ކުޅިވަރު

މިހާރު ގާއިމުކުރާ ވަސީލަތްތަކާއެކު މީގެ ހަ އަހަރު ފަހުން ނަތީޖާ ފެނިގެންދާނެ: މަޚްލޫފް


މި ސަރުކާރުން މިހާރު ގާއިމުކުރަމުން އަންނަ ކުޅިވަރު ވަސީލަތްތަކާއެކު މީގެ ހަ އަހަރު ފަހުން އޭގެ ރަނގަޅު ނަތީޖާ ފެނިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރާއްޖޭގެ ފުޓްބޯޅައިގެ ހަލަލާ ގުޅޭ ގޮތުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މަޚްލޫފް ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި އެންމެ ބޮޑު ސަމާލުކަމެއް ދީގެން ކުރާ ކަމަކީ ބޮޑު ފުޓްބޯޅަ ދަނޑުތައް ގާއިމުކޮށްދިނުން ކަމަށްވެސް ވިދާޅުވިއެވެ.

މަޚްލޫފް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރަށް ރަށުގައި ފުޓްބޯޅަ ކުޅުން އޮތީ އެއްކޮށް ހުއްޓިފައި ކަމަށާއި، އޭގެ ބަދަލުގައި ފެނިގެންދިޔައީ ރަށް ރަށުގައި މުޅިން މަޖަލަށް ފުޓްސަލް ކުޅެމުން އައި ތަން ކަމަށެވެ. އެހެންކަމުން އެ ރަށް ރަށުގައި ދަނޑުތައް ގާއިމުކޮށްގެން އަލުން ފުޓްބޯޅަ ކުޅެ، ރަނގަޅު ނަތީޖާއަކާ ހަމައަށް ދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އުއްމީދަކީ މިހާރު ގާއިމުކުރެވޭ ވަސީލަތްތަކާއެކު މީގެ ހަ އަހަރު ފަހުން ރަނގަޅު ބަދަލެއް ފެނިގެންދިޔުން ކަމަށްވެސް ވިދާޅުވިއެވެ.

މަޚްލޫފް އިތުރަށް ވިދާޅުވީ ރާއްޖޭގެ ގައުމީ ޓީމުތައް ކޮޅަށް ސަރަހައްދުގެ ގައުމުތަކުން ކިތަންމެ ބައިވަރު ލަނޑެއް ޖެހިޔަސް، ވަޒީރަކަށް ހުންނަ މީހަކަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އެކަމަކު އެކަމާ ކަންބޮޑުވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މި ސަރަހައްދުގެ ގައުމުތަކުން އެތައް މިލިޔަން ރުފިޔާއެއް ފުޓްބޯޅައަށް މިހާރު ޚަރަދުކުރާ ކަމަށާއި، އޭގެ ނަތީޖާ އެ ގައުމުތަކުން ވަރަށް ބާރަށް ފެނިގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި މި ސަރަހައްދުގެވެސް މި ގައުމުތަކާ އެކުގައި ފައިތިލަ އެއް ހަމައަކަށް ގެންނަން ބޭނުންކަމުގައިވާނަމަ ވަރަށް ބޮޑު ގެންޖެހުމެއް ކުރިމަތިވާނެ ކަމަށާއި، ނަމަވެސް މީގެ ހަ އަހަރު ފަހުން މިއަދު މި ކުރާމަސައްކަތުގެ ނަތީޖާ ފުޓްބޯޅައިން އަދި އެހެން ކުޅިވަރުތަކުން ވެސް ފެނިގެންދާނެ ކަމަށްvެސް މަޚްލޫފް ވިދާޅުވިއެވެ.

މި ސަރުކާރުން ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭއިރު، ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ޓާފް ދަނޑު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅެކެވެ. މީގެ އިތުރުން މި ސަރުކާރުން އަންނަނީ އެހެން ކުޅިވަރުތަކަށްވެސް އިސްކަންދީގެން، އެ ކުޅިވަރުތަކުގެ ވަސީލަތްތައްވެސް މުޅި ރާއްޖޭގައި ގާއިމުކުރަމުންނެވެ.