ޚަބަރު

އީރާނާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަނީ


އީރާނާ ދެކޮޅަށް ވިލާތުގެ އިއްތިހާދު (އީ.ޔޫ)އިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އީ.ޔޫ.ގެ ޚާރިޖީ ވަޒީރުން ބައްދަލު ކުރައްވައިފިއެވެ. އީ.ޔޫ.އިން އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން ނިންމާފައި މި ވަނީ، އެ ޤައުމުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭ އެއްބަސްވުމަށް އަލުން ރުޖޫޢަވުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން އީ.ޔޫ.އިން މަސައްކަތް ފަށާފައި މި ވަނީ، އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ މީހުން ހުއްޓުވަން މަސައްކަތް ކުރާތީއެވެ. އީ.ޔޫ.ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ކުރިން އީ.ޔޫ.ގެ މެންބަރު ޤައުމުތަކުގެ ސަފީރުން ވަނީ ބައްދަލު ކުރައްވައި، ފިޔަވަޅުތައް އަޅާނެ ދާއިރާތައް ކަނޑައަޅާފައެވެ.

އީ.ޔޫ.އިން ނިންމާފައި ވަނީ އީރާނުގެ 11 އޮފިޝަލަކާއި، 4 އިދާރާއަކާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަށެވެ. އެ އިދާރާތަކުގެ ތެރޭގައި، އީރާނުގެ ފުލުހުންގެ ގޮތްޕެއް ކަމުގައިވާ "މޮރޭލިޓީ ޕޮލިސް" ހިމެނެއެވެ. އެ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އީ.ޔޫ.ގެ މެންބަރު ޤައުމުތަކަށް އެތެރެވުމަށް ހުރަސް އެޅުމާއި، ޤައުމުން ބޭރުގައިވާ އެ ފަރާތްތަކުގެ ހަރުމުދާ ހިފެހެއްޓުން ހިމެނެއެވެ.

އީރާނުގެ ސަރުކާރާ ދެކޮޅަށް ބޮޑު މުޒާހަރާތަކެއް ފެށިފައި ވަނީ މޮރާލިޓީ ޕޮލިސްގެ ހައްޔަރުގައި ހުރި 22 އަހަރުގެ އަންހެން ކުއްޖެއް ކަމުގައިވާ މަހްސާ އަމީނީ މަރުވި ހާދިސާއާ ގުޅިގެންނެވެ. އެ މުޒާހަރާތައް މިހާރު ވަނީ އީރާނުގެ އެކި ކަންކޮޅުތަކަށް ފެތުރިފައެވެ. އަދި، މުޒާހަރާތައް ހުއްޓުވުމަށް އީރާނުގެ އަމަން ބަލަހައްޓާ ފައުޖުތަކުން ދަނީ ބާރުގެ ބޭނުން ކުރަމުންނެވެ.

މި މުޒާހަރާތައް އީރާނުގެ ޖަލުތަކަށް ވެސް ފެތުރި، މަޝްހޫރު އިވީން ޖަލުގައި ވަނީ ހަޅުތާލުކޮށް، ހަމަނުޖެހުން ހިންގާފައެވެ. އަދި، އެ ތަނުގައި ހުޅު ޖަހާފައެވެ. މި ހަމަނުޖެހުންތަކުގައި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވި ކަމަށް ބެލެވުނު ނަމަވެސް، އަނިޔާވި އެއްވެސް މީހެއްގެ މަޢުލޫމާތެއް އީރާނުން ރަސްމީ ސިފައެއްގައި އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އީރާނާ ދެކޮޅަށް އެޅުމަށް ތައްޔާރު ވަމުންދާ އައު ފިޔަވަޅުތަކާ ގުޅޭ ގޮތުން ސްވިޑްންގެ ޚާރިޖީ ވަޒީރު އޭން ލިންޑާ ވިދާޅުވީ، ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ އެ ޤައުމުގެ ފުލުހުންނާއި، ސިޔާސީ ލީޑަރުންނާ ދެކޮޅަށް ކަމުގައެވެ. ނަމަވެސް، ލުގްޒެމްބަރގްގެ ޚާރިޖީ ވަޒީރު ޜޯން އެސެލްބޯން ވިދާޅުވީ މިއިން އެއްވެސް ފިޔަވަޅެއްގެ ސަބަބުން އީރާނަށް ގެއްލުމެއް ލިބޭނެ ކަމަށް، ނުވަތަ ދަތިކަމެއް ކުރިމަތިވާނެ ކަމުގައި ނުބެލެވޭ ކަމުގައެވެ.

އެމެރިކާއާއި އިނގިރޭސި ވިލާތާއި ކެނެޑާއިން މިހާރުވެސް ވަނީ އީރާނުގެ ސަރުކާރާ ދެކޮޅަށް ދަތި ކުރުމުގެ އައު ފިޔަވަޅުތަކެއް އަޅައި، ކުރިން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައެވެ. އީރާނުން ބުނަނީ، ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް އިތުރަށް ބާރުވެރި ކުރުވައި، ހަމަނުޖެހުން ހިންގުމަށް އެމެރިކާއިން ހިތްވަރު ދެމުންދާ ކަމުގައެވެ.

މި ފިޔަވަޅުތަކާ ގުޅިގެން، އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ އެއްބަސްވުމަށް ރުޖޫޢަވުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅޭނެ ކަމަށް ބެލެވެއެވެ. 2015ވަނަ ހަދާފައިވާ އެ އެއްބަސްވުމަކީ، އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފައްދަން ކުރާ މަސައްކަތްތައް ހުއްޓުމަކަށް ގެނައުމަށް ހުޅަނގުން އެ ޤައުމާ އެކު ހަދާފައިވާ އެއްބަސްވުމެކެވެ. ނަމަވެސް، 2018ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ޑޮންލްޑް ޓްރަމްޕްގެ ވެރިކަމުގައި އެ އެއްބަސްވުން ވަނީ އުވައިލާފައެވެ.