ޚަބަރު

ރަޝިޔާއިން ޔޫކްރެއިނުގެ ކަރަންޓާ ގުޅޭ ވަސީލަތްތައް ސުންނާފަތިކޮށްލައިފި


ޔޫކްރެއިނުގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުދިނުމަށް ބޭނުން ކުރާ އިންޖީނުގެތަކާއި އެހެނިހެން ވަސީލަތްތައް ރަޝިޔާއިން ސުންނާފަތި ކޮށްލާފައިވާ ކަމުގައި ޔޫކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. ހުސްވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރަޝިޔާގެ އަސްކަރިއްޔާއިން ވަނީ ޔޫކްރެއިނުގެ ވެރިރަށް ކީވްގެ އިތުރުން އެހެން މައި ރަށްތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ކްރޫޒް މިސައިލާއި ޑްރޯން ބޭނުން ކޮށްގެން ދީފައިވާ މި ހަމަލާތައް އަމާޒު ކޮށްފައި ވަނީ ޔޫކްރެއިނުގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ދިނުމަށް ބޭނުން ކުރާ ޢިމާރާތްތަކާއި ވަސީލަތްތަކަށެވެ. ޒެލެންސްކީ ވިދާޅުވީ، ރަޝިޔާގެ ހަމަލާތަކުގައި އެ ޤައުމުގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ވަސީލަތްތަކުގެ ތިންބައިކުޅަ އެއްބައި މުޅިން ސުންނާފަތި ކޮށްލާފައިވާ ކަމުގައެވެ.

ފެބުރުވަރީ 24ގައި ޔޫކްރެއިނަށް އަރައި ރަޝިޔާ ސިފައިން ފެށި ހަނގުރާމައިގައި މި މަހުގެ ތެރޭގައި މި ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. މި ގޮތުން، ޔޫކްރެއިނުގެ އިރުމަތީގައިވާ ޚާރްކިވްގެ ބައެއް ރަށްތަކަށް ރަޝިޔާ ސިފައިން ވަނީ ވެރިވެގަނެފައެވެ. ނަމަވެސް، ޚާރްކިވްގެ ސަރަޙައްދުތައް ރަޝިޔާ ސިފައިންގެ އަތްދަށުން މިނިވަން ކުރުމަށް ޔޫކްރެއިނުގެ ސިފައިން ދަނީ ހަނގުރާމަ ކުރަމުންނެވެ.

އޮކްޓޫބަރު 18ވަނަ ދުވަހު ވެސް ރަޝިޔާގެ އަސްކަރިއްޔާއިން ވަނީ ޔޫކްރެއިނުގެ ވެރިރަށް ކީވްއަށް ވަރުގަދަ ހަމަލާތަކެއް އަމާޒު ކޮށްފައެވެ. މި ހަމަލާތައް ދީފައި ވަނީ ކީވްގެ އިންޖީނުގެތަކާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރާ އެހެން ވަސީލަތްތަކަށެވެ.

"އޮކްޓޫބަރު 10ގެ ފަހުން ރަޝިޔާއިން ދީފައިވާ ޓެރެރިސްޓް ހަމަލާތަކުގައި ޔޫކްރެއިނުގެ އިންޖީނުގެތަކުގެ ތެރެއިން 30 އިންސައްތަ ޢިމާރާތާއި ވަސީލަތްތައް ވަނީ ސުންނާފަތި ކޮށްލާފައި. އެ ކަމާ ގުޅިގެން ބޮޑެތި ސަރަޙައްދުތަކަކުން ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައި،" ޒެލެންސްކީ ވިދާޅުވިއެވެ.

ކީވްގެ އިތުރުން އިރުމަތީގައިވާ ޚާރްކިވްއާއި ދެކުނުގައިވާ މިކޮލެއިފްގެ އިތުރުން މެދުތެރޭގައިވާ ޑްނީޕްރޯއާއި ޒިޓޮމީރްއަށް ރަޝިޔާ ސިފައިން ވަނީ ވަރުގަދަ ކްރޫޒް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ. އޮކްޓޫބަރު 17ވަނަ ދުވަހު ކީވްއަށް ދިން ޑްރޯން ހަމަލާތަކުގައި ފަސް މީހުން މަރުވި ކަމުގައި ޔޫކްރެއިނުން ބުނެއެވެ.

"ކުރިއަށް އޮތް ފިނިމޫސުމާ ދިމާކޮށް ޔޫކްރެއިނުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާނެ. އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ދާނެ. ފިނިމޫސުމުގައި ކަރަންޓާއި ފެން ހޯދުމަށް، އަދި ޢިމާރާތްތަކުގެ ފިނިހޫނުމިން ކޮންޓްރޯލް ކުރުމުގައި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ބަލައި، އެ ކަމަށް ތައްޔާރުވާން ޖެހޭ،" ޔޫކްރެއިނުގެ ރައީސްގެ އޮފީހުގެ އިސްވެރިއެއް ކަމުގައިވާ ކިރީލޯ ޓިމޮޝެންކޯ ވިދާޅުވިއެވެ.

އ.ދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާގެ އައު އިސްވެރިޔާ ވޮލްކަރ ޓަރފްވަނީ ޔޫކްރެއިނުގެ ޢާންމުންނާ ދެކޮޅަށް ރަޝިޔާއިން ދީފައިވާ ހަމަލާތައް ކުށްވެރި ކުރައްވާފައެވެ. އަދި، މި ފަދަ ޑްރޯން ހަމަލާތައް ހުއްޓައިލުމަށް އޭނާ ގޮވައިލެއްވިއެވެ. އެމެރިކާއިން ވެސް ވަނީ ރަޝިޔާގެ ޑްރޯން ހަމަލާތައް ކުށްވެރި ކޮށްފައެވެ. ނަމަވެސް، ރަޝިޔާއިން ބުނަމުން ދަނީ، ޢާންމުން ދިރިއުޅޭ އެއްވެސް ޢިމާރާތަކަށް ހަމަލާތައް އަމާޒުކޮށްފައި ނުވާނެ ކަމުގައެވެ.