ކުލަބު މޯލްޑިވްސްގެ އަންހެން ޑިވިޝަން މުބާރާތް ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި އެމްޕީއެލްއިން ފަހަތުން އަރައި ދިވެހި ސިފައިންގެ ކުލަބު ބަލިކުރިއިރު، ޓީމު ފެނަކައިން ފަސޭހަކަމާއެކު ކުލަބު އެމްވައިއެސް ބަލިކޮށްފިއެވެ.
ހޯމަ ދުވަހުގެ ހަވީރު ހުޅުމާލޭ ރެހެންދި ފުޓްސަލް އެއް ނަންބަރު ދަނޑުގައި ކުޅުނު މެޗު އެމްޕީއެލްއިން ކާމިޔާބުކުރީ 5-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސިފައިންގެ ކުލަބުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ މަޓްސުޝީމާ ސުމައްޔާއެވެ.
އެކަމަކު އެމްޕީއެލްއިން ވަނީ ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ތައިލެންޑުގެ ކުޅުންތެރިޔާ ނައްޓަމޮންއެވެ. އަދި މެޗުގެ 32 ވަނަ މިނެޓުގައި އެމްޕީއެލްގެ ފާތިމަތު ޝާލިޔާ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ނަގާދީފައެވެ.
އެކަމަކު އޭގެ މިނެޓެއް ފަހުން ސިފައިންގެ ކުލަބުގެ ފާތިމަތު އަފްޒާ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަމަވެސް އޭގެ ފަހުން އެމްޕީއެލްގެ ނައްޓަމޮން ވަނީ އިތުރު ތިން ލަނޑު ޖަހައި، މި މެޗުން އެމްޕީއެލް މޮޅުކޮށްދީފައެވެ.
މީގެ އިތުރުން މި މުބާރާތުގައި ހޯމަ ދުވަހުގެ ހަވީރު ހުޅުމާލޭ ރެހެންދި ފުޓްސަލް ދެ ނަންބަރު ދަނޑުގައި ކުޅުނު މެޗުގައި ކުލަބު އެމްވައިއެސްއާ ވާދަކޮށް ފެނަކަ މޮޅުވީ 17-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗުތަކަށްފަހު ފަސް ޓީމު ވާދަކުރާ ލީގު ބުރުގެ އެއްވަނައިގައި ފެނަކަ އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކު ސިފައިންނެވެ. ތިންވަނައިގައި އޮތް ކުލަބު ވެމްކޯ އާއި ހަތަރުވަނައިގައި އޮތް އެމްޕީއެލްއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ކުޅުނު ތިން މެޗުންވެސް ބޮޑު ތަފާތަކުން ބަލިވި އެމްވައިއެސް ވަނީ މުބާރާތުން ކަޓާފައެވެ.