ކީރިތި ގުރުޢާނާބެހޭ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް އައްޝައިޙް އިލްޔާސް ޖަމާލް، ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑަންސްގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޙް ޢަވާދު ބިން ސަބްތީ އަލް ޢަންޒީއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމަކީ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ވަފުދެއް އެ ޤައުމަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، މައްކާގައި ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.
މައްކާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދުގައިވާ ގާތް ގުޅުން ދެމެހެއްޓުމަށާއި، ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. ޚާއްސަކޮށް ދެ ގައުމު ގުޅިގެން ދީނީ ދާއިރާއިން ދިވެހިންނަށް ކަންކަން ފަހިކޮށްދިނުމަށް މަސައްކަތްތައް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަދެއްކެވިއެވެ.
ބައްދަލުވުމުގައި ސަޢުދީ ސަރުކާރުގެ ފަރާތުން ވާހަކަދައްކަވަމުން އައްޝައިޙް ޢަވާދު ވިދާޅުވީ، ސަޢުދީއިން އަބަދުވެސް މައްސަކަތްކުރައްވަނީ އިސްލާމް ދީނާއި މުސްލިމުންގެ ޚިދުމަތުގައިކަމަށެވެ. ދީނީ ކަންކަމުގައި އެއް ގައުމު އަނެއް ގައުމަށް ސަޢުދީގެ އެއްބާރުލުން އަބަދުވެސް ލިބޭނެކަމަށެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ރާއްޖެއާއި ސަޢުދީގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސަޢުދީ ސަރުކާރާއެކު ރާއްޖޭން ސޮއިކޮށްފައިވަނީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށް ދިޔަ 77 ވަނަ އާއްމު މަޖިލީހުގެ ޖަލްސާގެ ޙަވާސާގެ ތެރެއިންނެވެ.
އައްޝައިޙް ޢަވާދު ވިދާޅުވީ މި އެއްބަސްވުމަކީ ދީނީ ކަންކަމުގައި ޚިދުމަތް ކުރުމާއި، އިސްލާމީ ކަންކަމުގައި މެދު މިން ފެތުރުމާއި ހަރުކަށި ފިކުރު ނައްތާލުމަށް ކުރެވޭ މަސައްކަތުގައި މުހިންމު އެއްބަސްވުމެއްކަމަށެވެ.
އައްޝައިޙް އިލްޔާސް ޖަމާލްގެ ވާހަކަފުޅުގައި އިސްލާމްދީނައި މުސްލިމުންނަށް ޚިދުމަތްކޮށް، ދީނީ ކަންކަމުގައި މެދުމިން ގެންގުޅުމާއި މެދުމިނުގެ ތަޞައްވުރުތައް ފެތުރުމާއި އަދި ޙައްޖުވެރިންގެ ޚިދުމަތުގައި ސަޢުދީ ސަރުޚާރުން ކުރައްވާ މަސައްކަތްތަކަށް ތަޢުރީފް ކުރެއްވިއެވެ. އަދި އިސްލާމީ ކަންކަމާ ގުޅުންހުރި އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ މުސްލިމުންނަށް ސަޢުދީ ސަރުކާރުން ކޮށްދެއްވާ ގިނަގުނަ ކަންކަން ފާހަގަ ކުރައްވާ އެކަމަށް ޝުކުރު ދެންނެވިއެވެ. އަދި މިފަދަ ދަތުރުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ދީނީ ރޮނގުން މުހިންމު ފުރުޞަތުތަކެއް ފަހިވާކަން ފާހަގަކުރެއްވިއެވެ.