ޚަބަރު

ރާޖަމޯލީގެ ކުރިއަށް އޮތް ފިލްމަށް މަހޭޝް ބާބޫ އާއި ދީޕިކާ


ހިންދީ ސިނަމާގައި ބޮޑު ހިޓަކަށްވި ދެ ފިލްމު ކަމަށްވާ އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އަދި "ބަހޫބާލީ" އަށްފަހު ގިނަ ބައެއްގެ ތައުރީފް ރާޖަމޯލީއަށް ވަނީ ލިބިފައެވެ. އަދި އޭނާގެ އިތުރު ފިލްމުތަކަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރުވެސް ކުރަމުންނެވެ. ރާޖަމޯލީ ބޮޑަށް މަޝްހޫރުވެފައި ވަނީ އޭނާގެ ފިލްމުތަކުގެ ކާސްޓުންނާއި ކިޔައިދޭ ވާހަކައިގެ މޮޅުކަމުގެ ސަބަބުންނެވެ.

މުނިފޫހިފިލުވައިދޭ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ރާޖަމޯލީ އަންނަނީ އަނެއްކާވެސް އާ ފިލްމަކަށް ތައްޔާރުވަމުންނެވެ. އަދި އެ ފިލްމަށް ވަގުތީ ގޮތުން ދީފައިވާ ނަމަކީ "އެސްއެސްއެމްބީ29" ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މަޝްހޫރު އެކްޓަރު މަހޭޝް ބާބޫ މި ފިލްމަށް ކާސްޓްކޮށްފައިވާއިރު، މި ރިޕޯޓްތައް ބުނާގޮތުން މީގެ އަންހެން ލީޑްގެ ރޯލުން ފެންނާނީ މިހާރު ބޮލީވުޑްގައި އެންމެ ހުނަރުވެރި އެއް ތަރި ދީޕިކާ ޕަޑްކޯނެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް އަދި ކަށަވަރެއްނުވެއެވެ.

މީގެ ކުރިން ދިން އިންޓަވިއުއެއްގައި މަޝްހޫރު ލިޔުންތެރިޔާ ކޭވީ ވިޖަޔަންދްރަ ޕްރަސާދު ބުނި ގޮތުގައި މި ފިލްމަކީ ހަޤީޤީ ހާދިސައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

އިތުރު އެހެން އިންޓަވިއުއެއްގައި އެކްޓަރު މަހޭޝް ބާބޫ ހާމަކުރި ގޮތުގައި، ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަން އަދި އަވަސް ކަމަށާއި ނަމަވެސް މި ފިލްމަކީ އޭނާގެ ވަރަށް ބޮޑު ހުފަނެއް ކަމަށެވެ. އެސް.އެސް ރާޖަމޫލީ އާއި އޭނާއާއި އެކުގައި މަސައްކަތް ކުރަން އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި އެންމެ ފަހުން އެކަން ވެގެން މިދަނީ ކަމަށްވެސް މަހޭޝް ބާބޫ އޭރު ވަނީ ބުނެފައެވެ.

މި ޚަބަރުގެ ކުރިން ދީޕިކާ ވަނީ މެގަސްޓާ ޕްރަބާސް އާއެކު "ޕްރޮޖެކްޓް ކޭ" ކިޔާ ދެކުނުގެ އިތުރު ފިލްމަކަށް ސޮއިކޮށްފައެވެ. އެއީ ނާގް އަޝްވިން ލިޔެ ޑައިރެކްޓްކޮށް ވައިޖަޔަންތި މޫވީސް އިން ޕްރޮޑިއުސްކޮށްފައިވާ ސައިންސް ފިކްޝަން ފިލްމެކެވެ. ތެލެގޫ އަދި ހިންދީ ބަހުން ވެސް ރިލީޒްކުރަން ހަމޖައްސާފައިވަ މި ފިލްމުގައި ސުޕަ ސްޓާ އަމީތާބް ބައްޗަން އާއި ދިޝާ ޕަޓާނީ ވެސް ފެންނާނެއެވެ.

އެސްއެސް ރާޖަމޫލީގެ އެންމެ ފަހުގެ ފިލްމު "އާރްއާރްއާރް" އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެބެ. މި ފިލްމުގެ ކާސްޓުގައި ދެކުނު ދެ ތަރިން ކަމަށްވާ އޖޫނިއާ އެންޓީއާރް، ރާމް ޗަރަން، އަދި އާލިއާ ބަޓް ވެސް މައިގަނޑު ރޯލުތަކުން ފެނިގެންދިޔައެވެ.