުރި ބައެއް ތަކެތި ނައްތާލުމަށް އަލިފާން ހުޅުގަނޑެއް ޖަހައި މަސައްކަތް ކޮށްފައިވާކަން ފާހަގަކުރައްވައި ސާމިހް ވިދާޅުވީ ހަމަލާދިނުމަށް ފަހު ފިލަން އުޅުނު މަންޒަރާއި ހެކިނައްތާލުމަށް ކުރި މަސައްކަތް ސީސީޓީވީ ފްޓޭޖުން ފެންނަ ކަމަށެވެ. އަދި ކުށްކުރި މާޙައުލުން ހޯދި ބައެއް ހެކިތައް މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހެއްގެ ޑީއެންއޭއާ ދިމާވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސާމިހް ވިދާޅުވީ މި ހަމަލާ ދިނުމުގަޔާއި ހެކި ނައްތާލުމުގައި ހަރަކާތްތެރިވެފައި ވަނީ ހަ މީހެއް ކަމަށެވެ. އެއީ 15 އަހަރާއި 19 އަހަރާ ދެމެދުގެ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" މާރާމާރީގައި އިސްކޮށް އުޅުނު މީހުންނަށް ބައެއް މީހުން އެހީތެރިކަން ފޯރުކޮށްދިން. އިސްކޮށް އުޅުނު މީހުން އެރޭ މެންދަމުގެ ވަގުތުގައި ފޭދޫގެ ކެފޭއެއްގައި ތިބި. އިސްކޮށް ތިބި މީހުންގެ މައިގަނޑު ދައުރަކީ ހަނގު އުމުރު ފުރައިގެ ކުދިން ކުށްކުރުމުގެ ވެއްޓަށް ވެއްދުން" ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސާމިހް ވިދާޅުވިއެވެ.

މިދިޔަ ޖޫން މަހު މާރާމާރީ ހިންގައި މަރާލާފައިވާ ސ. ފޭދޫ، ސޮލިޑް، އުމުރުން 21 އަހަރުގެ މުޙައްމަދު ޒަޔާން މޫސާ މަރާލިކަމުގެ ތުހުމަތުގައި ހަތަރު ކުޑަ ކުދިން ހިމެނޭހެން ޖުމުލަ 11 މީހުން ވަނީ ހައްޔަރު ކޮށްފައެވެ. މީގެ ތެރޭގައި 15 އަހަރުގެ 2 ކުދިންނާއި 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެއް ހިމެނެއެވެ.

މި މައްސަލާގައި ހައްޔަރުކޮފައިވާ އިތުރު މީހުން

ސ. ފޭދޫ ކާމަރަނގަގޭ - ޢަބްދުﷲ ނިޒާރު (28އ)
ސ.ފޭދޫ ދިރިމާގޭ - ޢަބްދުﷲ ޝިއާއު ރަޝީދު (22އ)
ސ.ފޭދޫ ފުފޫމާގޭ- އައިލިޝް އަލީ (19އ)
ސ.ފޭދޫ - ދިރިމޭގޭ އަޙްމަދު ޝުއާއު (24އ)
ސ.ހިތަދޫ - ކަދުރުމާގެ ޔައިޝް އަންވަރު (19އ)
ސ.ފޭދޫ - ކަރަންފޫގޭ އަޙްމަދު ޢަބްދުﷲ ( 25 އ)
ސ.ފޭދ- ސަންޝައިން އަޙްމަދު ނަބީލް -(34 އ)

ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބައެއް މީހުންނަކީ މީގެ ކުރިންވެސް އެކި މައްސަލަތަކުގައި ހައްޔަރުކުރުމުގެ ރެކޯޑު އޮތް މީހުންކަމަށެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރި ހިންގާފައިވާކަމުގެ ރިކޯޑް އޮންނަ ބައެއްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ޒަޔާންގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރުގެ ދަށުން 12 ތަނަކާއި، އިތުރު 15 ތަނެއް ވެރިފަރާތުގެ ހުއްދައާއެކު ބަލައި ފާސްކޮށްފައެވެ. އަދި 20 ތަނަކުން 290 ސީސީޓީވީ ފޫޓެޖް ނަގާ ދިރާސާކުރިއެވެ. އަދި 85 ނަންބަރެއްގެ ކޯލް ޑީޓެއިލްސް ނަގާފައިވެއެވެ. މީގެ އިތުރަށް 88 މީހުންގެ ބަޔާން ތަޙްޤީގަށް ނަގާފައިވެއެވެ.