ކުޅިވަރު

ޓީ20 ވޯލްޑް ކަޕް: ވެސްޓް އިންޑީޒް އަތުން ސްކޮޓްލަންޑަށް މޮޅެއް


އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ފުރަތަމަ ބުރުގެ ގްރޫޕް ބީގައި ވެސްޓް އިންޑީޒްއާ ދެކޮޅަށް ކުޅުނު މެޗު ސްކޮޓްލަންޑުން ކާމިޔާބުކޮށްފިއެވެ.

މިމެޗް ސްކޮޓްލަންޑް ކާމިޔާބުކޮށްފައިވަނީ 42 ލަނޑުންނެވެ.

އޮސްޓްރޭލިއާގައި ކުރިއަށްދާ މިމުބާރާތުގެ މިމެޗްގައި ޓޮސް ދިމާވެގެން ވެސްޓް އިންޑީޒްއިން އެންމެ ފުރަތަމަ ބޭނުންވީ ފީލްޑް ކުރާށެވެ. މިގޮތުން ސްކޮޓްލަންޑުން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 160 ލަނޑެެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅުނީ 66 ލަނޑު ހެދި ޖޯޖް މުންސޭއެވެ. މީގެއިތުރުން ކަލުމް މެކްލިއޯޑް 23 ލަނޑު ހެދި އިރު މައިކަލް ޖޯންސް ވަނީ 20 ލަނޑު ހަދާދީފައެވެ. މިއީނިންގްސް ގައި ވެސްޓް އިންޑީޒް ޓީމަށް އެންމެ ރަނގަޅަށް އުޚާފައިވަނީ ތިން އޯވަރު 14 ލަނޑަށް 2 ވިކެޓް ނަގާދިން ޖޭސަން ހޯލްޑަރ އާއި ހަތަރު އޯވަރު 28 ލަނޑަށް ދެ ވިކެޓް ނަގާދިން އަލްޒާރީ ޖޯސެފްއެވެ.

ޖަވާބުގައި ވެސްޓް އިންޑީޒްއިން ކުޅެން އަރާ 18 އޯވަރު ތިން ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 118 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅުނީ 38 ލަނޑު ހަދާދިން ހޯލްޑަރއެވެ. ސްކޮޓްލަންޑް ޓީމުން އެންމެ ރަނގަޅަށް އުޚާފައިވަނީ ހަތަރު އޯވަރު 12 ލަނޑަށް ތިން ވިކެޓް ނަގާދިން މާރކް ވަޓް އެވެ. އަދި ބްރެޑް ވީލް އާއި މައިކަލް ލީސްކް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެވިކެޓް ނަގާދީފައެވެ.