ޚަބަރު

ހެއިޓީގެ ސަލާމަތީ ހާލަތު ނުރައްކާތެރި: ގުތެރޭޝް


ހެއިޓީގައި ގުރޫޕު ހަދައިގެން ކުށްކުރާ ޖަމާޢަތްތަކުން ހިންގާ އަމަލުތަކާ ގުޅިގެން އެ ޤައުމުގެ ސަލާމަތީ ހާލަތު "ބިރުވެރި ހުވަފެނެއް"ގެ ހާލަތަށް ވެއްޓިފައިވާ ކަމުގައި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓެރޭޝް ވިދާޅުވެއްޖެއެވެ. ހެއިޓީގެ ހާލަތު މި ފަދައިން ސިފަ ކުރައްވައި ގުތެރޭޝް ވާހަކަފުޅު ދައްކަވާފައި މި ވަނީ، އެ ޤައުމުގެ ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށް އ.ދ.ގެ ފައުޖެއް އެ ޤައުމަށް ފޮނުވުމާ ގުޅޭ ގޮތުން ސަލާމަތީ މަޖިލީހުގައި މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމަކާ ގުޅުވައިގެންނެވެ.

ގުތެރޭޝް ވިދާޅުވީ ގުރޫޕު ހަދައިގެން ކުށްތަކަށް އަރައިގަންނަ ޖަމާޢަތްތަކުން ހިންގާ އަމަލުތަކުގެ ސަބަބުން ހެއިޓީގެ ރައްޔިތުން މިހާރު ދިރިއުޅެމުން ދަނީ ނުރައްކާތެރި އަދި ބިރުވެތި ހާލަތެއްގައި ކަމުގައެވެ. ހެއިޓީގެ ބަނދަރުތައް އެ ޖަމާޢަތްތަކުން ވަނީ އެ މީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައެވެ. އަދި، އެ ޤައުމަށް އެތެރެކުރާ ތެޔޮ، ބަނދަރުން ބޭރު ކުރުމަށް ހުރަސް އަޅާފައެވެ.

އެ ޖަމާޢަތްތަކުގެ އަމަލުތަކުގެ ސަބަބުން ހެއިޓީ އޮތީ ހުއްޓުންއަރާފައެވެ. ޢާންމުންނާ ކާބޯތަކެއްޗާއި ބޯފެން ފޯރުކޮށްދިނުމަށް ވަނީ ހުރަސް އެޅިފައެވެ. އިޤުތިޞާދީ އަދި ސިނާޢީ މަސައްކަތްތައް ވަނީ މަޑު ޖެހިފައެވެ. އަދި، ގިނަ ސަރަޙައްދުތަކުން ކަރަންޓާއި މުވާސަލާތީ ޚިދުމަތައް ވަނީ މެދުކެނޑިފައެވެ. އަދި، 2021 އޮގަސްޓުގައި އެ ޤައުމަށް އައި ބާރުގަދަ ބިން ހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ކުރާ މަސައްކަތްތައް ވެސް ވަނީ ހުއްޓިފައެވެ.

ހެއިޓީގެ ފުލުހުންނާ ގުޅިގެން އ.ދ.ގެ ސުލްޙަ ބަލަހައްޓާ ފައުޖަކުން އެ ޤައުމުގެ ހާލަތު ހަމައަކަށް އަޅުވަން ޖެހޭ ކަމުގައި ގުޓެރޭޝް ވިދާޅުވިއެވެ. އަދި، ބާރުގެ ބޭނުން ކޮށްގެން ނަމަވެސް، ހެއިޓީގެ ރައްޔިތުން ދިރިއުޅެމުންދާ ދަތި ހާލުން އެ މީހުން ސަލާމަތް ކުރަން ޖެހޭ ކަމުގައި އޭނާ ދެކެވަޑައިގަންނަވައެވެ.

"މިއީ އިންސާނިއްޔަތަށް ޓަކައި ކުރަން ޖެހޭ މަސައްކަތެއް. ހެއިޓީގެ ސިޔާސީ އަދި ދާޚިލީ މައްސަލަތައް ހައްލު ކުރާނީ އެ ޤައުމުން އަމިއްލައަށް. ނަމަވެސް، މިހާރުން މިހާރަށް އިންސާނީ އެހީއާއި ފެނާއި އެހެނިހެން ޒަރޫރީ ތަކެތި ޢާންމުންނަށް ފޯރުކޮށްދެވޭނެ މަގެއް ކޮށަން ޖެހޭ. އެ ޤައުމުގައި ކޮލެރާ ޖެހިފައިވާ މީހުންނަށް ސާފު ބޯފެން ފޯރުކޮށްދޭން ޖެހޭ،" ގުޓެރޭޝް ވިދާޅުވިއެވެ.

ހެއިޓީގެ ހާލަތު ހަމައަކަށް އަޅުވަން އެ ޤައުމުން ބައިނަލްއަޤުވާމީ އެހީތެރިކަމަށް އެދިފައި ވާއިރު، އެ ޤައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން މި ކަމާ ދެކޮޅު ހަދައެވެ. "ހެއިޓީގެ ރައްޔިތުން ދިރިއުޅެމުން ދަނީ ވަރަށް ނިކަމެތި ހާލުގައި. އެ މީހުން ދަނީ ގަނަތެޅެމުން. ގޭންގު ކުށްތަކާ ގުޅިގެން ހަތަރު މިލިޔަނަށް ވުރެ ގިނަ ކުދިން ސްކޫލަށް ނުދެވިފައި އެބަތިބި،" އ.ދ.ގައި ވާހަކަފުޅު ދައްކަވަމުން ހެއިޓީގެ ޚާރިޖީ ވަޒީރު ޜޯން ވިކްޓަރ ޖީނިއަސް ވިދާޅުވިއެވެ.

ފެނުގެ ޒަރީޢާއިން ފެތުރޭ ނުރައްކާތެރި ބައްޔެއް ކަމުގައިވާ ކޮލެރާ ހެއިޓީގައި ދަނީ ހަލުވިކަމާ އެކު ފެތުރެމުންނެވެ. އެ ޤައުމުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު 66 އަރާ ކަމަށާއި، ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ އިތުރު 564 މީހުން ތިބި ކަމުގައި އ.ދ.އިން ބުނެއެވެ. މި ބަލީގައި މިހާތަނަށް 22 މީހުން ވަނީ މަރުވެފައެވެ.