ޚަބަރު

މާލީގައި ދިން ހަމަލާއެއްގައި އ.ދ. ސިފައިންގެ ދެ މީހަކު މަރުވެއްޖެ


އެފްރިކާ ބައްރުގެ ޤައުމެއް ކަމުގައިވާ މާލީގައި ހަރަކާތްތެރިވާ އ.ދ.ގެ ޞުލްޙަ ބަލަހައްޓާ ފައުޖުގެ ސިފައިންނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި ސިފައިންގެ ދެ މީހުން މަރުވެއްޖެއެވެ. މި ކަން ހާމަކޮށްފައި ވަނީ މާލީގައި ހަރަކާތްތެރިވާ އ.ދ.ގެ މިޝަންއިންނެވެ.

މި ހަމަލާ ދީފައި ވަނީ ހައިވޭއެއްގައި ދަތުރު ކުރަމުންދިޔަ އުޅަނދަކަށް އަމާޒުކޮށްގެން ކަމުގައި އ.ދ.އިން ބުނެއެވެ. މަރުވި ދެ ސިފައިންގެ އިތުރުން، މި ހަމަލާގައި އިތުރު ހަތަރު މީހަކު ޒަޚަމުވި ކަމުގައި ވެސް އ.ދ.އިން ބުނެއެވެ. ބޮން އޮތީ ހައިވޭއެއްގެ ދުވާރު މަތީގައި ފޮރުވާފައެވެ.

މާލީގައި ހަރަކާތްތެރިވާ އ.ދ.ގެ ޞުލްޙަ ބަލަހައްޓާ ފައުޖު ކަމުގައިވާ ޔޫ.އެން. މަލްޓައިޑިމެންޝަނަލް އިންޓެގްރޭޓެޑް ސްޓެބިލައިޒޭޝަން މިޝަން އިން މާލީއިން އެ ޤައުމުގައި މަސައްކަތް ކުރަން ފަށާފައި ވަނީ 2013ވަނަ އަހަރުއެވެ. އެ މިޝަންގެ ސިފައިންނަށް އަމާޒުކޮށް މިހާތަނަށް ދީފައިވާ ބޮމުގެ ހަމަލާތަކުގައި 74 ސިފައިން ވަނީ މަރުވެފައެވެ.

އ.ދ.ގެ މިޝަންއިން މާލީގައި ހަރަކާތްތެރިވަމުން ދަނީ އެ ޤައުމުގެ ސަރުކާރު ފައުޖުތަކާއި ހަތިޔާރު އެޅި ޖަމާޢަތްތަކާ ދެމެދު ކުރަމުންދާ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޤުޞަދުގައެވެ. މި ހަނގުރާމައިގައި މިހާތަނަށް ޢާންމުންގެ އެތަކެއް ހާސް މީހުންނެއް ވަނީ މަރުވެފައެވެ. އަދި، އެތަކެއް ސަތޭކަ ހާސް މީހުންނެއް ވަނީ ރެފިޔުޖީންނަށް ވެފައެވެ.

އެ ޤައުމުގެ ހަތިޔާރު އެޅި ޖަމާޢަތްތަކުން ދަނީ މައިން އަދި އިންޕްރޮވައިޒް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ) ފަދަ ނުރައްކާތެރި ހަތިޔާރު ބޭނުން ކުރަމުންނެވެ. މިފަދަ ހަތިޔާރު ބޭނުން ކޮށްގެން މިދިޔަ އަހަރު ދީފައިވާ ހަމަލާތަކުގައި އެކަނި ވެސް 103 މީހުން މަރުވެ، އިތުރު 297 މީހަކު ޒަޚަމުވިއެވެ.