ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗަކަށް ތަޖުރިބާކާރު ވޮލީ ކޯޗު އިބްރާހީމް ނިޒާރު (ބޮޑޭ) ހަމަޖައްސައިފިއެވެ.
ގައުމީ އަންހެން ޓީމުގެ ކޯޗަކަށް މީގެ ކުރިން ހުރީ ތަޖުރިބާކާރު ކޯޗު މުންތާޒް އަލީ (މުންތޭ) އެވެ. ގައުމީ ޓީމުގެ ކޯޗަކަށް ނިޒާރު ހަމަޖެއްސިކަން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ރަނޭޝް ވަނީ "ޕީއެސްއެމް ސްޕޯޓްސް" އަށް ކަށަވަރުކޮށްދެއްވާފައެވެ.
ގައުމީ ކޯޗަކަށް ނިޒާރު ހަމަޖެއްސީ ކުރިން ކޯޗުގެ މަގާމުގައި ހުރި މުންތޭ، ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް އޮންނަ ދުވަސްވަރު އުމްރާގެ އަޅުކަމަށް ފުރުމަށް ހަމަޖެހިފައިވާތީ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ނިޒާރުގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ތަމްރީނު ހަދަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ނިޒާރު އެންމެ ފަހުން ހުރީ ކުލަބު ވެމްކޯގެ ފިރިހެން ޓީމުގެ ހެޑް ކޯޗުގެ މަގާމުގައެވެ.
ގައުމީ ކޯޗަކަށް ނިޒާރު ހަމަޖެއްސިއިރު، ގައުމީ އަންހެން ވޮލީ ޓީމުން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަަށް ތައްޔާރުވަމުން އަންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ. އެންމެ ފަހުން ކުރިއަށް ދިޔަ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި މުންތޭގެ އިރުޝާދުގެ ދަށުން ރާއްޖޭގެ އަންހެން ޓީމު މުބާރާތް ނިންމާޅީ މޮޅެއް ނުލިބިއެވެ.