ކުލަބު މޯލްޑިވްސް ކަޕް 2022 ގައި މޮޅުވުމުގެ ރިކޯޑާއެކު އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އާއި ކުލަބު ވެމްކޯއިން ގްރޫޕް ސްޓޭޖު ނިންމާލިއިރު، ފެން ކުލަބުންވެސް ދެވަނަ ބުރުގެ ޖާގައެއް ހޯދައިފިއެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ހޯމަ ދުވަހުގެރޭ އާރްއާރްސީން ވަނީ 2-0 ގެ ނަތީޖާއަކުން މޯލްޑިވިއަން ބަލިކޮށްފައެވެ. ރެހެންދި ފުޓްސަލް އެއް ނަންބަރު ދަނޑުގައި ކުޅުނު މި މެޗުގައި އާރްއާރްސީން ކާމިޔާބުކުރި ދެ ލަނޑުވެސް އެ ޓީމަށް ޖަހައިދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ.
މި މެޗުން ބަލިވި ނަމަވެސް ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި މޯލްޑިވިއަން ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.
މި ގްރޫޕުގައި ހޯމަ ދުވަހުގެރޭ ކުޅުނު އަނެއް މެޗުން ޓީމު މާލެ ސިޓީ ކައުންސިލް ވަނީ 3-0 ގެ ނަތީޖާއަކުން މީޑިއާނެޓް ބަލިކޮށްފައެވެ. މި މެޗުގައި ސިޓީ ކައުންސިލުގެ މުޙައްމަދު ނާއިމް ދެ ލަނޑު ޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ އިބްރާހީމް ޝަހުދެވެ.
މީގެ އިތުރުން މި މުބާރާތުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަ މެޗަކީ ޓީމު އެމްޓީސީސީ އާއި ފެން ކުލަބު ބައްދަލުކުރި މެޗެވެ. ތިން ރަތް ކާޑު ފެނިގެންދިޔަ މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މި މެޗަށް ނުކުތްއިރު އެމްޓީސީސީއަށް ދެވަނަ ބުރުގެ ފުރުސަތު ލިބެން އޮތީ މެޗުން މޮޅުވެގެންނެވެ. މި މެޗުގެ 10 ވަނަ މިނެޓުގައި އެމްޓީސީސީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފާރޫގް އިސްމާޢީލެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ ހާފުގައި ފެން ކުލަބުގެ އަޙްމަދު މުއާޒް އާއި، އަލީ ސުޖާއުއަށް ރަތް ކާޑު ދެއްކިއިރު، އެމްޓީސީސީގެ ރަޒާން ޖައުފަރަށްވެސް ވަނީ ރަތް ކާޑެއް ދައްކާފައެވެ. މި މެޗު އެއްވަރުވީ ފަހު ވަގުތުކޮޅު ނާއިފް ޝަފީގު ކާމިޔާބުކުރި ލަނޑުންނެވެ.
މީގެ އިތުރުން ހޯމަ ދުވަހުގެރޭ ގްރޫޕް އޭގައި މިފްކޯ ރެކްރިއޭޝަން ކުލަބާ ދެކޮޅަށް ކުޅުނު މެޗު ވެމްކޯއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 8-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ވެމްކޯގެ އަލީ ޚޮޑާޑީ އާއި އަޙްމަދު އައިހަމް އަދި އަލީ ޝިޔާހް ވަނީ ދެ ލަނޑު ޖަހާފައެވެ. ވެމްކޯއިން ދެން ޖެހި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޝައްފާން (ޝާކާ) އާއި އިސްމާޢީލް ވަޖީހެވެ.