ޚަބަރު

ކާބޯތަކެތީގެ އަގު އުފުލުނަސް، ޖުމްލަ އިންފްލޭޝަން ރޭޓް ވަނީ ހިފެހެއްޓިފައި


ކޯވިޑްގެ ކުރިން ގިނަ ގައުމުތަކުގައި އިންފްލޭޝަން އޮތީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. ކޯވިޑްގެ ބަލިމަޑުކަމަށްފަހު އިގްތިސާދުތައް އަލުން ކުރިއަރަމުން އަންނަ އިރު، ޑިމާންޑް އިތުރުވުމާއި ސަޕްލައިގެ ބައެއް މައްސަލަތަކާއި ހަކަތައިގެ ހަރަދުތައް އުފުލުމުގެ ސަބަބުން އިންފްލޭޝަން ރޭޓް އަންނަނީ ހަލުވިކަމާއެކު އުފުލެމުންނެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކާއި ޚިލާފަށް ކާބޯތަކެތީގެ ރައްކާތެރިކަމަށް ބަލާއިރު، ރާއްޖޭގައި ދަނޑުވެރިކަމަށް އެކަށީގެންވާ ބޮޑެތި ބިންތައް ނެތުމުގެ ސަބަބުން، ރާއްޖެއިން ބަރޯސާވެފައި މިއޮތީ ދުނިޔޭގެ ސަޕްލައި ޗެއިންތަކަށެވެ. ރާއްޖެއަށް އެތެރޭކުރެވޭ ކާބޯތަކެތީގެ ބާވަތްތަކަކީ ބޭރުން އެތެރެ ކުރެވޭ މުދަލަށް ވުމުގެ ސަބަބުން، ބައިނައަޤްވާމި އަގުތަކަށް އަންނަ ބަދަލު ރާއްޖޭގެ އަގުތަކުން ފެނިގެންދެއެވެ.

އިމްޕޯޓަށް ބަރޯސާވެފައިވާ އިޤްތިޞާދެއްގެ ހައިސިއްޔަތުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލިގެން ދިއުމުގެ ސަބަބުން ރާއްޖެއަށް މިހާރު ދަނީ އޭގެ އަސަރުތައް ކުރަމުންނެވެ. މިއާއިއެކު ކާބޯތަކެތީގެ އަގުތައް ވަނީ 2021 ވަނަ އަހަރުގެ ތެރޭގައި 1.8 އިންސައްތަ އިތުރުވެފައިކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.

ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް ބަލައިލާއިރު، 2022 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ރަޝިއާއިން ޔޫކްރެއިންއަށް ހަމަލާދިނުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތައްވަނީ ފާއިތުވި 20 އަހަރުގެ ތެރޭގައި ނުއުފުލޭ މިންވަރަށް އުފުލިފައެވެ.

މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގެ ކާބޯތަކެތީގެ އަގުތައްވަނީ 3.7 އިންސައްތައަށް މަތިވެފައެވެ. މިއީ މިސަރަހައްދުގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު ކުޑަ މިންވަރެއް ނަމަވެސް އެއް މަހުން އަނެއް މަހަށް ކާބޯތަކެތީގެ އަގުތައް އިތުރުވާނެކަމަށް ފިނޭންސްއިން ލަފާކުރެއެވެ.

ރާއްޖޭގައި ކާބޯތަކެތީގެ އަގު އުފުލެމުންދިޔަނަމަވެސް ރާއްޖޭ ޖުމްލަ އިންފްލޭޝަން ރޭޓް ހުރީ ކަންބޮޑުވާންޖެހޭ ހިސާބެއްގައި ނޫންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީގައި ބަޔާނުގައިވާ ގޮތުން ރާއްޖޭގެ ޖުމްލަ އިންފްލޭޝަން ހުރީ ހިފެހެއްޓިފައެވެ. އޭގެ މައިގަނޑު ސަބަބަކީ 2021 ވަނަ އަހަރުގެ ފަހުކޮޅު މުވާސަލާތީ ޙިދުމަތުގެ އަގުތައް ހެޔޮކޮށްފައިވާތީ އަންނަ "ބޭސްއިފެކްޓް"ގެ ސަބަބުންނާއި އަދި މާލޭ ސަރަހައްދުގެ ހައުސިންގ ސްޓޮކް އިތުރުވެފައިވާތީ ކުލީގެ އަގުއިތުރުވާ މިންވަރު ހިފެހެއްޓިފައިވާތީކަމަށް އެ ބަޔާނުގައިވެއެވެ.

އިޤްތިޞާދެއްގައި އިންފްލޭޝަން ރޭޓްގެ ވައްޓަފާޅި އަކީ އަބަދު އެއްހަމައެއްގައި އޮންކަމަކަށް ނުވާއިރު ކުރިން އަންދާޒާކުރި މިންވަރަށްވުރެ މި އަހަރު ނިމޭއިރު އިންފްލޭޝަން ރޭޓު އުފުލޭނެ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ލަފާކުރެއެވެ. އެމްއެމްއޭގެ މާލީ ލަފާކުރުންތަކާ ހަވާލާދީ ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީގައި ބަޔާނުގައިވާ ގޮތުން މިއަހަރު ނިމޭއިރު އަހަރުގެ އިންފްލޭޝަން ރޭޓު ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ 3 އިންސައްތައިގައެވެ.

ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ކާރިސާތަކާއި ހަނގުރާމަތަކުގެ ސަބަބުން ހައިހޫނުކަން ތަޙައްމަލު ކުރަންޖެހޭ މީހުންގެ އާބާދީ ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން ފާއިތުވި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ކާބޯތަކެތީގެ ނުތަނަވަސްކަން އިންތިހާއަށް ކުރިމަތިވެފައިވާ މީހުންގެ އަދަދު ވަނީ 135 މިލިއަނުން 276 މިލިއަނަށް އިތުރުވެފައިވާކަމަށާއި، ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން 2022 ވަނަ އަހަރު މި އަދަދު 323 މިލިއަނަށް އަރާނެ ކަމަށް މާލީ ވުޒާރާތަކުން ލަފާކުރެއެވެ.

މި އަހަރުގެ ކުރިއަށް ހުރި މަސްތަކުގައިވެސް ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގު އުފުލިފައި ހުންނާނެކަމަށް ލަފާކުރެވޭކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. އެހެންކަމުން ދިވެހިރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ގައުމުތަކަށް މިކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ. އަދި އެކަންކަމުން ރައްުޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް، ރައްޔިތުންނަށް ސަބްސިޑީގެ އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް މިހާރު ނަގަމުންދާ ޓެކްސްތައް ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.