ޚަބަރު

ޔޫކްރެއިނުގެ ވެރިރަށަށް ރަޝިޔާގެ ވަރުގަދަ ހަމަލާތަކެއް


ރަޝިޔާއިން ޔޫކްރެއިނުގެ ވެރިރަށް ކީވްއާއި ބޮޑެތި އެހެން ރަށްތަކަށް ވަރުގަދަ ޑްރޯން ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތައް ދީފައި ވަނީ، ހެނދުނުގެ އެންމެ ކާރޫބާރޫ ބޮޑު ވަގުތުގައެވެ. މިއީ، ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރަޝިޔާއިން ޔޫކްރެއިނުގެ މައި ރަށްތަކަށް މި ފަދަ ހަމަލާތަކެއް އަމާޒު ކޮށްފައިވާ ދެވަނަ ފަހަރެވެ.

ވެރިރަށް ކީވްއަށް ދިން ހަމަލާތަކުގެ ތެރެއިން ޢާންމުން ދިރިއުޅޭ ޢިމާރާތަކަށް ގެއްލުންވެ، ޢާންމުންގެ ތިން މީހުން މަރުވި ކަމުގައި ޔޫކްރެއިނުގެ އޮފިޝަލުން ބުނެއެވެ. އަދި، އެހެން ރަށްތަކުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު މަރުވި ކަމުގައި ޔޫކްރެއިނުގެ ދާޚިލީ ވުޒާރާއިން ބުނެއެވެ. ރަޝިޔާއިން މި ހަމަލާތައް ދިނުމުގައި ބޭނުން ކޮށްފައި ވަނީ އީރާނުގައި އުފައްދާފައިވާ ޑްރޯންތަކެއް ކަމުގައި ޔޫކްރެއިނުން ބުނެއެވެ.

ރަޝިޔާއިން ވެސް ވަނީ ޔޫކްރެއިނުގެ މައި ރަށްތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. އަދި، މިއީ ރަޝިޔާގެ ރަށެއް ކަމުގައިވާ ބެލްގޮރޮޑަށް ހުސްވި ހަފުތާގައި ދީފައިވާ އާޓިލަރީ ބަޑީގެ ހަމަލާތަކުގެ ރައްދުގައި ދީފައިވާ ޑްރޯން ހަމަލާތަކެއް ކަމުގައި ރަޝިޔާއިން ބުނެއެވެ.

"ދަންވަރާއި ހެނދުނު ރަޝިޔާއިން ދިޔައީ ޔޫކްރެއިނުގެ ޢާންމުންނަށް ކަމިކާޒީ ޑްރޯނާއި މިސައިލް ބޭނުން ކޮށްގެން ހަމަލާ ދެމުން. ޢާންމުންނަށް ބިރު ދައްކަމުން. އެއް ހަމަލާ ކީވްގައި ޢާންމުން ދިރިއުޅޭ ޢިމާރާތަކަށް ވެސް އެރި. އަޅުގަނޑުމެންގެ ރަށްތަކަށް ދުޝްމަނުންނަށް ހަމަލާ ދެވިދާނެ. ނަމަވެސް، އަޅުގަނޑުމެންގެ އަޒުމެއް ނުގުޑާނެ. ފަހު ވަގުތު ކާމިޔާބީ ލިބޭނީ އަޅުގަނޑުމެންނަށް،" ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވިއެވެ.

ޔޫކްރެއިނުން ބުނީ ރަޝިޔާއިން ފޮނުވައިލި ޑްރޯންތަކުގެ ތެރެއިން 37 ޑްރޯން އެ ޤައުމުގެ ދިފާޢީ ބާރުން ވައިގެ ތެރޭގައި ނައްތައިލާފައިވާ ކަމުގައެވެ. އެއީ، ޑްރޯން ހަމަލާތަކުގެ 85 އިންސައްތަ ކަމުގައި ވެސް އެ ޤައުމުން ބުންޏެވެ. ރަޝިޔާގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ޢާންމުން ދިރިއުޅޭ ޢިމާރާތްތަކާއި، އަސާސީ ޚިދުމަތްތައް ދިނުމަށް ބޭނުން ކުރާ ޢިމާރާތްތަކާއި ވަސީލަތްތަކަށް ކަމުގައި ޔޫކްރެއިނުން ތުހުމަތު ކުރެއެވެ.

އ.ދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާގެ އައު އިސްވެރިޔާ ވޮލްކަރ ޓަރފްވަނީ ޔޫކްރެއިނުގެ ޢާންމުންނާ ދެކޮޅަށް ރަޝިޔާއިން ދީފައިވާ ހަމަލާތައް ކުށްވެރި ކުރައްވާފައެވެ. އަދި، މި ފަދަ ޑްރޯން ހަމަލާތައް ހުއްޓައިލުމަށް އޭނާ ގޮވައިލެއްވިއެވެ. އެމެރިކާއިން ވެސް ވަނީ ރަޝިޔާގެ ޑްރޯން ހަމަލާތައް ކުށްވެރި ކޮށްފައެވެ. ނަމަވެސް، ރަޝިޔާއިން ބުނަމުން ދަނީ، ޢާންމުން ދިރިއުޅޭ އެއްވެސް ޢިމާރާތަކަށް ހަމަލާތައް އަމާޒުކޮށްފައި ނުވާނެ ކަމުގައެވެ.

މި ހަމަލާތަކާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް ޔޫކްރެއިނުގެ ރައީސްގެ އިސް މުޝީރެއް ކަމުގައިވާ މިޚައިލޯ ޕޮޑޮލްޔެކް ވަނީ ގޮވައިލައްވާފައެވެ. އަދި، އެންމެ ބޮޑެތި އިޤްތިޞާދުތައް ހިމެނޭ ޖީ20ގެ މެންބަރު ކަމުގެ މަޤާމާއި ބައިނަލްއަޤުވާމީ އެހެން ޖަމުޢިއްޔާތަކުން ރަޝިޔާ ވަކިކޮށް، ބާކީ ކޮށްލުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.

ރަޝިޔާގެ ހަމަލާތައް ޔޫކްރެއިނުގެ ދެކުނުގައިވާ ޒަޕޮރީޜިޔާއަށް ވެސް ވަނީ އަމާޒު ކޮށްފައެވެ. އެ ސަރަޙައްދުގައި ހުންނަ ޒަޕޮރީޜިޔާ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓަކީ ވިލާތުގެ ޤައުމެއްގައި ހުންނަ މި ފަދަ އެންމެ ބޮޑު ޕްލާންޓެވެ. ހަމަލާތަކުގައި އެ ޕްލާންޓަށް ގެއްލުންތަކެއް ލިބުނު ކަމުގައި އެ ޕްލާންޓު ހިންގާ އެނަރޖޯއެޓަމް ކުންފުނިން ބުނެއެވެ.

ޒަޕޮރީޜިޔާއަކީ ރަޝިޔާގެ ސަރަޙައްދެއްގެ ގޮތުގައި އެ ޤައުމުން ބަލާ ސަރަޙައްދެކެވެ. އެ ސަރަޙައްދު އޮތީ ރަޝިޔާ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައެވެ. އަދި ޒަޕޮރީޜިޔާ ޕްލާންޓު އޮތީ ރަޝިޔާ ސިފައިންގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް، އެ ތަން އޮޕަރޭޓް ކުރަނީ ޔޫކްރެއިނުގެ މުވައްޒަފުންނެވެ.