ޚަބަރު

އުންޗާއީ : ބެލުންތެރިން ހެއްވާލާ އަދި ރޮއްވާލާނެ ފިލްމެއް


އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ ބޮލީވުޑް ސުޕަރ ސްޓަރ އަމީތާބް ބައްޗަން، އަނޫޕަމް ކޭރް، ބޯމަން އިރާނީ ލީޑް ރޯލުން ފެނިގެންދާ "އޫންޗާއީ"ގެ ފަސްޓް ލުކް ބެލުންތެރިންނަށް ދޫކޮށްލާފައި ވަނީ މިދިޔަ އޮގަސްޓު މަހުއެވެ. އޭގެފަހުން މިހާރު މިވަނީ މީގެ ޓްރެއިލާއެއް ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

ރީތި އަދި އެހާމެ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ބޮލީވުޑްގެ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ މި ފިލްމަކީ ދުވަސްވީ އެކުވެރިންތަކެއްގެ ވާހަކައެއް ކިޔައިދޭނެ ޑްރާމާ ފިލްމެކެވެ. "އޫންޗާއީ" ގެ ކާސްޓްގައި އަމީތާބް ބައްޗަން، ސާރިކާ، އަނޫޕަމް ކޭރް، ނީނާ ގުޕްތާ، ބޮމަން އިރާނީ، ޑެނީ ޑެންޒޯންގްޕާ، ނަފީސާ އަލީގެ އިތުރުން ޕަރިނީތީ ޗޯޕްޅާ ވެސް ހިމެނެ އެވެ.

ރާޖްޝްރީ ޕްރޮޑަކްޝަންސް އިން ގެނެސްދޭ "އޫންޗާއީ" އަކީ އިއުލާންކުރީއްސުރެ ބެލުންތެރިން ވަރަށް އިންތިޒާރުކުރާ ފިލްމަކަށް ވަނީ ވެފައެވެ. އަދި އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައިވެސް ހިމެނޭ މި ފިލްމަކީ ސުނިލް ގާންދީ ސްކްރީންޕްލޭއަކަށް ހަދާފައިވާ އެއްޗެކެވެ.

މި ފިލްމުގެ މަންޒަރުތައް ނޭޕާލް، ދިއްލީ، މުމްބާއީ، އާގްރާ، ލަކްނޯ، އަދި ކާންޕޫރުގައިވެސް ވަނީ ޝޫޓްކޮށްފައެވެ. މި ފެމިލީ ޑްރާމާ އަކީ 7 އަހަރަށްފަހު ޑައިރެކްޓަރު ސޫރަޖް އާރް ބާޖަތުޔާ ބޮޑު ސްކްރީނަށް އެނބުރި އައުމެވެ.

"މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" އާއި "ހަމް ސާތު ސާތު ހޭ" ގެ އިތުރުން "ވިވާ" ފަދަ އާއިލީ ފިލްމުތައް ގެނެސްދިން ސޫރަޖް އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2015 އަހަރު ގެނެސްދިން "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ.