ކުޅިވަރު

ރެފުރީއާ ދިމާކުރުމުން އިނގިރޭސި އެފްއޭއިން ކްލޮޕަށް ފިޔަވަޅުއަޅައިފި


އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަތުން މޮޅުވި މެޗުގައި ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް މެޗުގެ ރެފުރީއާ ދިމާކޮށް، ބޭއަދަބީ ބަހުން މުއާމަލާތް ކުރުމާ ގުޅިގެން އިނގިރޭސި އެފްއޭއިން އޭނާ ސަސްޕެންޑުކޮށްފިއެވެ.

ކްލޮޕް މި އަމަލު ހިންގާފައިވަނީ އެ މެޗުގެ 85 ވަނަ މިނެޓުގައި ސިޓީގެ ބެނާޑޯ ސިލްވާ ލިވަޕޫލުގެ މުހައްމަދު ސަލާހަށް ކުރި ފައުލަކާއި ގުޅިގެން ރެފުރީ އެކަމަށް ފިޔަވަޅެއް ނޭޅުމުންނެވެ. އެގޮތުން ކްލޮޕް ވަނީ ރެފުރީ އެންތަނީ ޓޭލާ އާއި ދިމާކޮށް ބޭއަދަބީ ބަހުން ގިނަ ވާހަކަތަކެއް ދައްކާފައެވެ. އެއާއެކު މެޗުގައި ރެފުރީ ވަނީ ކްލޮޕަށް ސީދާ ރަތް ކާޑެއްވެސް ދައްކާފައެވެ.

މި ފިޔަވަޅާ ގުޅިގެން އިނގިރޭސި އެފްއޭއިން ވަނީ އަންނަ ބުދަ ދުވަހު ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ލިވަޕޫލުން ކުޅޭ މެޗަށް ކްލޮޕް ސަސްޕެންޑުކޮށްފައެވެ. އަދި ޖަވާބުދާރީވުމުގެ ފުރުސަތު އޭނާއަށް ވަނީ ހުކުރު ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

އެ މެޗަށްފަހު ކްލޮޕް ވަނީ އޭނާއަށް ކުރެވުނު ކަންކަމާ މެދު ފަޚުރުވެރިނުވާ ކަމަށް ބުނެ މީޑިއާގައި ވާހަކަދައްކާފައެވެ. އަދި އެކަމަށް މައާފަށް އެދޭ ކަމަށާއި، މިއީ އެއްގޮތަކަށްވެސް ކުރުން ރަނގަޅު ކަމެއް ނޫން ކަމަށްވެސް ބުންޏެވެ. އެހާލަތުގައި ދެއްކި ރަތް ކާޑާމެދު ބުނާނެ އެއްޗެއް ނެތް ކަމަށާއި، އެއީ ހައްގު ރަތް ކާޑެއް ކަމަށްވެސް ކްލޮޕް ބުންޏެވެ.

ސިޓީގެ މޮޅުވުމުގެ ސިލްސިލާއަށް ލިވަޕޫލުން އެ މެޗުގައި ނިމުން ގެނައީ މުހައްމަދު ސަލާހް ކާމިޔާބުކޮށްދިން ލަނޑާއެކު 1-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ތެރެއިން ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔަ ކަންކަމާއި ގުޅޭގޮތުން ލިވަޕޫލުން ވަނީ މައްސަލަ ޖައްސާފައެވެ. މި މައްސަލަ އިނގިރޭސި އެފްއޭއިން ތަހުގީގު ކުރަމުން އަންނައިރު، އަދި މިހާތަނަށް އެކަމަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.