ޚަބަރު

މާފަރު އެއަރޕޯޓަށް ޖެއްސި ޖެޓުތައް މިދިޔަ އަހަރަށްވުރެ އިތުރު


މިއަހަރުގެ ފުރަތަމަ 3 ކުއާޓަރުގެ ތެރޭގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވާ ޕްރައިވެޓު ޖެޓުތަކުގެ އަދަދު މިދިޔަ އަހަރަށް ވުރެ އިތުރުކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

2019ވަނަ އަހަރުގެ ފަހުކޮޅު ހުޅުވާފައިވާ މާފަރު އެއަރޕޯޓު އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު މެނޭޖްކުރާ އައިލެންޑު އޭވިއޭޝަނުން ހާމަކުރާގޮތުގައި އެ އެއަރޕޯޓަށް ޖައްސާ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ.

އެގޮތުން މިއަހަރުގެ ފުރަތަމަ 3 ކުއާޓަރުގައި 298 ޖެޓު އެއަރޕޯޓަށް ޖައްސާފައިވާއިރު، މިއީ 596 ފުލައިޓު މޫވްމަންޓެވެ. މި އަދަދު މިދިޔަ އަހަރުތެރޭ ހުރީ 595ގައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައި މާފަރު އިންޓަރނޭޝަން އެއަރޕޯޓު މެދުވެރިކޮށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް އައިސްފައިވަނީ ރަޝިއާއިންނެވެ. އެގޮތުން ރަޝިއާއިން ރާއްޖެއަށް 410 ފަތުރުވެރިން މާފަރު އިންޓަރނޭޝަނަލް އެއަޕޯޓު މެދުވެރިކޮށް ރާއްޖެއަށް ވަނީ އެތެރެވެފައެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް އެތެރެވެފައިވަނީ ޔޫއޭއީ އިންނެވެ. އެޤައުމުން ރާއްޖެއަށް 256 ފަތުރުވެރިން އައިސްފައިވެއެވެ. އަދި އިންޑިއާއިން 171 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އައިލެންޑު އޭވިއޭޝަނުން ހާމަކުރާގޮތުގައި މިއަހަރުގެ ނޮވެމްބަރުމަހުން ޖެނުއަރީގެ ނިޔަލަށް 70 ޕްރައިވެޓު ޖެޓު މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމަށް ބުކިން ހަދާފައިވާ ކަމަށެވެ.

މާފަރު އިންޓަރނޭޝަލް އެއަރޕޯޓަށް ޖައްސާ ޖެޓުތަކުގައި އާއްމުގޮތެއްގައި އަންނަނީ ނ.އަތޮޅުގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިނެވެ. ނ.އަތޮޅަކީ މަތީ ފަންތީގެ ގިނަ ރިސޯޓުތަކެއް ހިންގަމުން އަންނަ އަތޮޅެކެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ނ.އަތޮޅުގައި 7 ރިސޯޓެއް ދަނީ ހިނގަމުންނެވެ. އަދި ރިސޯޓު ތަރައްޤީކުރުމަށް 13 ރަށެއް ދޫކޮށްފައިވެއެވެ. އެހެންކަމުން ކުރިމަގުގައި މާފަރު އެއަރޕޯޓަށް އޮންނަ ޑިމާންޑު މިހާރަށްވުރެ ބޮޑަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

ސަރުކާރުން މާފަރު އެއާޕޯޓު ތަރައްޤީކޮށްފައި ވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައްވެސް ޖެއްސޭ ގޮތަށެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަށްފަހު އެންމެ ބޮޑު ރަންވޭއެއްވެސް ހަދާފައި ވަނީ މާފަރު އެއާޕޯޓުގައެވެ.

މާފަރު އެއާޕޯޓަކީ ސީދާ އިންޓަރނޭޝަނަލް ދަތުރުތަކަށް އަމާޒުކޮށްކޮށްގެން ވަސީލަތްތައް ތަރައްޤީކޮށްފައިވާ އެއާޕޯޓެކެވެ.