ޚަބަރު

ހުޅަނގު ޤުދުސްއަކީ އިސްރާޢީލުގެ ވެރިރަށް ކަމުގައި ބަލައިނުގަންނަން އޮސްޓްރޭލިޔާއިން ނިންމައިފި


ޔަހުދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގެ ތެރެއިން ޤުދުސްގެ ހުޅަނގުގެ ސަރަޙައްދަކީ ޔަހޫދީންގެ ދަޢުލަތް ކަމުގައިވާ އިސްރާޢީލުގެ ވެރިރަށް ކަމުގައި އެ ޤައުމުން އަމިއްލައަށް ކަނޑައަޅާފައި އޮތް ނަމަވެސް، އެ ނިންމުން ބަލައިނުގަންނަން އޮސްޓްރޭލިޔާގެ ސަރުކާރުން ނިންމައިފިއެވެ.

އޮސްޓްރޭލިޔާގެ މި ނިންމުމާ ގުޅިގެން ޔަހޫދީން ވަނީ އެ ޤައުމަށް ފާޑުކިޔުންތައް އަމާޒު ކޮށްފައެވެ. ނަމަވެސް، ފަލަސްޠީނުން ވަނީ އޮސްޓްރޭލިޔާގެ ނިންމުމަށް މަރުޙަބާ ކިޔާފައެވެ.

މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އޮސްޓްރޭލިޔާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް ވިދާޅުވީ، ޤުދުސްގެ ކުރިމަގާ މެދު ގޮތެއް ނިންމަން ޖެހޭނީ ފަލަސްޠީނާއި ޔަހޫދީންނާ ދެމެދު މަޝްވަރާ ކޮށްގެން ކަމުގައެވެ. ހުޅަނގު ޤުދުސްއަކީ އިސްރާޢީލުގެ ވެރި ރަށުގެ ގޮތުގައި ބަލައިގަނެފައި ވަނީ އޮސްޓްރޭލިޔާގެ ކުރީގެ ސަރުކާރުންނެވެ.

އެ ގޮތަށް ނިންމަވާފައި ވަނީ ކުރީގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންއެވެ. އޭނާ އެ ގޮތަށް އަމަލު ކުރައްވާފައި ވަނީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް އެ ގޮތަށް ނިންމެވުމާ ގުޅިގެންނެވެ. ހުޅަނގު ޤުދުސްއަކީ ޔަހޫދީންގެ ދަޢުލަތުގެ ވެރިރަށް ކަމުގައި އެމެރިކާއާއި އޮސްޓްރޭލިޔާއިން ބަލައިގަނެފައި ވަނީ 2018ވަނަ އަހަރުއެވެ.

މޮރިސަންގެ އެ ނިންމެވުމާ ގުޅިގެން އޮސްޓްރޭލިޔާއާއި އެ ޤައުމުގެ އަވަށްޓެރި ޤައުމެއް ކަމުގައިވާ އިންޑޮނީޝިޔާއާ ދެމެދު ބޮޑު ކޯޅުންގަނޑެއް ފެށުނެވެ. އިންޑޮނީޝިޔާއަކީ މުސްލިމުންގެ އެންމެ ބޮޑު އާބާދިއެއް އޮންނަ ޤައުމެވެ. މި މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި އެކުލަވައިލަން މަސައްކަތް ކުރަމުން ދިޔަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަސައްކަތްތަކަށް ވެސް ހުއްޓުން އެރިއެވެ.

"ހުޅަނގު ޤުދުސްއަކީ އިސްރާޢީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމުން އޮސްޓްރޭލިޔާގެ ރައްޔިތުންނަށް ވެސް އެ ކަމުގެ ނުރަނގަޅު އަސަރުތައް ކުރި. ކަންބޮޑުވުންތަކެއް ކުރިމަތިވި. އެހެންވެ، ސަރުކާރުން މިހާރު މި ވަނީ އެ ކަން ބަދަލު ކުރަން ނިންމާފައި،" ވޮންގް ވިދާޅުވިއެވެ.

"ފަލަސްތީނާއި އިސްރާޢީލުގެ މިނިވަން ދެ ދަޢުލަތް ޤާއިމު ކުރަން ކުރަމުންދާ މަސައްކަތްތަކަށް ހިޔަނި އެޅޭނެ ފަދަ، އަދި ހުރަސް އެޅޭނެ ފަދަ އެއްވެސް އަމަލަކަށް އޮސްޓްރޭލިޔާގެ ތާޢީދެއް ނޯންނާނެ. އެހެންވެ، ޤުދުސްއަށް އޮސްޓްރޭލިޔާގެ އެމްބަސީ ބަދަލު ކުރުމުގެ އެއްވެސް ވިސްނުމެއް ވެސް ނެތް،" ވޮންގް ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން ޔަހުދީންގެ ދަޢުލަތުގެ ބޮޑުވަޒީރު ޔައިރު ލަޕިދު ވަނީ އޮސްޓްރޭލިޔާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ނޮވެންބަރު 1ވަނަ ދުވަހު އެ ޤައުމުގައި ބާއްވާ ޢާންމު އިންތިޚާބަށް ތައްޔާރު ވަމުންދާ ދަނޑިވަޅެއްގައި ލަޕިދު ވިދާޅުވީ އޮސްޓްރޭލިޔާއިން އެހެން ކަންކަމާ މެދު ތަންކޮޅެއް "ޕްރޮފެޝަނަލް" ނިންމުންތަކެއް ނިންމާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ.

ޔަހޫދީ އިސްރާޢީލުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެފައި ވަނީ 1967ވަނަ އަހަރުއެވެ. އަދި، ޤުދުސްއަކީ އެ ޤައުމުގެ ތަނެއްގެ ގޮތުގައި ކަނޑައަޅައި، އެއީ ޔަހޫދީންގެ ދަޢުލަތުގެ ވެރިރަށް ކަމުގައި ވެސް ކަނޑައެޅިއެވެ.

އޮސްޓްރޭލިޔާގެ ނިންމުމަށް ފަލަސްޠީނުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އަދި، އެ ކަމާ އުފާ ފާޅުކޮށްފައެވެ. ފަލަސްޠީނުގެ ދާޚިލީ ވަޒީރު ޙުސައިން އަލްޝައިޚް ވިދާޅުވީ، އޮސްޓްރޭލިޔާގެ ނިންމުމާ އެކު ފަލަސްޠީނަށް ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިއްޖެ ކަމުގައެވެ. އަދި، ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށް ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރު ލިބިއްޖެ ކަމުގައެވެ.

"އޮސްޓްރޭލިޔާގެ ނިންމުން އުފަލާއެކު ބަލައިގަންނަން. އެ ނިންމުމަށް މަރުޙަބާ ކިޔަން. ފަލަސްޠީނާއި އިސްރާޢީލުގެ ދެ ދަޢުލަތް ޤާއިމު ކުރުމަށް އޮސްޓްރޭލިޔާއިން ގޮވައިލި ގޮވައިލުމަށް ވެސް މަރުޙަބާ،" އަލްޝައިޚް ވިދާޅުވިއެވެ. ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާޢަތުން ވެސް ވަނީ އޮސްޓްރޭލިޔާގެ ނިންމުމަށް މަރުޙަބާ ކިޔާފައެވެ. އަދި، މިއީ ރަނގަޅު މިސްރާބަކަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުގައި އެ ޖަމާޢަތުން ވަނީ ސިފަ ކޮށްފައެވެ.

އިންޑޮނީޝިޔާއިން ވެސް ވަނީ އޮސްޓްރޭލިޔާގެ ނިންމުމަށް ތަޢުރީފު ކޮށްފައެވެ. އަދި، މި ނިންމުމާ ގުޅިގެން ފަލަސްތީނުގެ މުސްލިމުންނާއި ޔަހޫދީންނާ ދެމެދު ދެމެހެއްޓެނިވި ގޮތެއްގައި ޞުލްޙަ ޤާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ކޮންމެ ވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބުނު ކަމުގައި އިންޑޮނީޝިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.