ޚަބަރު

ޕޯލިޔޯ ނައްތާލަން ބިލް ގޭޓްސްއާއި އޭނާގެ އަންހެނުން 1.2 ބިލިޔަން ޑޮލަރު ދެނީ


ޕޯލިޔާ ނައްތާލަން ކުރަމުންދާ މަސައްކަތްތަކަށް 1.2 ބިލިޔަން ޑޮލަރު ދިނުމަށް ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުން ނިންމައި، އެކަން އިޢުލާނު ކޮށްފިއެވެ. ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަންއަކީ މައިކްރޯސޮފްޓް ކުންފުނީގެ ބާނީ ބިލް ގޭޓްސްއާއި އޭނާގެ އަންހެނުން މެލިންޑާ ގޭޓްސް ޚައިރާތަށް އުފައްދާފައިވާ ފައުންޑޭޝަންއެކެވެ.

"ދުނިޔެއިން ޕޯލިޔޯ ނައްތައިލުމަށް ކުރަމުންދާ މަސައްކަތުގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފައި. އެ ކަން އޮތީ ވަރަށް ގާތުގައި. ނަމަވެސް، އެ ބަލި އަދިވެސް އޮތީ ނުރައްކަލެއްގެ ގޮތުގައި،" ބަރްލިންގައި ބޭއްވި ޞިއްޙީ މާހިރުންގެ ބައްދަލުވުމަކަށް ދެއްވި ބަޔާނެއްގައި ބިލް ބުންޏެވެ.

ފައުންޑޭޝަނުން 1.2 ބިލިޔަން ޑޮލަރު ހަދިޔާ ކުރާނީ ގްލޯބަލް ޕޯލިޔޯ އިރޭޑިކޭޝަން އިނީޝިއެޓިވް (ޖީ.ޕީ.އީ.އައި)އަށެވެ. އެއީ، ސަރުކާރުތަކާއި އަމިއްލަ ކުންފުނިތައް ގުޅިގެން ކުރަމުންދާ މަސައްކަތެކެވެ. އަމާޒަކީ، 2026ވަނަ އަހަރު ކުރިން ދުނިޔެއިން ޕޯލިޔޯ ނައްތައިލުމެވެ.

ޕޯލިޔޯއަކީ ފަސޭހަކަމާ އެކު ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ ވައިރަސް ހަށިގަނޑުގެ ތެރެއަށް ވާސިލުވެ، އިންސާނާގެ މައިބަދައާއި ސިކުނޑީގެ ސެލްތަކަށް ހަމަލާދެއެވެ. އިންސާނުންގެ ފުރާނައަށް ނުރައްކާވާ މި ބަލީގެ ސަބަބުން ގިނަ މީހުންގެ ވާގި ނެތެއެވެ. ނުވަތަ ގުނަންތައް އައިބު ކޮށްލައެވެ. ޢާންމު ގޮތެއްގައި މި ބަލި ޖެހެނީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނަށެވެ. ނަމަވެސް، ވެކްސިން ފުރިހަމަ ކޮށްފައި ނުވާ ބޮޑެތި މީހުންނަށް ވެސް މި ވައިރަސްގެ އަސަރު ކުރުމުގެ ފުރުޞަތު އޮވެއެވެ.

ޖީ.ޕީ.އީ.އައި. އުފައްދާފައި ވަނީ 1988ވަނަ އަހަރުއެވެ. އަދި އެއަށްފަހު ކުރަމުންދިޔަ މަސައްކަތްތަކުން ބަލި ފެތުރޭ މިންވަރު ވަނީ 99 އިންސައްތަ ކޮންޓްރޯލް ކޮށްފައެވެ. އަދި، 20 މިލިޔަން މީހުން ވާގިނެތުމުން ސަލާމަތް ކޮށްފައެވެ.

މި ބަލި މިހާރު ފެތުރެމުންދާ ޤައުމުތަކުގެ ތެރޭގައި އަފްޣާނިސްތާނާއި ޕާކިސްތާން ހިމެނެއެވެ. މީގެ އިތުރުން މަލާވީއާއި މޮޒަމްބީކްއިން ވެސް މި ބަލި ޖެހިފައިވާ މީހުން ވަނީ މި އަހަރުގެ ތެރޭގައި ފެނިފައެވެ. ބަލި ނައްތައިލާފައިވާ ބައެއް ޤައުމުތަކުން ވެސް މި ބަލި ޖެހިފައިވާ މީހުން ފެނިފައިވެއެވެ. އޭގެ ތެރޭގައި އެމެރިކާއާއި އިނގިރޭސި ވިލާތް ވެސް ހިމެނެއެވެ.

"ތާރީޚީ މަސައްކަތްތަކެއް ކުރެވިއްޖެ. ނަމަވެސް، ވެކްސިން ދިނުމަށް އަދިވެސް ހުރަސްތަކެއް އެބައޮތް. މީގެ ތެރޭގައި ނުރަނގަޅު މަޢުލޫމާތު ފެތުރުމާއި، ސިޔާސީ ހަމަނުޖެހުމާއި، ފެންބޮޑުވުން ފަދަ ޤުދުރަތީ ކާރިސާތައް ހިމެނޭ. މި ކަންކަމުން ދޭހަވަނީ، އަޅުގަނޑުމެންގެ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރަން ޖެހިއްޖެ ކަން،" ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.