ކުޅިވަރު

ޖޮޓާއަށް އަނިޔާވެ ވޯލްޑް ކަޕުގައި ނުކުޅެވޭނެ


އަނިޔާގެ ސަަބަބުން މި ފަހަރުގެ ފީފާ ވޯލްޑް ކަޕުން ނުފެންނާނެ ކުޅުންތެރިންގެ ލިސްޓުގައި ޕޯޗުގަލުގެ ފޯވާޑް ޑިއޯގޯ ޖޮޓާ ހިމެނިއްޖެއެވެ.

ކުޑަކަޅުވާއަށް ލިބުނު އަނިޔާގެ ސަބަބުން ޖޮޓާއަށް ވޯލްޑް ކަޕް ގެއްލުނީ މި ހަފުތާގެ އާދީއްތަ ދުވަހުގެރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވި މެޗުގައެވެ. އެ މެޗުގައި އޭނާގެ ފަޔަށް އަނިޔާވުމުން ދަނޑުން ބޭލީ އަށިގަނޑުގައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އުމުރުން 25 އަހަރުގެ ޖޮޓާއަށް ލިބުނު އަނިޔާއާ ގުޅިގެން އެއްވެސް އޮޕަރޭޝަނެއް ކުރަން ނުޖެހެއެވެ. ނަމަވެސް އެ އަނިޔާއިން ރަނގަޅުވާން ދިގު މުއްދަތެއް ނަގާނެ ކަމަށާއި، އެ މުއްދަތުގެ ތެރޭގައި ވޯލްޑް ކަޕުގައި ނުކުޅެވޭނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ވޯލްޑް ކަޕް ފެށުމަށް ތައްޔާރުވަމުން އަންނައިރު، މިއީ ޕޯޗުގަލް ޓީމަށް ލިބޭނެ ބޮޑު ގެއްލުމެކެވެ. އަދި ލިވަޕޫލަށްވެސް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ވަނީ ފާހަގަކޮށްފައެވެ.

ކްލޮޕް ބުނީ ޖޮޓާއަށް ލިބުނު އަނިޔާއަކީ އެ ޓީމަށް ކުރިއަށްހުރި މެޗުތަކަށް ބަލާއިރު މުޅި ޓީމަށްވެސް ލިބޭ ބޮޑު ދެރައެއް ކަމަށާއި، ކަންބޮޑުވަނީ މި ފަހަރުގެ ވޯލްޑް ކަޕުގައި އޭނާއަށް ނުކުޅެވުމުން ޕޯޗުގަލް ޓީމަށް ލިބޭނެ ގެއްލުމާ ދޭތެރޭގައި ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން އެންމެ އަވަހަށްވެސް ޖޮޓާއަށް ކުޅުމުގެ ތެރެއަށް އާދެވޭނީ އަންނަ އަހަރުގައެވެ. ސީދާ ތާރީޚެއް ލިވަޕޫލުން ހާމަކޮށްފައި ނުވި ނަމަވެސް، މި އަހަރު އޭނާއަށް އެއްވެސް މެޗެއްގައި ނުކުޅެވޭނެކަން މިހާރު ވަނީ ޔަގީންވެފައެވެ.

މި ސީޒަން ފެށުމުގެ ކުރިން ބޭއްވި ޕްރީ-ސީޒަން އޭޝިއާ ޓުއާގައިވެސް ޖޮޓާއަށް ނުކުޅެވުނެވެ. އެއީ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. މަސް ދުވަސް ކުޅުމާ ދުރުގައި ހުރުމަށްފަހު މިދިޔަ މަހު ޖޮޓާ އެނބުރި އައި ނަމަވެސް، ކުޅުމާ ގުޅުނުތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އަނެއްކާވެސް މި ވަނީ ކުޅުމާ ދުރަށް ދާން ޖެހިފައެވެ.