ޚަބަރު

އުޅަނދުތަކުގެ ރަޖިސްޓްރީ އަކީ ފޯޖަރީއެއް ކަމަށް ބުނެ، މިނިސްޓްރީން އިސްތިއުނާފަށް


ގަވާއިދާ ޚިލާފަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވަން ސިވިލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރަން އެޓާނީ ޖެނެރަލް (އެޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ގިނަވެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންއަންނަ މަސައްކަތުގެ ތެރެއިން، ޓްރާންސްޕޯޓް މިނިސްޓްރީން އަންނަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކުރަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ ވަކި މުއްދަތަކަށް ވުރެ ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި އެއް ގަރާޖަކަށް ގިނަ އުޅަނދު ރަޖިސްޓްރީކޮށްފައިވުމާއި، އެއްވެސް ގަރާޖެއް ނެތި ވެސް ރަޖިސްޓްރީކޮށްފައިވާ ހަތަރު ފުރޮޅުލީ އުޅަނދުތައް އަދި މި ނޫން ގޮތް ގޮތަށް ވެސް ގަވާއިދާ ޚިލާފުވެފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ މިނިސްޓްރީން އަންނަނީ ބާތިލްކުރަމުންނެވެ.

މިނިސްޓްރީން މިގޮތަށް 200އެއްހާ އުޅަނދުގެ ރަޖިސްޓްރީ ބާތިލްކޮށްފައިވަނިކޮށް، 87 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ. އެ ކޯޓުން މިގޮތަށް އަމުކުރީ ވެހިކަލްތަކުގެ ވެރިފަރާތުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެހެންނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިކަމަށް ދެކޮޅު ހަދާފައެވެ. އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ "ޕީއެސްއެމް" އާ ވާހަކަދައްކަވަމުން ވިދާޅުވީ އެ އުޅަނދުތަކަކީ ރަޖިސްޓްރީވެފައިވާ އުޅަދުތަކެއްގެ ގޮތުގައި ވެސް ބަލައިނުގަންނަ ކަމަށެވެ. ހަމަދު ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް މިނިސްޓްރީން ބެލި ބެލުމުން، އެ އުޅަނދުތައް ރަޖިސްޓްރީކުރުމަށް ބޭނުންކޮށްފައި ވަނީ ފޯޖްކޮށްފައިވާ ޑޮކިއުމަންޓެއް ކަން ހާމަވާ ކަމަށެވެ.

އެއީ މިނިސްޓްރީން ތައްޔާރުކޮށް ރަޖިސްޓްރީކޮށްދީފައިވާ އުޅަނދުތަކެއް ނޫން ކަމަށާއި، އެއީ މިނިސްޓްރީން ގެންގުޅޭ ޓެމްޕްލޭޓު ފޯޖްކޮށްގެން ހަދާފައިވާ ވަގު ލިޔެކިޔުންތަކެއް ކަމަށް ހަމަދު ވިދާޅުވިއެވެ. އެހެންވެ ވެހިކަލްތަކަކީ އެއްވެސް ގޮތަކަށް އެއްވެސް ތަނެއްގައި ރަޖިސްޓަރ ވެފައި ހުރި އުޅަނދުތަކެއްގެ ގޮތުގައި ބަލައި ނުގަންނަ ކަމަށް ވިދާޅުވިއެވެ.

ހަމަދު ވިދާޅުވީ މިހާރު ފުލުހުންނާއި ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ވަގު ލިޔެކިޔުންތައް ހެދުމާއި އެކަމުގައި ބައިވެރިވާ މީހުން ހޯދައި ފިޔަވަޅު އަޅާނެ ކަމަށް ހަމަދު ވިދާޅުވިއެވެ.

ހަމަދު ވިދާޅުވީ މިނިސްޓްރީން މިކަމުގައި ގެންގުޅެނީ ސަރުކާރުގެ ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން ސިޔާސަތު ކަމަށެވެ. މިފަދަ އަމަލުތަކަކީ ކޮރަޕްޝަން މެދުވެރިކޮށް ހިންގާ އަމަލުތަކެއް ކަމަށާއި، މިކަންކަން ހުއްޓުވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެހެންވެ މިގޮތަށް ލިޔެކިޔުން ހަދައިގެން ގެންގުޅޭ އެއްވެސް އުޅަނދަކަށް މިހާރު ޖާގަ ނެތް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި އެއްގަމު އުޅަނދުތައް ޤަވާއިދާ ޚިލާފަށް ރަޖިސްޓްރީކުރާ މައްސަލަ ބޮޑުވެފައިވަނިކޮށް، ޓްރާންސްޕޯޓް މިނިސްޓްރީން އަންނަނީ އެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެއް ގަރާޖަކަށް އެތައް އުޅަނދެއް ރަޖިސްޓްރީކޮށްފައިވާކަން ފާހަގަކުރެވިފައިވާތީ އެކަންކަން ހައްލުކޮށް، ޤަވާއިދާއި ޚިލާފުވި ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާ ދާދި ފަހުން ވަނީ ޤަވާއިދާ ޚިލާފަށް އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރާ މައްސަލާގައި ފަސްޖެހުމެއް ނެތި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެއްވާފައެވެ.

މާލޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެއްގަމު އުޅަނދު ގިނަވެ މަގުތައް ތޮއްޖެހުމުގެ މައްސަލައެވެ. މިހާތަނަށް 80،000 އަށްވުރެ ގިނަ ވެހިކަލް މާލެއަށް ރަޖިސްޓްރީކޮށްފައިވާއިރު މީގެތެރޭގައި 4،500 އަށްވުރެ ގިނަ ކާރު ހިމެނެއެވެ. ރާއްޖޭގައި ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރކުރެވެނީ ގަރާޖެއްގެ ދަށުންނެވެ. އެހެންނަމަވެސް އެއް ގަރާޖެއްގައި ގިނަ ޢަދަދެއްގެ ވެހިކަލް ރަޖިސްޓްރީކުރުމުގެ މައްސަލަ ބޮޑުވެ އެކަމަށް ޙައްލުގެނައުމަށް ވަކި ޢަދަދަކަށް ރަޖިސްޓްރީކޮށްފައިވާނަމަ އެގަރާޖެއްގެ ދަށުން އުޅަނދު ރަޖިސްޓްރީކޮށްދިނުން މިހާރުވަނީ ހުއްޓާލާފައެވެ.