މާލޭ ސިޓީ ކައުންސިލުން، ނަގަންޖެހޭ ހުއްދަ ނުނަގައި ގަސް ވިއްކުމުގެ ވިޔަފާރިކުރާތީ އިކޮނޮމިކް މިނިސްޓްރީން މާލެ ސިޓީ ކައުންސިލް 10،000 ރުފިޔާއިން  ޖޫރިމަނާކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން  ވިދާޅުވީ މާލޭ ސިޓީ ކައުންސިލަށްވެސް ވިޔަފާރިކުރެވޭނީ ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދައިގެން ކަމަށެވެ. ނަމަވެސް، ސިޓީ ކައުންސިލުން މި މަހުގެ 8ވަނަ ދުވަހުގެ ރޭ "މާލެ ފެހި"ގެ ނަމުގައި ގަހާއި ގަސްކާނާ ވިއްކާ ފިހާރައެއް ހުޅުވީ އެފަދަ އެއްވެސް ކަމެއް ނުކުރައްވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. 
ހުއްދަ ނުހޯދައި ވިިޔަފާރިކުރާތީ ސިޓީ ކައުންސިލް 10000 ރުފިޔާއިން ޖޫރިމަނާކޮށް  އެކަމުގެ ޗިޓް ވަނީ ފޮނުވާފައެވެ. 
		
										
			މިކަމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން  މާލެސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ އެތަން ހިންގަނީ  އާންމު ފިހާރައެއް ހިންގާ ގޮތަކަށް ނޫންކަމަށާ، އެއީ  ރައްޔިތުންނަށް ހިދުމަތްދޭން ހޯދާ ފައިސާކަމަށެވެ. ޑރ.މުއިއްޒު ވިދާޅުވީ އެ މަސައްކަތް ކުރަމުން އަންނަނީ ލަމަރުކަޒީ އުޞޫލަށް ގެނައި ބަދަލާއެކު ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ދަށުން ކަމަށެވެ. 
ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނީ ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދައި ރަޖިސްޓްރީކޮށްގެންކަމަށް ބުނެފައިވެއެވެ. އެކުންފުނި ރަޖިސްޓްރީކުރަންޖެހެނީ އިކޮނޮމިކް މިނިސްޓްރީގައެވެ. އަދި އެފަދަ ކުންފުންޏެއް އުފައްދައިގެންވެސް ކައުންސިލްތަކަށް ހުއްދަދެނީ ޢާންމުންގެ މެދުގައި ވާދަވެރި ނޫން ވިޔަފާރިތަކަށެވެ. ވާދަވެރި ބާވަތްތަކުގެ ވިޔަފާރީގެތެރެއަށް ވަނުމަށް ކައުންސިލްތަކަށް ހުއްދައެއް ނުކުރެއެވެ. 
މިމަހުގެ 8ވަނަ ދުވަހު ކާނިވާ ސަރަޙައްދުގައި މާލޭ ސިޓީކައުންސިލުން ގަސްވިއްކާ ފިހާރައެއް ހުޅުވީ 25 ވައްތަރަކުން ހާހެއްހާ ގަހާއެކުގައެވެ. މި ވިޔަފާރިއަކީ މާލޭގައި ޢާއްމު ބައެއް ފަރާތްތަކުންވެސް ހިންގާ ވިޔަފާރިއެކެވެ.