އަންނަ މަހު ގަތަރުގައި ފަށާ މި އަހަރުގެ ވޯލްޑް ކަޕްގެ މެޗްތައް ލައިވްކޮށް މިފަހަރުވެސް ޕީއެސްއެމުން ގެނެސްދިނުމުގެ މަސައްކަތް ފަށައިފިއެވެ.
އަންނަމަހުގެ 20 ވަނަދުވަހު ފަށާ މުބާރާތުގެ މެޗުތައް ގެނެސްދިނުމަށް ޕީއެސްއެމުން މިއަދު ވަނީ މީޑިއާ ނެޓާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ޕީއެސްއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލީ ޚާލިދެވެ. މި އެއްބަސްވުމުގެ ދަށުން މިފަހަރުގެ ވޯލްޑް ކަޕްގެ މެޗްތައް ޕީއެސްއެމުން ދައްކަނީ އެކުންފުނީގެ ކުޅިވަރަށް ހާއްސަ ޗެނަލް "ޔެސް ޓީވީންނެވެ.
މިފަހަރުގެ ވޯލްޑްކަޕުގެ މި ސަރަހައްދުގެ ބްރޯޑްކާސްޓިން ރައިޓްސް މިފަހަރު ނަގާފައިވަނީ " ވަޔަކޮމް 18 " އިންނެވެ. މެޗްތައް ރާއްޖޭގައި ދެއްކުމަށް ރައިޓްސް ރާއްޖެއިން ގަނެފައިވަނީ މީޑިއާ ނެޓުންނެވެ.
ޕީއެސްއެމްގެ އިތުރުން މިފަހަރުގެ މިބާރާތުގެ މެޗްތައް ދައްކާނީ "ރާއްޖެ ޓީވީ" އާއި މީޑިއާ ނެޓުން ހިންގަމުން އަންނަ "އައިސް ޕްލަސް" އިންނެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު އީދުގެ ގޮތުގައި ބަލާ ވޯލްޑްކަޕްގެ ފުރަތަމަ މެޗްގައި އަންމަ މަހުގެ 20 ވަނަދުވަހު ބައްދަލުކުރާނީ މުބާރާތް ބާއްވާ ޤަތަރާއި އިކުއެޑޯއެވެ. 32 ގައުމަކުން ވާދަކުރާ މުބާރާތް ޑިސެމްބަރު މަހުގެ 18 ވަނަދުވަހުގެ ނިޔަލަށް ކުރިޔަށްދާނެއެވެ.
1986 ވަނަ އަހަރުން ފެށިގެން މި މުބާރާތް ޕީއެސްއެމުން އަންނަނީ ބެލުންތެރިންނާއި ހަމައަށް ގެނެސްދެމުންނެވެ.